ޚަބަރު

އެމެރިކާ ބޭނުންވި ގޮތަށް ލުބްނާނުން ފިޔަވަޅު އަޅައި ޙިޒްބުالله މާލީ ގޮތުން ފިއްތާލަނީ


ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهއާ ގުޅުން އޮތް މާލީ އިދާރާތަކާ އެކު ފައިސާގެ އަދި ވިޔަފާރީގެ މުޢާމަލާތު ހިންގުން އެ ޤައުމުގެ މަރުކަޒީ ބޭންކުން މަނާކޮށްފިއެވެ. މިއީ، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރުއްސުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަ ކުރެއެވެ. މި ފިޔަވަޅާ އެކު، ލުބްނާންގެ ސަރުކާރުން މި ވަނީ ޙިޒްބުاللهގެ މާލިއްޔަތަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރުވާފައެވެ.

ލުބްނާންގެ މަރުކަޒީ ބޭންކުން ނެރެފައިވާ ސަރކިޔުލާގައި ބުނެފައި ވަނީ، ޙިޒްބުاللهއާ ގުޅުން އޮތް މާލީ އިދާރާތަކާ އެއްވެސް މުޢާމަލާތެއް ހިންގުން އެ ޤައުމުގެ ބޭންކުތަކާއި މާލީ ޚިދުމަތް ފޯރުކޮށްދޭ އިދާރާތަކާއި ކުންފުނިތަކަށް މަނާ ކޮށްފައިވާ ކަމުގައެވެ. ޙިޒްބުاللهއާ ދެކޮޅަށް އެ ޤައުމުގެ ސަރުކާރުން ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައި މި ވަނީ، ޔަހޫދީ ފައުޖުން އެ ޤައުމުގެ އެކި ސަރަޙައްދުތަކަށް ނިރުބަވެރި ޙަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ.

ޙިޒްބުاللهގެ އިސް މެންބަރުން ޝަހީދު ކޮށްލުމުގެ ނަމުގައި ޔަހޫދީ ފައުޖުން އެންމެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި 12 މީހުން ޝަހީދު ކޮށްލިއެވެ. އަދި، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލިއެވެ. މިއީ، 2024ވަނަ އަހަރުގެ ނޮވެންބަރު މަހު ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަން ފެށި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމާ ޚިލާފަށް ޔަހޫދީ ފައުޖުން ދީފައިވާ އެންމެ ވަރުގަދަ ޙަމަލާތަކެވެ.

2023ގެ އޮކްޓޫބަރުން ފެށިގެން 2024ގެ ނޮވެންބަރާ ދެމެދު ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ކުރި ހަނގުރާމައާ ގުޅިގެން ޙިޒްބުاللهއަށް އަސްކަރީ އަދި މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. އަދި، ލުބްނާންގެ މަރުކަޒީ ބޭންކުގެ އަމުރާ އެކު އެ ޖަމާޢަތަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެގެން ދާނެ ކަމުގައި އެ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ލުބްނާގެ މަރުކަޒީ ބޭންކުން ބުނީ، ޙިޒްބުاللهއާ ގުޅުން އޮތް މާލީ އިދާރާއެއް ކަމުގައިވާ އަލް-ޤަރްޟު އަލް-ޙަސަން ޖަމުޢިއްޔާއާ އެކު މާލީ މުޢާމަލާތު ހިންގުން، އެ ޤައުމުގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ހުރިހާ ބޭންކަކާއި މާލީ އިދާރާތައް، އަދި ކުންފުނިތަކަށް މަނާ ކޮށްފައިވާނެ ކަމުގައެވެ.

މެދުއިރުމައްޗަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު، ތޮމަސް ބަރާކް ވަނީ ލުބްނާންގެ މަރުކަޒީ ބޭންކުގެ މި ނިންމުމަށް މަރުޙަބާ ދަންނަވާފައެވެ. އޭނާ ސިފަ ކުރެއްވި ގޮތުގައި، މިއީ ލުބްނާންގެ ސަރުކާރުން "ހެޔޮ މިސްރާބަކަށް" އަޅާފައިވާ ފިޔަވަޅެކެވެ. ޙިޒްބުاللهގެ މާލީ އިދާރާތަކާ އެކު މުޢާމަލާތު ކުރުން ލުބްނާންގެ މަރުކަޒީ ބޭންކުން މަނާކޮށްފައި މި ވަނީ، ހުސްވި ހަފުތާގައި ބަރާކް އެ ޤައުމަށް ވަޑައިގަންނަވައި، މުހިންމު މަޝްވަރާތަކެއް ބޭއްވި ފަހުންނެވެ.

އަލް-ޤަރްޟް އަލް-ޙަސަން ޖަމުޢިއްޔާއަކީ 2007ވަނަ އަހަރުން ފެށިގެން އެމެރިކާގެ މާލީ ވުޒާރާއިން ފިޔަވަޅު އަޅާފައިވާ ޖަމުޢިއްޔާއެކެވެ. އެއީ، އިސްލާމީ ޝަރީޢާގެ އުސޫލުތަކުގެ ދަށުން ލޯނާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް 1984ވަނަ އަހަރު އުފައްދާފައިވާ މާލީ އިދާރާއެކެވެ. ހުސްވި އަހަރު ޔަހޫދީ ފައުޖުން ލުބްނާންގެ ވެރިރަށް ބައިރޫތާއި ބޮޑެތި އެހެން ރަށްތަކަށް ދީފައިވާ ޙަމަލާތަކުގައި އެ ޖަމުޢިއްޔާގެ މަރުކަޒުތަކަށް ބޮންއަޅައި، ބޮޑެތި ގެއްލުންތަކެއް ދިނެވެ.