އއ. މާޅޮހުގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު އަބްދުއްރަހްމާން އާދަމްގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. އޭނާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް ނިންމީ ތަހުގީގުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ޒަޚަމްތަކަކާއެކު އަބްދުއްރަހްމާން އާދަމް އޮތްވާ ފެނިގެން އެ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިިވަނީ ރޭ ދަންވަރު 1:50 އެހާކަންހާއިރުކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާ ނިޔާވީ ރޭ ފަތިހު ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނިކޮށްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މިކަމާ ގުޅިގެން ފުލުހުން ވަނީ އެ ރަށުގައި ބޮޑު ތަޙުޤީޤެއް ފަށާފައެވެ.
އަބްދުއްރަހްމާން ނިޔާވުމާ ގުޅިގެން ފުލުހުންގެ ޓީމެއް ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެ ރަށަށް އަރާ ފައިބާ މީހުން މޮނީޓަރ ކުރަމުންދާކަމަށް ދިވެހި ފުލުހުން ވިދާޅުވެއެވެ.
ޢަބްދުއްރަޙްމާން ނިޔާވިއިރު، އޭނާގެ ޢުމުރަކީ 65 އަހަރެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒަޚަމްތަކަކާއެކު ފެނިފައިވާ އަބްދުއްރަހްމާން ދިރިއުޅެމުން ދިޔައީ ގޭގައި އޭނާގެ އަނބިމީހާއެކުގައެވެ. ނަމަވެސް ހާދިސާ ހިނގި ވަގުތު އަނބިމީހާ ހުރީ އެހެން ތަނެއްގައިކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ވަނީ މަޢުލޫމާތު ދީފައެވެ. އެރަށުން މައުލޫމާތު ދިން މީހާ ކިޔައި ދިން ގޮތުގައި ބޮޑަށް އަނިޔާ ދީފައިވަނީ އޭނާގެ ބޮލަށެވެ. އަދި މިހާދިސާ ހިނގިކަމަށް ބޮޑަށް ލަފާ ކުރެވެނީ 12:00 އާއި 1:00 ދެމެދު ވަގުތެއްގައި ކަމަށް ބެލެވޭ ކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.
ނިޔާވި އަބްދުއްރަހްމާނަކީ ދިރިއުޅުމުގެ މަސައްކަތަކަށް މަސްވެރިކަން ކުރަމުން ދިޔަ ފަރާތެއްކަން ވަނީ އެނގިފައެވެ. އަދި އޭނާގެ 2 ކުދިން ތިބޭކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.