ޚަބަރު

ފަލަސްޠީންގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތު ކުރުމުން އިނގިރޭސިވިލާތުގައި 20 މީހުން ހައްޔަރުކޮށްފި


ފަލަސްޠީނުގެ މިނިވަން ކަމަށާއި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކުރާ ޖަމުޢިއްޔާއެއް ކަމުގައިވާ ޕަލަސްޓައިން އެކްޝަން ގުރޫޕަށް ނިސްބަތްވާ 20 މެންބަރުން އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ހައްޔަރު ކޮށްފިއެވެ. އެ މީހުން ހައްޔަރު ކޮށްފައި ވަނީ ނިރުބަވެރިކަން މަނާކުރާ ޤާނޫނު ދަށުން އެ ޖަމުޢިއްޔާއަކީ ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި އިނގިރޭސި ސަރުކާރުން ކަނޑައެޅުމާ އެކުގައެވެ. އެ ގުރޫޕަށް ނިސްބަތްވާ 20 މީހުން ހައްޔަރު ކޮށްފައި ވަނީ ނިރުބަވެރި ކަމުގެ ތުހުމަތުގައެވެ.

ޕަލަސްޓައިން އެކްޝަން ގުރޫޕަކީ ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި އިނގިރޭސި ސަރުކާރުން ކަނޑައަޅާފައި ވަނީ، އެ ޖަމާޢަތަށް ނިސްބަތްވާ މެންބަރުންތަކެއް އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒަކަށް ވަގަށް ވަދެ، އެ ތަނުގައި އޮތް ދެ މަތިންދާބޯޓަކަށް ގެއްލުން ދިނުމާ ގުޅިގެންނެވެ. އެއީ، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ބައިވެރިވެ، އިނގިރޭސި ސަރުކާރުން އެ ކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން ދިޔުމާ މެދު ނުރުހުން ފާޅު ކުރުމުގެ ގޮތުން ހިންގާފައިވާ އަމަލެއް ކަމުގައި އެ ޖަމުޢިއްޔާއިން ބުންޏެވެ.

އިނގިރޭސިވިލާތުގެ ޤާނޫނު ބުނާ ގޮތުން، މަނާ ކޮށްފައިވާ ޖަމާޢަތަކަށް ހިތްވަރުދިނުމާއި، އެ ފަދަ ޖަމާޢަތެއް ބަލައިގަތުމާއި، އެ ޖަމުޢިއްޔާގެ ލޯގޯ ނުވަތަ ޝިޢާރު ބޭނުން ކުރުމަކީ ކުށެކެވެ. އަދި އެ ފަދަ ކުށެއްގެ އަދަބަކީ 14 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން، ނުވަތަ ޖޫރިމަނާ ކުރުމެވެ. ނިރުބަވެރި ޖަމާޢަތްތަކުގެ ގޮތުގައި ކަނޑައަޅައި، އިނގިރޭސި ސަރުކާރުން މަނާ ކޮށްފައިވާ ޖަމާޢަތްތަކުގެ އަދަދު 81އަށް އަރައެވެ. އޭގެ ތެރޭގައި ޣައްޒާގައި ވެރިކަން ކުރާ ޙަމާސްގެ އިތުރުން ނިރުބަވެރި ޖަމާޢަތްތައް ކަމުގައިވާ އަލް-ޤާޢިދާއާއި އައިއެސް ހިމެނެއެވެ.

ޕަލަސްޓައިން އެކްޝަން ގުރޫޕުގެ ހަރަކާތްތައް މަނާ ކުރުމަށް އިނގިރޭސި ސަރުކާރުން ނިންމުމާ އެކު، އެ ޖަމާޢަތަށް ތާޢީދު ކުރާ އެތަކެއް ސަތޭކަ ބަޔަކު ވަނީ ޤާނޫނު ހަދާ މަޖިލިސް ކައިރިއަށް އެއްވެ، ނުރުހުން ފާޅު ކޮށްފައެވެ. އަދި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި، އިނގިރޭސި ސަރުކާރުން އެ ކަމަށް ހިތްވަރު ދިނުމާއި ބައިވެރިވުން ކުށްވެރި ކޮށްފައެވެ. ފުލުހުން ވަނީ އެ އެއްވުން ރޫޅައިލައި، ބައެއް ބައިވެރިން ހައްޔަރަށް ގެންގޮސްފައެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަމުންދާ ކަމުގައި އެކުވެރި ދައުލަތްތައް (އދ)ގެ ތަޖުރިބާކާރުން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް، އިނގިރޭސި ސަރުކާރުން ދަނީ ޔަހޫދީންގެ ޖަރީމާތަކަށް ހިތްވަރު ދިނުމުގެ ގޮތުން އެ މީހުންނަށް މަދަދުވެރިވަމުންނެވެ. އިނގިރޭސި ސަރުކާރުން ބުނީ، އެ ކަމާ ދެކޮޅަށް އަޑުއުފުލުގެ ގޮތުން ޕަލަސްޓައިން އެކްޝަން ގުރޫޕުން ހިންގަމުންދާ ހަރަކާތްތަކަކީ ނިރުބަވެރި ކަމުގެ އަމަލުތަކެއް ކަމުގައެވެ. ނަމަވެސް، ތަޖުރިބާކާރުން އެ ތުހުމަތަށް އިންކާރު ކުރެއެވެ.