ޚަބަރު

ދެކުނު އެފްރިކާއަށް ދަތުރު ފަށަން މޯލްޑިވިއަންއިން އެޖެންޓުން ހޯދަނީ


  • ވައިޑް-ބޮޑީގެ ދަތުރުތައް ދެކުނު އެފްރިކާއަށް ފެށުމަށް ވަނީ ނިންމާފައި

  • ހުށަހެޅުންތައް ބަލައިގަތުމުގެ ސުންގަޑިއަކީ ޖުލައި މަހުގެ 4

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ވައިޑް-ބޮޑީގެ ދަތުރުތައް ދެކުނު އެފްރިކާއަށް ފެށުމަށް އެ ކުންފުނީގެ އެޖެންޓުންގެ ގޮތުގައި އެގައުމުގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވިއަންއިން ވިދާޅުވީ، އެ ކުންފުނީގެ ފްލީޓުގައި ހިމެނޭ ވައިޑް-ބޮޑީ އޭ330-200ގެ ދަތުރުތައް ދެކުނު އެފްރިކާއަށް ފެށުމަށް ނިންމާފައިވާކަމަށެވެ. އަދި މިކަމަށްޓަކައި ދެކުނު އެފްރިކާގައި ޖެނެރަލް ޕެސެންޖަރ ސޭލްސް އޭޖެންޓް، ޖީއެސްއޭއެއް ހަމަޖެއްސުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެކުންފުނިން ވިދާޅުވިއެވެ.

ޖެނެރަލް ޕެސެންޖަރ ސޭލްސް އޭޖެންޓެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އިޢުލާނާއެކު އެއްކުރެވިފައިވާ އީއޯއައި ފޯމު ފުރިހަމަކުުރުމަށްފަހު އީމެއިލް ކުރުމަށް އެ ކުންފުނިން ވަނީ އެދިވަޑައިގެންފައެވެ. އަދި ހުށަހެޅުންތައް ބަލައިގަތުމުގެ ސުންގަޑިއަކީ މިއަންނަ ޖުލައި މަހުގެ 4ވަނަ ދުވަހުގެ ރޭގަނޑު 23:59އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ޤައުމީ އެއަރލައިނަށް ވައިޑް ބޮޑީ އެއަރ ކްރާފްޓެއް ގެނެސްފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 6ވަނަ ދުވަހުއެވެ.

ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ޚިދުމަތަށް ފުރަތަމަ ފަހަރަށް ގެނައި ވައިޑް-ބޮޑީ މަތިންދާ ބޯޓަކީ 264 މީހުންގެ ޖާގައިގެ އެއަރބަސް އޭ330ގެ 200 ވޭރިއަންޓްގެ މަތިންދާ ބޯޓެކެވެ.

ވައިޑް-ބޮޑީ މަތިންދާ ބޯޓުގެ ދަތުރުތައް މިހާރު ދަނީ ޗައިނާގެ 3 މަންޒިލަކަށް ކުރަމުންނެވެ. އެއީ ބެއިޖިން، ޝަންގހާއީ އަދި ޗެންޑޫއެވެ. އެއެއަރލައިނުން މަސައްކަތް ކުރަމުންދަނީ މިއަހަރުގެ ތެރޭގައި އިތުރު ބޯޓެއް ގެނައުމަށެވެ. އަދި ޔޫރަޕްގެ އިތުރު މަންޒިލްތަކަށް ދަތުރުތައް ފުޅާކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.