ޚަބަރު

ރާއްޖެއާއި ސްރީލަންކާއާ ދެމެދު ކޮމާޝަލް ޑިއުޓީ ފްރީޒޯނެއް ޤާއިމްކުރަން އުޅޭ ވާހަކަތައް ސަރުކާރުން ދޮގުކުރައްވައިފި


  • ކޮމާޝަލް ޑިއުޓީ ފްރީޒޯނެއް ޤާއިމްކުރަން މަޝްވަރާކޮށްފައެއް ނުވޭ

ރާއްޖެއާއި ސްރީލަންކާއާ ދެމެދު ކޮމާޝަލް ޑިއުޓީ ފްރީޒޯނެއް ޤާއިމްކުރަން އުޅޭ ވާހަކަތައް ދިވެހި ސަރުކާރުން ދޮގުކުރައްވައިފިއެެވެ.

ސަރުކާރުން މި ވާހަކަތައް ދޮގުކުރައްވާފައި މިވަނީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު ކޮމާޝަލް ޑިއުޓީ ފްރީޒޯނެއް ޤާއިމްކުރައްވަން އުޅޭކަމަށް ބުނެ ބައެއް މީޑިއާތަކުން ހަބަރުތައް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

މީޑިއާތަކުގައި ފަތުރަމުންދާ ހަބަރުތަކާއި ގުޅިގެން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު ކޮމާޝަލް ޑިއުޓީ ފްރީޒޯނެއް ޤާއިމް ކުރަން ދިވެހި ސަރުކާރުން މަސައްކަތްކުރާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫންކަމަށެވެ. އަދި އެއީ މިހާތަނަށް ހިޔާލުކުރެވި ނުވަތަ މަޝްވަރާކުރެވިފައިވާ ކަމެއްވެސް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ.

ލަންކާގެ ބައެއް މީޑިއާތަކާއި ހަވާލާދީ ރާއްޖޭގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންނަމަހުގެ ފަހުކޮޅު ލަންކާގެ ރައީސް އަނޫރާކުމާރަ ޑިސަނަޔަކަ ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުފުޅުގައި ރާއްޖެއާއި ލަންކާއާ ދެމެދު ތަފާތު އެކި ދާއިރާތަކުން އެއްބަސްވުންތައް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ދިވެހި ސަރުކާރުން މިކަމާބެހޭގޮތުން މިހާތަނަށް ރަސްމީކޮށް އެއްވެސް ވާހަކައެއް ދައްކަވާފައެއް ނުވެއެވެ.