މި އަހަރުގެ ފުރަތަމަ 6 މަސްތެރޭގައި ޒަކާތު ފަންޑުން 30.7 މިލިޔަން ރުފިޔާ ހޭދަކޮށްފިއެވެ.
މި ހިނގާ 2025 ވަނަ އަހަރުގެ ޖަނަވަރީން ފެށިގެން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ޒަކާތު ފަންޑުން 30.7 މިލިޔަން ރުފިޔާ ޒަކާތުގެ ބެހެނިވެރިންނަށް ވަނީ ހޭދަކޮށްފައެވެ. އެގޮތުން ފަޤީރުން އަދި މިސްކީނުންނަށް، ހާލުގައިޖެހިފައިވާ ދަތުރުވެރިންނަށް، ފީސަބީލިﷲ ބައި އަދި ޢާމިލުންނަށް ވަނީ ހޭދަކުރެވިފައެވެ.
ޒަކާތު ފަންޑުން ފުރަތަމަ 6 މަސްދުވަހު ހޭދަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ސީދާގޮތުން އެހީގެ ގޮތުގައި ބޮލަކަށް 5000 ރުފިޔާގެ މަގުން 14.2 މިލިޔަން ރުފިޔާ ވަނީ ބަހާފައެވެ. އަދި ނުސީދާގޮތުން ފަޤީރުންނާއި މިސްކީނުންގެ ބައިން ޚާއްޞަ ޙާލަތްތައް މެދުވެރިވެގެން ޙާލުގައި ޖެހޭ ފަރާތްތަކަށް ޒަކާތު ފަންޑުން 78،377.97 ރުފިޔާގެ އެހީދެވިފައިވެއެވެ.
މީގެ އިތުރުން ފަޤީރުންނާއި މިސްކީނުންގެ ބައިން ފުދުންތެރިކަން ނެތް ފަރާތްތަކަށް ދެވޭ ބޭސްފަރުވާގެ އެހީ 594 މީހަކަށް ވަނީ ދީފައެވެ. އެހީގެގޮތުން 8،509،141.06 ރުފިޔާ ވަނީ ވޭތުވެދިޔަ 6 މަސްދުވަހު ހޭދަކޮށްފައެވެ. މީގެ ތެރޭގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކެންސަރު ބަލީގެފަރުވާ ހޯދުމަށް އެހީތެރިކަމަށް އެދިފައިވާ ފަރާތްތަކަށެވެ.
• ކެންސަރު: 2،398،178.99 ރުފިޔާ
• ހިތުގެ ބަލިތަކަށް: 262،905.74 ރުފިޔާ
• ޓްރާންސްޕްލާންޓް: 1،329،151.11 ރުފިޔާ
• ސިކުނޑީގެ ބަލިތަކަށް: 916،584.38 ރުފިޔާ
• ފުއްޕާމޭގެ ބަލިތަކަށް: 146،081.00 ރުފިޔާ
• ކިޑްނީގެ ބަލިތަކަަށް: 318،902.50 ރުފިޔާ
• އެހެނިގެން ބަލިތަކަށް: 4،188،096.43 ރުފިޔާ
މީގެ އިތުރުން ޢާމިލުންގެ ބައިން އިދާރީ މުވައްޒަފުންގެ އުޖޫރައަށް 1.8 މިލިޔަން ރުފިޔާ ޚަރަދުވެފައިވާއިރު ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ 2024 ގެ ޕެނަލިސްޓުންނަށް 4،775.86 ރުފިޔާ ހޭދަވެފައިވާކަމަށް ޒަކާތު ހައުސްގެ ތަފާސްހިސާބުން ދައްކައެވެ.
އެއާއެކު އިބުނުސަބީލް ބައިން ނުވަދަ ދަތުރުމަތީގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވަނިކޮށް ޙާލުގައި ޖެހި، އެޙާލަތުން ސަލާމަތްވުމަށް 428،107.32 ރުފިޔާ ހޭދަކުރެވިފައިވެއެވެ. މީގެ އިތުރުން ފީސަބީލިﷲ ބައިން ނުވަދަ ﷲ ގެ މަގުގައި ހޭދަކުރުމަށް، ތަޢުލީމާއި ތަމްރީންފަދަ ކަންކަމަށް ވަނީ ޙަރަދުކޮށްފައެވެ.
• ޤުރުއާން ހިތުދަސްކުރުމާއި ޤުރުއާނުގެ ޢިލްމު ފެތުރުމަށް: 3،287،555.44 ރުފިޔާ
• ޓްރެއިނިންގް ކޯސްތަކަށް: 1،000 ރުފިޔާ
• ފޮތް ތަރުޖަމާކުރުމަށް: 578،460.00 ރުފިޔާ
• ދީނީ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް: 1،716،545.26 ރުފިޔާ
• މަތީ ތަޢުލީމު ކުރިއެރުވުމަށް: 60،488.76 ރުފިޔާ
ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ދަނީ އެކި ދާއިރާތަކުން ބޭނުންޖެހިފައި ތިބި ދިވެހި ރައްޔިތުންނަށް ކޮންމެ މަހަކުވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އޭގެ ތެރޭގައި ދިރިއުޅުމުގެ ޟަރޫރީ ކަންކަމަށް އެހީވުމަށާއި ކޮންމެ އަހަރަކު ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ނަޤުދު ފައިސާގެ އެހީ ފޯރުކޮށްދިނުމާއި ފަޤީރުންގެ ބޭސް ފަރުވާއަށް ހޭދަކުރުމާއި މި ނޫންވެސް ގިނަ ކަންކަމަށް ޒަކާތު ފަންޑުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.