ޚަބަރު

ހުޅަނގު އައްސޭރީގައި ޔަހޫދީން ހިންގާ ޤަތުލުޢާއްމު ފުޅާކޮށްފި: އދ


ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންގެ ނަޞްލު ހޭދަ ކުރުމަށް ޔަހޫދީންގެ ނިރުބަވެރި ފައުޖުން ހިންގަމުންދާ ޖަރީމާތައް ފުޅާކޮށްފައިވާކަމަށް، އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ އޮފީހުން ބުނެފިއެވެ.

“އިރުމަތީ ޤުދުސް ހިމެނޭ ގޮތަށް ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ވަޒަންވެރިންނާއި ސަލާމަތީ ބާރުތަކުން ފާއިތުވި ހަފްތާތަކުގެ ތެރޭގައި ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކުރުމާއި ދުއްތުރާކުރުން ވަނީ ވަރުގަދަކޮށްފައި،" އޯޗީއެޗްއާރުސީގެ ތަރުޖަމާނު ތަމީން އަލް ޚީތާން ވިދާޅުވިއެވެ.

އދ.އިން ބުނާ ގޮތުގައި، މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޔަހޫދީން ވަނީ، ހުޅަނގު އައްސޭރީގައި ދިރިއުޅޭ 40،000 އަށް ވުރެ ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރު ގެއްލުވާލައިފައެވެ.

ހުޅަނގު އައްސޭރިއަކީ ޒަޔަނިސްޓުންގެ އިސްރާއީލާއި އުރުދުނާ ދެމެދުގައި އޮތް 5,600އެއްހާ އަކަ ކިލޯމީޓަރުގެ ފަލަސްޠީނުގެ ބިމެކެވެ. ނަމަވެސް، 1967ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައަށް ފަހު ޔަހޫދީން ވަނީ އެ ބިމަށް ވެރިވެގަނެފައެވެ. އަދި، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީން ދަނީ ހުޅަނގު އައްސޭރީގެ ބިންތައް ފޮތިފޮތިކޮށް، އިތުރު ބިންތަކަށް އަތްގަދަ ކުރަމުންނެވެ. އަދި، އެ ތަނުގައި ޔަހޫދީން ވަޒަންވެރި ކުރުވަމުންނެވެ. އެ ބިމުގައި ދިރިއުޅޭ މުސްލިމުންގެ މައްޗަށް ޔަހޫދީން ދަނީ އިސްތިޢުމާރީ ވެރިކަމެއް ހިންގަމުންނެވެ.

2013 އާއި 2023 އާ ދެމެދު ހުޅަނގު އައްސޭރީގައި ވަޒަންވެރިވި ޔަހޫދީންގެ ޢަދަދު 38 އިންސައްތަ އިތުރުވެ، 374،000 އިން 517،000 އަށް އަރާފައިވާ ކަމަށް ހުޅަނގު އައްސޭރީގެ ސެޓްލްމަންޓް ކައުންސިލް، ޔެޝާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ޖެނުއަރީ މަހުން ފެށިގެން ފަލަސްޠީނުގެ ރައްޔިތުންނަށާއި މުދަލަށް 757 ޔަހޫދީ ވަޒަންވެރިން ޙަމަލާތައް ދީފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %13 އިތުރުވުމެއް ކަމަށް އޯއެޗްސީއެޗްއާރު އިން ބުނެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ ވަޒަންވެރިންނާއި ނިރުބަވެރި ފައުޖުން ދިން ޙަމަލާތަކުގައި އިރުމަތީ ޤުދުސް ހިމެނޭ ގޮތަށް ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ 964 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.