ކުނިވެފައި، ނުވަތަ ޖަރާސީމެއްގެ އަސަރު ކޮށްގެން ނުބައިވެފައިވާ ކާނާއެއް ކެއުމާ ގުޅިގެން ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ކާނާ ވިހަވެ، ގޭގައި މަޑު ކުރަން މަޖުބޫރުވެއްޖެއެވެ. އޭނާގެ އޮފީހުން ބުނީ، ކާނާ ވިހަވެފައިވާ ނަތަންޔާހޫ ތިން ދުވަސް ވަންދެން ގޭގައި މަޑު ކުރުމަށް އޭނާގެ ޑޮކްޓަރުން ލަފާދީފައިވާ ކަމުގައެވެ.
އަނިޔާވެރި ނަތަންޔާހޫ ގޭގައި މަޑު ކުރަން މަޖުބޫރުވެފައި މި ވަނީ، އޭނާގެ އަމުރަށް ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 58,000އަށް އުފުލިފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ދާއިރާގެ މަޞްދަރުތަކުން ހާމަކުރިއެވެ. ނަމަވެސް، ޣައްޒާގެ މީޑިޔާ އޮފީހުން ބުނީ، އެ އަދަދު 61,700އަށްވުރެ މައްޗަށް އުފުލިފައިވާ ކަމުގައެވެ.
ނަތަންޔާހޫގެ އޮފީހުން ބުނީ، ކާނާ ވިހަވެ، ގޭގައި މަޑު ކުރަން ޖެހުނު ނަމަވެސް، ބޮޑުވަޒީރު ކަމުގެ މަޤާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާ ކުރުމުގައި އޭނާ ދެމިހުންނާނެ ކަމުގައެވެ. ޑޮކްޓަރުންނާ ޙަވާލާދީ ނަތަންޔާހޫގެ އޮފީހުން ބުނީ، އޭނާގެ ގޮހޮރު ދުޅަވެފައިވާ ކަމަށާއި، ޑީހައިޑްރޭޓްވުން، ނުވަތަ ހަށިގަނޑުން ފެން މަދުވުމާ ގުޅިގެން އޭނާއަށް އައިވީ ފޯރުކޮށްދެމުންދާ ކަމުގައެވެ. 2023ވަނަ އަހަރު ނަތަންޔާހޫއަށް ހިތުގެ މައްސަލަތަކެއް ކުރިމަތިވުމާ ގުޅިގެން ޕޭސްމޭކަރއެއް ލައްވާފައިވެއެވެ. އަދި، 2024ވަނަ އަހަރުގެ ޑިސެންބަރު މަހު އޭނާގެ ޕްރޮސްޓޭޓް ވަނީ ނަގާފައެވެ.
ބަލިވެ، ގޭގައި މަޑުކުރަން ޖެހުމާ އެކު، ޖުލައި 20ވަނަ ދުވަހު ބާއްވާފައިވާ ޒަޔަނިސްޓުންގެ ޤާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުމުގައި ނަތަންޔާހޫ ބައިވެރިވެފައެއް ނުވެއެވެ. އަދި، ޖުލައި 21ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަޑުއެހުމަކަށް ހާޒިރުވުމަށް ވެސް އޭނާ ވަނީ އުޒުރުވެރިވެފައެވެ. އެއީ، އޭނާއާ ދެކޮޅަށް ކޯޓުގައި ހިންގަމުންދާ ކޮރަޕްޝަންގެ މައްސަލައެއްގެ އަޑުއެހުމެކެވެ.