ނިމުނު ޖޫން މަހު ރާއްޖެއަށް 140،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ރާއްޖެއަށް އަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖޫންމަހު ރާއްޖެއަށް 141،772 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %15 ކުރިއެރުމެކެވެ.
އަހަރުގެ ފުރަތަމަ 6 މަސް ނިމުނުއިރު ރާއްޖެއަށް އައިސްފައިވަނީ 1،108،130 ފަތުރުވެރިންނެވެ. މިއީ 2024 ވަނަ އަހަރާއި އަޅާބަލާއިރު %9.1 އިތުރުވުމެކެވެ.
• ޗައިނާ: 141،162 ފަތުރުވެރިން
• ރަޝިއާ: 126،780 ފަތުރުވެރިން
• އިނގިރޭސިވިލާތް: 108،371 ފަތުރުވެރިން
• އިޓަލީވިލާތް: 86،891 ފަތުރުވެރިން
• ޖަރުމަނުވިލާތް: 82،188 ފަތުރުވެރިން
ފުރަތަމަ 6 މަސްދުވަހު ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ %72.4 ފަތުރުވެރިންނެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގައެވެ. އެއީ %22.5 ފަތުރުވެރިންނެވެ. އަދި %2.8 ފަތުރުވެރިންނާއިއެކު 3 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ހޮޓެލްތަކުގައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިއަހަރަށް އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. މިހާތަނަށް 1.1 މިލިޔަން ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި މިމަހުގެ 26 ވަނަ ދުވަހު އައު ވީއައިއޭގެ އައު ޕެސެންޖަރ ޓަރމިނަލް ހުޅުވުމާއިއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.