މިއަހަރުގެ ފުރަތަމަ 21 ހަފްތާ ނިމުނުއިރު ގްރީން ޓެކުހުގެ ގޮތުގައި 900 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދަޢުލަތަށް ލިބިފައިވާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއާއި އަޅާބަލާއިރު 88 އިންސައްތަ އިތުރު އަދަދެކެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް" ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ ޖަނަވަރީމަހުގެ 1ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 12ވަނަ ދުވަހުގެ ނިޔަލަށް ގްރީން ޓެކުހުގެ ގޮތުގައި 976.4 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު 518.0 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު 88 އިންސައްތަ އިތުރު އަދަދެކެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.
ގްރީން ޓެކުހަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް ކޮންމެ މަހަކުވެސް ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހެއެވެ. ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއަކީ ޖެހިގެން އަންނަ މަހުގެ 28ވަނަ ދުވަހެވެ.
ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 12 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 6 ޑޮލަރެވެ. މި ޓެކްސް އިން އިސްތިސްނާ ވަނީ އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ. ވުމާއެކު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދާއި، ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ ދުވަސްތަކުގެ އަދަދާއި ގްރީން ޓެކުހާއި ސީދާގޮތުން ވަނީ ގުޅިފައެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 1,074,703 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 985,348 ފަތުރުވެރިންނާއި އަޅާބަލާއިރު 9.1 އިންސައްތަ އިތުރު އަދަދެކެވެ.
މިދިޔަ އަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން 2.3 މިލިޔަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ. މި އަމާޒަށް ވަސިލުވުމަށް ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.