ކޯމާއެއްގައި އޮންނަވާތާ 20 އަހަރުވެފައިވާ ސަޢުދީ ޢަރަބިއްޔާގެ އަމީރެއް ކަމަށްވާ އަލްވަލީދު ބިން ޚާލިދު ބިން ޠަލާލް އަވަހާރަވެއްޖެއެވެ.
“ސްލީޕިންގ ޕްރިންސް”ގެ ގޮތުގައި މަޝްހޫރުވެފައިވާ އަމީރު އަލްވަލީދު ކޯމާއަކަށް ދިޔައީ އޭނާ އިނގިރޭސިވިލާތުގައި ކިޔަވަން ހުންނެވި ދުވަސްވަރު އެކްސިޑެންޓެއްވުމަށް ފަހުގައެވެ. އޭރު އޭނާގެ އުމުރަކީ އެންމެ 15 އަހަރެވެ. 2005ވަނަ އަހަރު ލަންޑަންގައިވި މި އެކްސިޑެންޓަށްފަހު އެއްވެސް ވަރަކަށް އޭނާގެ ހޭ އަރައިފައެއް ނުވެއެވެ. ފާއިތުވި 20 އަހަރު އޭނާގެ ޞިއްޙީ ކަންކަން ގާތުން ބަލަމުން ދިޔަ ނަމަވެސް މަދު ފަހަރެއްގައި ނޫނީ ހަށިގަނޑުން އެއްވެސް ޙަރަކާތެއް ފެނިފައެއް ނުވެއެވެ. ނަމަވެސް މި ގޮތަށް ކުޑަ ޙަރަކާތެއް ފެނުމުން ވެސް އަމީރު އަލްވަލީދުގެ ޢާއިލާއަށް އޭނާ އަލުން ހޭލައްވާނެ ކަމުގެ އުއްމީދު އައުވެގެން ދެއެވެ.
ފާއިތުވި 20 އަހަރު އަމީރު އަލްވަލީދު އޮންނެވީ ވެންޓިލޭޓަރުގައެވެ. ނަމަވެސް ދިރުއްވުމާއި މަރު ހިއްޕެވުމަކީ ހަމައެކަނި اللهފެ އަތްޕުޅުގައި އޮންނަ ކަމެއް ކަމަށް ވިދާޅުވެ، އަލްވަލީދުގެ ބައްޕާފުޅު، ޚާލިދު ބިން ޠަލާލް ވަނީ އޭނާގެ ދަރިކަލުން ވެންޓިލޭޓަރުން ނެގުމަށް ދެކޮޅުހައްދަވައިފައެވެ. ފާއިތުވި އަހަރުތަކުގައި ޚާލިދު ބިން ޠަލާލް ދިޔައީ އޭނާގެ ދަރިކަލުންނާ ގުޅޭ މަޢުލޫމާތު މީސްމީޑިޔާގައި ޙިއްޞާކުރައްވަމުންނެވެ. ރަމަޟާން މަހާއި ޢީދު ފަދަ ޙާއްޞަ މުނާސަބަތުތަކަށް ދަރިކަލުން ހަސްފަތާލުގައި އޮންނަވާ ކޮޓަރި ވެސް ޒީނަތްތެރި ކުރައްވައެވެ. “ސްލީޕިންގ ޕްރިންސް”އަށް އެތައް މިލިޔަން މީހުންގެ ލޯތްބާއި ހަމްދަރުދީ ދިޔައީ ލިބެމުންނެވެ.
އަމީރު އަލްވަލީދު އަވަހާރަވިކަން އޭނާގެ ބައްޕާފުޅު އިޢުލާނުކުރެއްވީ މީސްމީޑިޔާގެ މަންސައެއް ކަމަށްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އަމީރު އަލްވަލީދުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ރިޔާޟުގައި ހުންނަ އިމާމް ތުރްކީ ބިން ޢަބްދުالله މިސްކިތުގައެވެ. އޭނާ އަވަހާރަވިއިރު އުމުރަކީ 36 އަހަރެވެ.