ޚަބަރު

ވިލުންތެރި އިޤްތިޞާދެއް ބިނާކުރުމަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން މުހިންމު ދައުރެއް އަދާކުރޭ: ނައިބު ރައީސް


  • ކުދި ވިޔަފާރިތައް ކުރިއަރުވައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރަން ސަރުކާރުން މަސައްކަތް ކުރޭ

  • އަތޮޅުތަކުގައި ހިންގާ ކުދި ވިޔަފާރިތަކަށް ސަރުކާރުން ޙާއްސަ އިސްކަމެއް ދޭ

ޝާމިލު އަދި ވިލުންތެރި އިޤްތިޞާދެއް ބިނާކުރުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން މުހިންމު ދައުރެއް އަދާކުރާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވީ، ފައިނޭންސިންގ ފޮރ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް (އެފް.އެފް.ޑީ.4) ގެ ހަވާސާގައި، ރާއްޖޭގެ ފަރާތުން އިންތިޒާމްކޮށްގެން ރޭ ކުރިއަށް ގެންދިޔަ، "އެމްޕަވަރިންގް އެމް.އެސް.އެމް.އީޒް އިން ސިޑްސް ތުރޫ ގްރާންޓްސް: ލެސަންސް ފްރޮމް ދަ މޯލްޑިވްސް އެކްސްޕީރިއަންސް" އިވެންޓްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ 90 އިންސައްތަ ހިއްސާކުރާ މައިކްރޯ، ސްމޯލް އެންޑް މީޑިއަމް އެންޓަރޕްރައިސަސް ނުވަތަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބާރުވެރިކުރުވުމަށް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ، "ކްރިއޭޓިވް އިކޮނޮމީ ސްޓްރެޓެޖިކް އެކްޝަން ޕްލޭން" ގެ މައްޗަށް އަލިއަޅުއްވާލައްވައި، މާލީ ތަނަވަސްކަން އިތުރުކުރާނެ މަގުތައް ތަނަވަސްކޮށްދިނުމުގެ އިތުރުން، އެއްބަޔަކު އަނެއް ބަޔަކާ ގުޅިގެން މަސައްކަތްކުރާނެ މާޙައުލުތައް ތަރައްޤީކޮށްދިނުމާއި، މާކެޓްތަކަށް ވާސިލުވެވޭނެ ގޮތްތައް ފަހިކޮށްގެން ފުރުސަތުތައް ތަނަވަސް ކޮށްދިނުމަށް ނިންމަވާފައި އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިވިޔަފާރިތަކަށް ބޭނުންވާ ހުނަރާއި ތަމްރީނާއި ޢިލްމާއި މާލީއެހީ ލިބޭނެ ގޮތްތަކާއި، ޤާނޫނީ އޮނިގަނޑުތައް ޤާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް މި ޕްލޭންގައި އަލިއަޅުވާލާފައިވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ޚާއްޞަކޮށް އަތޮޅުތަކުގެ ރަށްތަކުގެ މުޖުތަމަޢުތަކުގައި، އަންހެނުންނާއި ޒުވާނުން އިސްނަގައިގެން ހިންގާ ވިޔަފާރިތަކަށް ސަރުކާރުން އިސްކަންދެއްވާކަން ފާހަގަކުރެއްވިއެވެ.

ޚާއްޞަކޮށް އަންހެން ވިޔަފާރިވެރިންނަށް މާލީ އެހީ ފޯރުކޮށްދިނުމަށްޓަކައި ދާދިފަހުން ލޯންޗުކުރެވުނު ފަށާ މަދަދު ލޯނު ސްކީމްގެ 2 ވަނަ ފިޔަވަހީގެ މަޝްރޫޢު ފާހަގަކުރެއްވިއެވެ. އަދި މި ސްކީމްގެ ދަށުން 25 އިންސައްތަ ލޯނު ދޫކުރުމަށް ޚާއްޞަކޮށްފައި ވަނީ އަންހެން ވިޔަފާރިވެރިންގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކިންގް ޚިދުމަތް ފުޅާކޮށް، ދަތުރުފަތުރުގެ އިންފްރާސްޓްރަކްޗަރ ހަރުދަނާކޮށް، ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުކޮށްގެން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ޖޫން މަހުގެ 30 އިން ޖުލައި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، އެފް.އެފް.ޑީ.4 ގައި ބައިވެރިވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ވަގުތު ހުންނެވީ ސްޕެއިންގެ ސެވީލްގައެވެ.