ކުލަބު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ބްރެޒިލްގެ ފުލުމިނޭޒީއާ ދެކޮޅަށް ނުކުންނައިރު އެއީ މޮޅު ޓީމެއް ކަމަށް ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ސިފަކޮށްފި އެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި އޮތް އެންމެ ޒުވާން ޓީމަކީ ޗެލްސީ އެވެ. އުމުރުން ދޮށީ ކުޅުންތެރިން އެންމެ ގިނަ ޓީމަކީ ފުލުމިނޭސީ އެވެ. ނަމަވެސް ކޯޗު މަރެސްކާ ބުނީ ބްރެޒިލްގެ ޓީމުތައް ވަރަށް މޮޅު ކަމަށެވެ.
"މި މުބާރާތަށް ބަލާއިރު ވެސް ބްރެޒިލްގެ ޓީމުތައް މޮޅުކަން ފެންނާނެ. ވަރަށް ހުނަރުވެރި ކުޅުންތެރިން ތިބި ޓީމުތަކެއް ފެނިގެންދިޔައީ. ފުލުމިނޭސީ އަކީ އަބަދުވެސް މި މުބާރާތުގައި ވަރަށް ތަފާތު މޮޅަށް ކުޅުނު ޓީމެއް. ބަލި ކުރަން އުނދަގޫވާނެ،" ކޯޗު ބުންޏެވެ.
އޭނާ އަދި ބުނީ ޗެލްސީ މި މުބާރާތުގެ ސެމީ ފައިނަލަށް އަތުވެދާނެ ކަމަށް ގިނަ ބަޔަކު ހީ ނުކުރާނެ ކަމަށާއި ސަބަބަކީ ޓީމު ޒުވާންވުން ކަމަށެވެ.
"އަހަރުމެން ޕްރެމިއާ ލީގުގައި އުޅެފިން އެންމެ ޒުވާން ޓީމުގެ ގޮތުގައި އެއް އަހަރު. އަދިވެސް އެ ޓީމަށް މާބޮޑު ބަދަލެއް ނާދޭ. އެހެންވީމާ އެއީ އެޑްވާންޓޭޖަކަށް ވަންޏާ ވާންވީ. ޑިސް އެޑްވާންޓޭޖަކަށް ބަލައިފިނަމަ އެކަމަށް ވެސް ތައްޔާރުވެގެން އަހަރުމެން މި ތިބީ މި މެޗުގައި ކުޅެން ތައްޔާރަށް،" ކޯޗު ބުންޏެވެ.
އޭނާ ބުނީ އަމާޒަކީ ފައިނަލް ކުޅުން ކަމަށާއި އިދިކޮޅުން ފައިނަލަށް އަންނާނެ ޓީމަކާ މެދު ނުވިސްނާ ކަމަށެވެ. އެއީ ފައިނަލުގައި ކުޅެން ބޭނުމީ ސްޕޭނުގެ ރެއާލް މެޑްރިޑް ނުވަތަ ފްރާންސްގެ ޕީއެސްޖީތޯ ނޫސްވެރިން ސުވާލު ކުރުމުންނެވެ.
ޕީއެސްޖީ އަކީ ހުސްވި ސީޒަނުގެ ޔޫރަޕުގެ ޗެމްޕިއަނުންނެވެ. ރެއާލް އަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. ދެ ޓީމަކީ ވެސް މި މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ބަލާފައިވާ ދެ ޓީމެވެ.