މާލެ ސަރަހައްދުން ބުޅާ ގެއްލޭ މައްސަލަ ބަލައިދިނުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތައް މައްސަލަ ހުށައަޅާފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެވެ.
މިދިޔަ މާރިޗު މަހުން ފެށިގެން މާލެ ސަރަހައްދުން ބުޅާ މަދުވާކަމުގެ ވާހަކަތައް ސޯޝިއަލް މީޑިއާގައި ދިޔައީ ދައުރުވަމުންނެވެ. ހާއްސަކޮށް މާލެ ސަރަހައްދުގައި ދިރިއުޅޭ ބުޅާތަކަށް ކާންދީ ހަދާ ޖަމްޢިއްޔާތަކުން އެކަން ދިޔައީ ފާހަގަކުރަމުންނެއެވެ. މިކަން ވަނީ ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެވެސް ސަމާލުކަމަށްވެސް ގެނެސްފައެވެ.
ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވީީ މާލެ ސަރަހައްދުން އާދަޔާ ހިލާފައް ބުޅާ މަދުވަމުންދާކަމަށް އެ ވުޒާރާއަށް ފާހަގަކުރެވިފައިވާކަމަށެވެ. އަދި ބުޅާ ބެލެހެއްޓުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޖަމްޢިއްޔާތަކުންވެސް އެކަން އެވުޒާރާއި ހިއްސާކޮށްފައިވާކަމަށެވެ. އެހެންކަމުން މާލެ ސަރަހައްދުން ބުޅާ މަދުވަމުންދާ މައްސަލަ ބަލައި ދިނުމަށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތައް ހުށައަޅާފައިވާކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާލެ ސަރަހައްދުން ބުޅާ ގެއްލޭ މައްސަލަ ބަލައިދިނުމަށް ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން އެދިފައިވާކަށާއި، އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ. އަދި މާލެތެރެ ޕެޓްރޯލްކުރުމުގެ މަސައްކަތުގެ ދަށުން އެކަމަށް ހާއްސަ ސަމާލުކަމެއްދީގެން ބަލަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވަނީ އެކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންނަށް ނުވަތަ ދިރޭތަކެއްޗާއި ބެހޭ ވުޒާރާއަށް ހިއްސާކުރުމަށް އެދިވަޑައިގެންފައެވެ.
މާލޭ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ބުޅަލުގެ ހާލަތު ބަލައި އެހީވާ ޖަމްޢިއްޔާ، ފީލައިން ވެލްފެއާ އިން ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ވަނީ މާލެ ސަރަހައްދުގެ އެކި ގޯޅިތަކުގައި އުޅޭ ގިނަ ޢަދަދެއްގެ ބުޅާތައް ގެއްލެމުންދާކަމަށެވެ. އެ ޖަމްޢިއްޔާއިން ވަނީ އާންމުކޮށް ބުޅާ ގިނަ ސަރަހައްދުތަކުން ބުޅާތައް ވަރަށް މަދުވެފައިވާކަމަށް ބުނެފައެވެ.
މާލެ ސަރަހައްދުގައި އުޅޭ ބުޅާތަކަށް ރައްކާތެރި މާހައުލެއް ހޯދާދިނުމަށް ސަރުކާރުން ވަނީ އޮޅުހިޔާގެ ނަމުގައި ހާއްސަ ފެސިލިޓީއެއް ޤާއިމްކޮށްފައެވެ. އެތަނުގައި ކެޓް ޝެލްޓަރގެ ހިނގުމަށް ބަޔަކު ހޯދަން އިއުލާނުކޮށް ދެ ޖަމްޢިއްޔާއަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.