ޚަބަރު

މިނިވަން ދިވެހިރާއްޖެ ޑޮކިއުމެންޓްރީ: ދިވެހި ތާރީޚަށްޓަކާ ކުރެވޭ ޢިލްމީ މުހިންމު މަސައްކަތެއް


  • މިނިވަންކަމުގެ ރޫހު ދިވެހިންގެ ކިބައިގައި އުފެދިގެން އައިގޮތް ތަފްޞީލުކޮށްދޭނެ

  • އިނގިރޭސީންގެ ހިޔާމަޔަތަށް ދާންޖެހުނު ސަބަބުތަކާއި އެކަމުގެ ވަށައިގެން ހިނގާދިޔަ ކަންކަން

ދިވެހިރާއްޖޭގެ ފަޚުރުވެރި 60 ވަނަ މިނިވަން ދުވަހަށް ޚާއްސަކޮށްގެން ޕީއެސްއެމް ނިއުސްއިން ތައްޔާރުކުރާ "މިނިވަން ދިވެހިރާއްޖެ" ޑޮކިއުމެންޓްރީއަކީ ފުރިހަމަ މިނިވަން ޤައުމަކަށް ރާއްޖެވުމަށް ދިވެހިން ކުރި ދަތުރު ތަފްޞީލުކޮށްދޭނެ މުހިންމު ޑޮކިއުމެންޓްރީއެކެވެ.

މިއީ އިނގިރޭސީންގެ ހިމާޔަތުން ވީއްލުމަށް ދިވެހިންކުރި މަސައްކަތާއި އެކަމުގެ ވަށައިގެން ހިނގާދިޔަ މުހިންމު ކަންކަން ތަފްޞީލުކޮށްދޭނެ ޑޮކިއުމެންޓްރީއެކެވެ.

މި ޑޮކިއުމެންޓްރީގައި ދިވެހިން އިނގިރޭސީންގެ ހިމާޔަތުން ވީއްލި، ފުރިހަމަ މިނިވަން ޤައުމަކަށްވުމަށް ރާއްޖޭން ކުރި ދަތުރުގެ މުހިންމު ހަނދާންތަކަކާއި ވާހަކަތައް ވަރަށް ތަފްޞީލުކޮށް ގެނެސްދެވޭނެއެވެ. އެގޮތުން 1887 ވަނަ އަހަރު ރާއްޖެ އިނގިރޭސިންގެ ޙިމާޔަތުގެ ދަށަށް ދާންޖެހުނު ސަބަބުތަކާއި، އެކަމުގެ ވަށައިގެން ހިނގާދިޔަ މުހިންމު ކަންކަން ގެނެސްދެވޭނެއެވެ. ހަމައެހެންމެ އޭރު ދިވެހިންގެ ދިރިއުޅުމުގެ ޙާލަތާއި، ތާރީޚީގޮތުން އެނގެންހުރި މުހިންމު ކަންކަމުގެ މައްޗަށް މި ޑޮކިއުމެންޓްރީގައި ބަލާލެވޭނެއެވެ.

ޕީއެސްއެމް ނިއުސްއިން އުފައްދާ "މިނިވަން ދިވެހިރާއްޖެ" ޑޮކިއުމަންޓްރީއަކީ ރާއްޖެއިން މިނިވަންކަން ހޯދުމަށް ކުރި ދަތުރުގައި، މީގެކުރިން ނުފެންނަ އެތަށް މަންޒަރުތަކާ ވާހަކަތައް ހިމަނައިގެން ހަދާ ޑޮކިއުމަންޓްރީއެކެވެ. މި ޑޮކިއުމެންޓްރީ ތައްޔާރުކުރުމުގައި ޕީއެސްއެމް ނިއުސްޓީމުން ވަނީ ތާރީޚުން އެނގެންހުރި މަޢުލޫމާތުތަކާއި ހޯދުންތައް އެއްކޮށްގެން ދިރާސާކޮށްފައެވެ. އަދި ކަމުގެ ތަޖުރިބާކާރުންގެ ޚިޔަލާއި މަޝްވަރާވެސް ހޯދާފައިވެއެވެ.

މި ޑޮކިއުމެންޓްރީއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ މި މަސައްކަތަކީ ތާރީޚު ކިޔައިދިނުމުގައި ސަރުކާރުން ކުރައްވާ މަސައްކަތަށް ބާރުލިބޭ ވަރަށް އަގުހުރި މުހިންމު މަސައްކަތެއްކަމަށެވެ.

މި މަސައްކަތަކީ ވަރަށް ޒުވާން ޓީމަކުން ކުރަމުންދާ މަސައްކަތަކަށްވާތީ، އެކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މި ޑޮކިއުމަންޓްރީގެ އިންޓަވިއުތަކާ މަންޒަރުތަކުން، ރާއްޖޭގެ މިނިވަންކަން ހޯދުމަށް ކޮޅުބުގައި ހިނގި މުހިންމު އެތަށް ކަމެއްގެ ވާހަކަތައް ކިޔައިދޭނެއެވެ. މީގެތެރޭގައި މީގެކުރިން އިވިފައި ނުވާ އަދި އެހާ އާއްމުވެފައިނުވާ ވަރަށް ޝައުގުވެރި ވާހަކަތައް ހިމެނެއެވެ.

"ޢިލްމީގޮތެއްގައި ތާރީޚު ދިރާސާކުރުމަށް ކުރެވުނު ވަރަށް މުހިންމު މަސައްކަތެއް މިއީ. މަޢުލޫމާތު އެއްކުރުމަށް ތާރީޚުގެތެރެއަށް ފުންކޮށް ފީނާފަވަނީ. ޒުވާން ޖީލުގެ ހިތްތަކަށް މި ވާހަކަތައް ފޯރުކޮށްދިނުމަށް، އެމީހުންނަށް ޤަބޫލުކުރެވޭ މިންގަނޑުން ކުރެވިފައިވާ މަސައްކަތެއް މިއީ." ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވިއެވެ.

ދިވެހި ޖީލު ހަތަރު ހާހެއްހާ އަހަރަށް ދެމިތިބި ތިބުން، އެއީ އެކަމުގައި ޤައުމިއްޔަތުގެ ވަރަށް ގިނަ ވާހަކަތައް ހިމެނޭ ކަމެއްކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މި ޑޮކިއުމެންޓްރީ އުފެއްދުމުގައި ޕީ.އެސް.އެމް ނިއުސްއިން އިސްނެގިނަމަވެސް، މި ޑޮކިއުމެންޓްރީ އާންމުންނާ ހަމައަށް ގެނެސް މިދެވެނީ ޚާރިޖީ ވުޒާރާއާއި، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވުޒާރާ އަދި ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމަކާއެކުގައެވެ.

އެއްގަޑިއިރުގެ މި ޑޮކިއުމެންޓްރީ އޮން-އެއަރކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު 14:30 ގައެވެ.