ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ނ. މަގޫދޫ ބަނދަރު ހުޅުއްވައިދެއްވައިފި


  • ނ.މަގޫދޫ ބަނދަރުގެ މަސައްކަތްކޮށްފައިވަނީ 46 މިލިއަން ރުފިޔާއަށް

  • މިމަސައްކަތްކޮށްފައިވަނީ އެމްޓީސީސީއިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނ. މަގޫދޫ ބަނދަރު ހުޅުއްވައިދެއްވައިފިއެވެ. ބަނދަރު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ނ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުތުރުފުޅުގެ ތެރެއިންނެވެ.

މިލަދުންމަޑުލު ދެކުނުބުރީގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މަގޫދުއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބުވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

އާބާދީގައި 350 މީހުން ދިރިއުޅޭ މަގޫދޫ ބަނދަރުގެ މަސައްކަތް އެންމެ ފުރަތަމަ ތަރައްޤީކޮށްފައިވަނީ 2017 ވަނަ އަހަރުގައެވެ. ބަނދަރު އަލުން އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ 46 މިލިއަން ރުފިޔާ ޚަރަދުކޮށްގެންނެވެ. މިމަޝްރޫޢު ކުރިއަށްގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއި ހަވާލުކޮށްގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ މަގޫދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންވަނީ އެރަށުގައި ފިޓްނެސް އެންޑް ރެކްރިއޭޝަނަލް ސެންޓަރުގެ ބިންގާ އަޅާފައެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު ޢަބުދުﷲ ރާފިޢުއެވެ. މިމަސައްކަތް ޙަވާލުކުރައްވާފައިވަނީ އެމްޓީސީސީއާއެވެ.