ޚަބަރު

ވިއެޓްނާމް މެޗުގައި މަސައްކަތްކުރާނީ ތަފާތު ކުޑަކުރަން: ލިޒީ


އޭއެފްސީ އޭޝިއަން ކަޕް ވިމެންސް ކޮލިފިކޭޝަނުގައި މި މަހުގެ 29 ވަނަ ދުވަހު ވިއެޓްނާމާ ދެކޮޅަށް ނުކުންނަ މެޗުގައި އެންމެ ބޮޑު އިސްކަމެއްދޭނީ ފަރަގު ކުޑަކުރަން ކަމަށާއި، ބާކީ އޮތް ދެ މެޗުގައި އުއްމީދަކީ މެޗު ކާމިޔާބުކުރުން ކަމަށް ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު އާމިނަތު ލީޒާ (ލިޒީ) ބުނެފިއެވެ.

ވިއެޓްނާމާ ދެކޮޅަށް ކުޅޭ މެޗަށް އެގައުމަށް ފުރުމުގެ ކުރިން "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ލިޒީ ބުނީ މުބާރާތަށް ކުރެވުނު ޕްރެކްޓިސްތަކާމެދު ހިތްހަމަޖެހޭކަމަށެވެ. ފަރިތަކުރުންތައް 40 ވަރަކަށް ދުވަހަށް ކުރިއަށް ދިޔަކަމަށާ މުބާރާތަށް މިފުރަނީ ރަނގަޅަށް ތައްޔާރުވެގެންކަމަށެވެ.

"މިމުބާރާތަށް އަސްލު ޕްރެކްޓިސްތައް ވަރަށް ރަނގަޅަށް ދިޔައީ، ގާތްގަނޑަކަށް ސާޅީސް ވަރަކަށް ދުވަހުގެ ޕްރެކްޓިސްކޮށްލާފަ މިދަނީ، ދެން ޕްރެކްޓިސްތަކުގަ ހަމަ ވަރަށް ކިކުގަ ހުރިހާ ކުދިންވެސް ވަރަށް ފޯރީގަ ޖެއްސި، ދެން އަޅުގަނޑުމެން މިޖެހޭ ގްރޫޕްގަ މިއޮންނަނީ ވަރަށް ވަރުގަދަ އެއް ޓީމު އެބަ އިނދޭ. ވިއެޓްނާމް. ދެން އިން ދެ ޓީމަކީ އަޅުގަނޑުމެންނަށްވުރެން ރޭންކުގެ ގޮތުން މަތިވިޔަސް އަސްލު ވަރަށް ރަނގަޅު ފައިޓެއް ދެވޭނެ ދެޓީމު" ލިޒީ ބުނެފަވެއެވެ.

މުބާރާތަށް ޓީމު އޮތީ ވަރަށް ވަރުގަދަ ރޫހެއްގައިކަމަށް ލިޒީ ފާހަގަކުރިއެވެ. އޭނާ ބުނީ ވިއެޓްނާމައި މީގެ ކުރިން ބައްދަކޮށްފަވާކަމަށާ، އެފަހަރު ރާއްޖޭގެ ޓީމު ބަލިވީ ބޮޑު ތަފާތަކުންކަމަށެވެ. އެހެންކަމުން އެގައުމާ ދެކޮޅަށް މިފަހަރު ނުކުންނާނީ ބަލިވިޔަސް އެ ފަރަގު ކުޑަކުރުމުގެ އަޒުމުގައިކަމަށް ލިޒީ ބުންޏެވެ.

"އެންމެ ފުރަތަމަ މެޗު މިއޮތީވެސް ވިއެޓްނާމާ އެއްކޮށް، އެހެންވީމަ އަޅުގަނޑުމެންގެ އެންމެ ބޮޑު ޓާގެޓާކީ އެމާޖިން ކުދަ ކުރުން، ވިއެޓްނާމާ ދެކޮޅަށް ކުޑަ ސްކޯއަކުން ބަލިވިޔަސް، ދެން އެންމެ ބޮޑު ޓާގެޓަކީ ހަމަ އެއްވަރެއް ވެއްޖެއްޔާ އަޅުގަނޑުމެން ވަރަށް އުފާވާނެ. އެހެންނަމަވެސް މިހާރު ވަރަށް ބޮޑު މާރިޖިންއަކުން ބަލިވެފަ އިނީމަ، އެންމެ ބޮޑު ޓާގެޓެއް އިނީ ހަމަ އޭތި ކުޑަކުރުން" ލިޒީ ބުންޏެވެ.

އޭއެފްސީ އޭޝިއަން ކަޕް ވިމެންސް ކޮލިފިކޭޝަނުގައި ރާއްޖެއިން މިމަހުގެ 29 ވަނަ ދުވަހު ނިކުންނާނީ ވިއެޓްނާމުގައި އެގައުމާ ދެކޮޅަށެވެ. އެއަށްފަހު ޖުލައި މަހުގެ ދެވަނަ ދުވަހު ގުއާމާ ވާދަކުރާމެޗު ތާވަލުކޮށްފަވާއިރު، ތިންވަމަ މެޗަށް ރާއްޖޭގެ ޓީމު ނިކުންނާނީ ޖުލައި މަހުގެ ފަސްވަނަ ދުވަހު ޔޫއޭއީއާ ދެކޮޅަށެވެ.