ޢިރާޤުގެ އިރުމަތީގައި އޮންނަ އަލް-ކޫތު ސިޓީގައި ހުރި ބޮޑު ފިހާރަބަރިއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި، 60އެއްހާ މީހުން މަރުވެއްޖެއެވެ. އެ ރަށުގެ ޞިއްޙީ ދާއިރާގެ އޮފިޝަލުންނާއި ފުލުހުން ބުނީ، އަލިފާން ރޯވި އިމާރާތުގެ ތެރޭގައި ގެއްލިފައިވާ ކަމަށް ބެލެވޭ އިތުރު 11 މީހަކު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ.
އަލިފާން ރޯވެފައި ވަނީ ފަސް ފަންގިފިލައަށް ބިނާކޮށްފައި ހުރި ފިހާރަބަރިއެއްގައެވެ. އެ ތަނުގައި އަލިފާން ރޯވީ ރޭގަނޑުގެ ވަގުތުގައި ކަމުގައި ރިޕޯޓުތައް ބުނެއެވެ. އެ ސަރަޙައްދުން ޢާންމު ކޮށްފައިވާ ވީޑިޔޯތަކުން ފެންނަނީ، އިމާރާތުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވައިލުމަށް، އަލިފާން ނިއްވާ ޓީމުތަކުގެ މެންބަރުން މަސައްކަތް ކުރަމުންދާ މަންޒަރެވެ.
ކޫތު ސިޓީގެ ޞިއްޙީ ދާއިރާގެ އޮފިޝަލަކު ބުނީ، އަލިފާނުގެ ހާދިސާގައި މަރުވެފައިވާ 59 މީހެއްގެ ހަށިގަނޑު ދެނެގަނެވިފައިވާ ކަމުގައެވެ. އަދި، އިތުރު ހަށިގަނޑެއް ފެނިފައިވި ނަމަވެސް، އެއީ ކާކުގެ ހަށިގަނޑެއް ކަން ދެނެގަނެވިފައި ނުވާ ކަމުގައެވެ. "އަނދާފައިވާ އިމާރާތުގެ ދަށުގައި އަދިވެސް ނުފެންނަ ހަށިތައް އެބަވޭ،" ކޫތު ސިޓީގެ އިސް އޮފިޝަލެއް ކަމުގައިވާ ޢަލީ އަލް-މަޔާޙީ ވިދާޅުވިއެވެ.
ކޫތު ސިޓީގައި ހުރި ފިހާރަބަރީގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމުގައި އެ ރަށުގެ އޮފިޝަލުން ބުންޏޭވެ. ނަމަވެސް، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެ ކަން ދެނެގަނެ، އެ މަޢުލޫމާތު ހާމަ ކުރާނެ ކަމުގައި އެ ސަރަޙައްދުގެ ގަވަރުނަރު ބުންޏެވެ. އަދި، އިމާރާތާއި ފިހާރަބަރީގެ ވެރިފަރާތާއި ދެކޮޅަށް ދަޢުވާ އުފުލާފައިވާނެ ކަމުގައި ވެސް ގަވަރުނަރު ބުންޏެވެ.