ޚަބަރު

މިދިޔަ ހަފްތާގައި މިފްކޯއަށް މަސް ކިރުވި 271 ދޯންޏަކަށް 14 މިލިޔަން ރުފިޔާ


  • މިފްކޯއަށް މަސްކިރުވި ދޯނީގެ އަދަދު ވަނީ %14.3 އިތުރުވެފައި

  • މިދިޔަ ހަފްތާގައި މަސްވެރިންނަށް 14،251،615 ރުފިޔާ ވަނީ ދޫކޮށްފައި

މިދިޔަ ހަފްތާގައި މަސްވެރިންނަށް 14.3 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ 271 ދޯންޏަކުން ކިރުވާފައިވާ މަހަށް ދޫކޮށްފައިވާ ފައިސާކަމަށް މިފްކޯއިން ވިދާޅުވެއެވެ.

ސަރުކާރުގެ މަސްކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި މިފްކޯއަށް 271 ދޯންޏަކުން މަސްކިރުވާފައިވެއެވެ. މިއީ އޭގެ ކުރީ ހަފްތާގައި މިފްކޯއަށް މަސްކިރުވި ދޯނީގެ އަދަދާއި އަޅާބަލާއިރު 14.3 އިންސައްތަ އިތުރު އަދަދެކެވެ. އޭގެ ކުރީ ހަފްތާގައި މިފްކޯއަށް 237 ދޯންޏަކުން ވަނީ މަސްކިރުވާފައެވެ.

މިއާއެކު، މިދިޔަ ހަފްތާގައި މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް މުޅި ޖުމްލަ 14،251،615 ރުފިޔާ ދޫކޮށްފައިވެއެވެ. މިއީ އޭގެ ކުރީ ހަފްތާގައި މަސްވެރިންނަށް ދޫކުރި 14،164،625 ރުފިޔާއާއި އަޅާބަލާއިރު 0.6 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ ހަފްތާގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ އަންގާރަ ދުވަހުއެވެ. އެދުވަހު މިފްކޯއަށް 54 ދޯންޏަކުން މަސްކިރުވާފައިވާއިރު، މަސްވެރިނަށް މުޅި ޖުމްލަ 3،568،638 ރުފިޔާ ވަނީ ދޫކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެއެވެ. މި ވަޢުދު ތަންފީޒުކުރަން ފަށާފައިވަނީ ފާއިތުވި މަސްވެރިންގެ ދުވަހުއެވެ. ސަރުކާރުން ވަނީ އައު އުސޫލާއި ގުޅިގެން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު އިތުރުވެފައިވާ ކަމަށް ވިދާޅުވެފައެވެ.

މަސްވެރިކަމަށް ނިކުންނަ ދޯނިތައް އިތުރުވެ، މަސްވެރިންނަށް ޤަވާއިދުން ފައިސާން ދޭން ފެށުމާއެކު މާލީ ނިޒާމުގެ ތެރެއިން މަސްވެރިންނަކީ ދަޢުލަތް ދަންނަ ބަޔަކަށް ހެދިފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން މަސްވެރިންގެ ދަފްތަރު އެކުލަވާލާއި، މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބިނާކޮށް ލޯނު ލިބޭގޮތް ވަނީ ހަމަޖައްސާވާފައެވެ. އަދި މިހާތަނަށް 14 މަސްވެރިއަކަށް ބީއެމްއެލުން ވަނީ ލޯނު ދޫކޮށްފައެވެ.

މީގެ އިތުރުން، އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ދޫކުރުމަށް ވަޢުދުވެފައިވާ ފަދައިން ކޮންމެ އަތޮޅެއްގެވެސް އެއް ރަށެއްގައި ތެޔޮ ފޯރުކޮށްދޭ ސެޓޭޝަންތައް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރިއަށްގެންދަމުންނެވެ. މި ސްޓޭޝަންތަކުގެ މަސައްކަތް މިއަންނަ އަހަރުގެ މާރިޗުމަހުގެ ކުރިން ނިންމާލެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.