އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު %9.6 އިތުރު އަދަދެކެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ނެރެފައިވާ އެންމެ ފަހުގެ ޓޫރިޒަމް އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1،202،262 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،097،160 ފަތުރުވެރިންނެވެ.
ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، ޖުލައިމަހުގެ ފުރަތަމަ 16ވަނަ ދުވަހުގެތެރޭ ރާއްޖެއަށް ވަނީ 94،132 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މުއްދަތާ އަޅާ ބަލާއިރު 15.3% އިތުރު އަދަދެކެވެ.
ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5،883 ފަތުރުވެރިން އާދެއެވެ. މި ފާއިތުވީ ދެ މަހު މި އަދަދު ހުރީ 4،000ގައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ.
ޗައިނާ – 165،134 ފަތުރުވެރިން
ރަޝިއާ – 140،298 ފަތުރުވެރިން
އިނގިރޭސިވިލާތް – 115،133 ފަތުރުވެރިން
ތަފާސްހިސާބުތައް ދައްކާގޮތުން، އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ %72.8އެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. އެއީ %22.2 އެވެ. %2.7 އާއިއެކު 3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ހޮޓާތަކުގައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިއަހަރަށް އަމާޒު ހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. މިހާތަނަށް 1.2 މިލިޔަން ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި މިމަހުގެ 26 ވަނަ ދުވަހު ވީއައިއޭގެ އައު ޕެސެންޖަރ ޓަރމިނަލް ހުޅުވުމާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.