ކަނޑުމައްޗަށް ނިކުތް ދެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ ގެއްލިގެން ހޯދަމުންދަނީ ގދ.ގަމުން ފުރި މީހަކާއި ރ.އަތޮޅުގެ ރިސޯޓަކުން ކެނޯއެއްގައި ކަނޑުމައްޗަށް ނިކުތް މީހެއްކަމަށެވެ.
ފުލުހުން ވިދާޅުވީ ގދ.ގައްދޫއިން ގދ.ގަމަށް ދަތުރުކުރި 75 އަހަރުގެ ފިރިހެނެއް ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނުކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން ހެނދުނު 11:15 ހާއިރު އޭނާ ގަމުން ފުރާފައިވާކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ. ފުލުހުން ވިދާޅުވީ އެމީހާ އެންމެފަހުން ލައިގެން ހުރީ ނޫ ކުލައިގެ އަތްކުރު ގަމީހަކާއި ކަޅު ކުލައިގެ ސޯޓެއްކަމަށެވެ. އަދި އެމީހާ ހޯދުމަށް އެމްއެންޑީއެފް ސައުތު ރީޖަން ކޯސްޓްގާޑުން ބޭރު ކަނޑުގެ ސަރަހައްދު ބެލުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށާއި، މީގެއިތުރުން ގަމާއިި ކައިރި ފަޅުރަށްތައް ބެލުމުގެ މަސައްކަތްވެސް ދަނީ ކުރަމުންކަމަށް ފުލުހުން ވިދާޅުވެއެވެ.
ގެއްލިގެން ހޯދަމުން އަންނަ އަނެއް މީހާއަކީ ރ.އަތޮޅުގައި ހިންގާ ރިސޯޓަކުން މިއަދު ހަވީރުގެ ވަގުތެއްގައި ކެނޯއެއްގައި ނިކުތް އެ ރިސޯޓުގެ 35 އަހަރުގެ ދިވެހި ފިރިހެން މުވައްޒަފެކެވެ. އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިރޭ 8:43 ހާއިރުކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ އެމީހާ ހޯދުމަށް ފުލުހުންނާއި ކައިރި ރިސޯޓްތަކުން މަސައްކަތްކުރަމުންދާކަމަށެވެ.