ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ހަމައެކަނި ކުލަބަކީ ޗެލްސީ ކަމަށް ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ނިންމައިފި އެވެ.
އެ ޖަމާއަތުން މިކަން އާއްމުކޮށްފައިވަނީ ސޯޝަލް މީޑިއާގަ އެވެ. ޗެލްސީގެ ފޮޓޯއެއް ހިއްސާ ކުރަމުން ފީފާއިން ބުނެފައިވަނީ މިއީ ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކުރި ހަމައެކަނި ޓީމު ކަމަށެވެ.
އެ ޖަމާއަތުން މި ގޮތަށް ނިންމާފައިވަނީ މި އަހަރު 32 ޓީމު ބައިވެރިކޮށްގެން މުޅިން އައު ފޯމެޓަކަށް މުބާރާތް ކުޅެން ފަށާފައި ވަނިކޮށެވެ. އެމެރިކާގައި އެއް މަސް ދުވަހުގެ މުއްދަތަށް ކުޅުނު މުބާރާތް ޗެލްސީ ކާމިޔާބު ކުރީ ފްރާންސާއި ޔޫރަޕުގެ ޗެމްޕިއަން އަދި މުބާރާތުގެ ހޮޓް ފެވަރިޓުންގެ ގޮތުގައި ބެލެވުނު ޕީއެސްޖީ ފައިނަލުގައި 3-0އިން ބަލިކޮށްފަ އެވެ.
ފީފާއިން މިހާރު ހަމަޖައްސާފައިވަނީ މީގެ ކުރިން ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކުރި ޓީމުތަކަކީ ފީފާ އިންޓަ ކޮންޓީނެންޓަލް ކަޕް ހޯދި ޓީމުތަކުގެ ގޮތުގަ އެވެ.
ކުލަބު ވޯލްޑް ކަޕް އެންމެ ފުރަތަމަ ބޭއްވީ 2000 ވަނަ އަހަރު އެވެ. އޭގެ ފަހުން 2005 ވަނަ އަހަރުން ފެށިގެން މި މުބާރާތް ކޮންމެ އަހަރަކު ބާއްވަމުން އައީ ކޮންމެ ބައްރެއްގެ ވެސް ޗެމްޕިއަނުންގެ މެދުގައި ކުރު މުބާރާތެއްގެ ގޮތުގަ އެވެ. މި ގޮތުން ޔޫރަޕުގެ ޗެމްޕިއަނުން މުބާރާތް ފަށަނީ ވެސް ސެމީ ފައިނަލާ ހަމައިންނެވެ.
މި މުބާރާތް މުޅިން ތަފާތު ފޯމެޓަކަށް ބަދަލުކޮށް، މިހާތަނަށް ތަށި ހޯދި ހަމައެކަނި ޓީމަކީ ޗެލްސީ ކަމަށް ފީފާއިން ނިންމިއިރު ކުލަބު ވޯލްޑް ކަޕުގެ ނަމުގައި މުބާރާތް ކުޅެ މިހާތަނަށް ތަށިތަކެއް ހޯދާފައިވާ ޓީމުތަކެއް އެބަތިއްބެވެ. ނަމަވެސް މި ފަހަރު ޗެލްސީ އަށް ދީފައިވަނީ މުޅިން ތަފާތު ޑިޒައިނަކަށް ތައްޔާރުކޮށްފައިވާ އައު ޓްރޮފީ އެކެވެ. މި ގޮތުން އިނގިރޭސިވިލާތުން މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް އަދި މެންޗެސްޓާ ސިޓީ ވެސް ވަނީ މި ތަށި ކާމިޔާބުކޮށްފަ އެވެ.
މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ސްޕޭނުގެ ރެއާލް މެޑްރިޑެވެ. އެ ކުލަބުން ފަސް ފަހަރު މި ތަށި ހޯދާފައިވާއިރު ބާސެލޯނާއިން ތިން ފަހަރު ތަށީ ކާމިޔާބު ކުރި އެވެ. ޖަރުމަނުގެ ބަޔާން މިއުނިކާއި ބްރެޒިލްގެ ކޮރިންތިއަންސް ދެ ފަހަރު މި ތަށި ހޯދާފައިވެ އެވެ.