ރާއްޖެއާއި އިންޑިއާއާ ދެމެދު ވިޔަފާރި އާއި އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމަށް މަޝްވަރާކުރައްވައިިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އިންޑިއާގެ ކޮމާސް ސެކްރެޓަރީ ސުނިލް ބަރަތުވާލްއާ ބައްދަލުކުރައްވައެވެ. މި ބައްދަލުކުރެއްވުމުގައި ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ އިންޑިއާގެ ކޮމާސް ސެކްރެޓަރީއާ ބައްދަލުކުރައްވައި ދެ ޤައުމުގެ މެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ އިތުރު ގުޅުންތައް ގާއިމްކޮށް އިޤްތިޞާދީ ނަފާ އިތުރުކުރުމުގެ ފުރުސަތުތައް ފަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ.
India’s Commerce Secretary Sunil Barthwal met with Minister @em_saeed to discuss ongoing initiatives aimed at deepening trade and investment ties between the two nations. pic.twitter.com/bkkJO9TNfm
— Ministry of Economic Development and Trade (@MoEDmv) July 3, 2025
ދެ ޤައުމުގެ ދެމެދު ވިޔަފާރި އާއި އިންވެސްޓްމަންޓުތައް އިތުރަށް ފުޅާކުރުމަށް މަޝްވަރާކުރައްވާފައިވާއިރު ރާއްޖޭގައި ހުރި އިންވެސްޓްމަންޓްތަކުގެ ފުރުޞަތުތަކުގެ މަޢުލޫމާތުތައް ހިއްސާ ކުރުމަށް އިންޑިއާގެ 3 ސިޓީއެއްގައި ބިޒްނަސް ފޯރަމްތައްވެސް މީގެ ކުރިން ވަނީ ބާއްވާފައެވެ.
ރާއްޖޭގެ ތަރައްގީގެ އިތުރުން މީހުން ބިނާކުރުމުގައިވެސް އިންޑިއާއަކީ މުހިންމު ބައިވެރިއެކެވެ. މިގޮތުން މިހާރު އިންޑިއާއިން ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި ތިލަމާލެ ބްރިޖް މަޝްރޫޢާއި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢު ފާހަގަކޮށްލެވެއެވެ. މީގެއިތުރުންވެސް އިންޑިޔާއިންވަނީ 400 މިލިއަން ކަރަންސީ ސްވޮޕް ފެސިލިޓީއެއްވެސް ހަމަޖައްސައި ދީފައެވެ.