ރޭންޖާސް އިތުރުކޮށް ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަކީ އަމާޒެއްކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ގިނަ ސަރަޙައްދުތަކެއް ހުރިނަމަވެސް އެތަންތަން ބެލެހެއްޓުމަށް ހަރަކާތްތެރިވަނީ މަދު ރޭންޖާސްތަކެކެވެ. ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެއެވެ.
ވަޒީރުންގެ 6 ވަނަ "އަހާ" ފޯރަމްގައި ވާހަކަފުޅުދައްވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ. ރާއްޖޭގައި ހިމާޔަތްކޮށްފައިވާ 93 ސަރަހައްދު އޮންނައިރު އެކަށީގެންވާ ގޮތެއްގައި މެނޭޖް ކުރެވެނީ މީގެ ތެރެއިން 5 ސަރަހައްދުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ހިމާޔަތްކޮށްފައިވާ އިތުރު ސަރަހައްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ޕްލޭންތައް ހަދަމުންދާކަމަށެވެ. އެގޮތުން ޕްލޭންތައް ހެދެމުންދާވަރަކަށް އެ ސަރަހައްދުތައް ބަލަހައްޓާނެ ރޭންޖާސް ތަމްރީނު ކުރުމުގެ މަސައްކަތް ކުރަމުންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި މިވަގުތު ރޭންޖާސް ހަރަކާތްތެރި ވަމުންދަނީ ބ. އަތޮޅު، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ށ. އަތޮޅު ފުނަދޫގައި ފަރުކޮޅު ސަރަހައްދު ބަލަހައްޓަންކަން ވަޒީރު ފާހަގަކުރައްވާ ވިދާޅުވީ ރޭންޖާސް ތަމްރީނުކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއެކު ޑިޕްލޮމާ ކޯސްތަކަށް ފުރުޞަތު ހުޅުވާލުމަށް ތައްޔާރުވަމުންދާކަމަށެވެ.
ވަޒީރު ވިދާޅުވީ އަމާޒަކީ ހިމާޔަތްކޮށްފައިވާ ގިނަ ސަރަހައްދުތައް ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖެހިގެންދާއިރު އެ ސަރަހައްދުތަކަށް ބަލަހައްޓާނެ ރޭންޖާސް ހޯދުންތަކަމަށެވެ. ކުރިއަށް އޮށްތަނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރޭންޖާސް ބައިތިއްބާގެން ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓުމަކީ މުހިންމުކަމެއްކަމުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
"ވަރަށް އަވަސްކޮށް ރޭންޖާސް ޑިޕްލޮމާއި ކޯސްތައް އިއުލާންކުރާނަން. އަޅުގަނޑުމެން އެންމެ މުހިންމުކަމެއެ ދޭކަމަކީ މި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުން. އެހެންވީމައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އެތޮޅެއްގެ އެ ސަރަހައްދެއްގެ ރޭންޖާސް ލިބުމަކީ ވަރަށް މުހިންމުކަމެއް" ވަޒީރު ޠާރިޤު ވިދާޅުވިއެވެ.
މިފަހުން ވަނީ އެންދެރި މަޝްރޫއުގެ ދަށުން ތިމާވެއްޓައި ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީއާއި ގުޅިގެން ރޭންޖާސް ތަމްރީނު ކުރުމުގެ ކޯހެއް ފަށާފައެވެ. އެގޮތުން އެ ކޯހުގެ ފުރަތަމަ ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ލ. އަތޮޅަށެވެ. މި ކޯހުން ވަނީ 17 ބައިވެރިން ދަސްވެނިވެފައެވެ.
ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އިތުރައް ބަލަހައްޓައި އެތަންތަނުން ނަފާހޯދުމަށް ޚާއްސަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެއެވެ. އެގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި ފަތުރުވެރިންނަށް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ލިބެން ފެށުމުން އެތަންތަނުން ނަފާލިބެން ފަށާނެކަމަށްވެސް ސަރުކާރުން ވިދާޅުވެ. އެހެންކަމުން އެކަމަށް ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރެވެމުންދާކަމަށް ވަނީ ވިދާޅުވެފައެވެ.