ކުޅިވަރު

މެސީ ގަތުމުގެ ރޭހަށް އަލް އަހްލީ ވަދެއްޖެ


އެމެރިކާގެ އިންޓަ މިއާމީ އަށް ކުޅޭ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ގަތުމުގެ ރޭހަށް ސައޫދީ އަރަބިއާގެ އަލް އަހުލީ އަނެއްކާ ވެސް ވަދެއްޖެ އެވެ.

އަލް އަހްލީ އަކީ ސައޫދީ އަރަބިއާގެ އެންމެ ވަރުގަދަ އެއް ކުލަބެވެ. 2022 ވަނަ އަހަރު އިންޓަ މިއާމީ އަށް މެސީ ބަދަލު ވުމުގެ ކުރިން ވެސް ހިލާލްއިން އޭނާ ގަތުމަށް މަސައްކަތް ކުރި އެވެ.

މިއާމީ އާއި މެސީއާ ދެމެދު ހަދާފައިވާ ކޮންޓްރެކްޓް އަންނަ ޑިސެމްބަރު މަހަށް ހަމަވާނެ އެވެ. އުމުރުން މިހާރު 38 އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ހުސްވި ހަފުތާގައި ބުނީ މިއާމީގެ ކޮންޓްރެކްޓް ނިމުމުން ވާދަވެރި ލީގެއް ކުޅެން ވިސްނާ ކަމަށެވެ. ގިނަ ބަޔަކު ބުރަވަނީ މިއީ އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފިޓްކޮށް ހުރުމަށް މެސީ ބޭނުންވާތީގެ ގެންނަން ވިސްނާ ބަދަލެއް ކަމުގަ އެވެ.

ނަމަވެސް މިއާމީން ވެސް ދަނީ އޭނާގެ ކޮންޓްރެކްޓް އައު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެ ކުލަބުގެ އެއް ހިއްސާދާރު އިނގިރޭސި ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް ބުނީ 2026 ވަނަ އަހަރު މިއާމީގެ އާ ސްޓޭޑިއަމް ހުޅުވާއިރު ކެޕްޓަން ބޭންޑް އަޅައިގެން މެސީ ހުންނަން ބޭނުންވާ ކަމަށެވެ. އަދި ކޮންޓްރެކްޓް އާ ކުރެވޭނެ ކަމުގެ އުއްމީދު ވެސް އެބައޮތް ކަމަށެވެ.

މެސީ އަށް މިއާމީގައި އަހަރަކު 20 މިލިއަން ޑޮލަރުގެ މުސާރަ އެއް ލިބެ އެވެ. ސައޫދީ އަރަބިއާގެ އަލް ހިލާލްއިން މެސީ އަށް ހުށަހަޅާ ކޮންޓްރެކްޓްގެ މުސާރަ އާއި ބޯނަސްގެ ތަފްސީލެއް ނޭނގެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ހިލާލްއާ ވާދަވެރި އައް ނަސްރުން ވެސް މެސީ އަށް ޝައުގުވެރިވެ އެވެ. އައް ނަސްރަކީ ސައޫދޫގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅޭ ޓީމެވެ. މި ދެ ކުޅުންތެރިއަކީ މިހާތަނަށް ދުނިޔެ ދުށް އެންމެ ވާދަވެރި ދެ ކުޅުންތެރިންނެވެ.