ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ 2025 ވަނަ އަހަރުގެ އާންމު ޖަލްސާ މިއަދު އޮމާންކަމާއެކު ބާއްވައިފިއެވެ.
މިކޮންގްރެސްއަކީ ފީފާއިން އެފްއޭއެމްގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކުރިފަހުން ބޭއްވި ފުރަތަމަ ކޮންގްރެސްއެވެ.
ހެންވޭރު މީރުމާގައި ކުރިއަށްދިޔަ މި ކޮންގްރެސްގައި ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާރމަން އަހުމަދު މުޢިއްޒުގެ އިތުރުން އެކޮމިޓީގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ (ފީފާ) އާއި އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ)ގެ އޮފިޝަލުންވެސްވަނީ މި ކޮންގްރެސްގައި ބައިވެރިވެވަޑައިގަންނަވާފައެވެ. އޭގެ ތެރޭގައި ފީފާގެ މެންބަރު އެސޯސިއޭޝަންގެ ސީނިއާ މެނޭޖަރު އަހްމަދު ހައްރާޒުވެސް ހިމެނިވަޑައިގަންނަވައެވެ.
ތިން އަހަރުދުވަހުގެ މެދު ކެނޑުމަކަށްފަހު އެފްއޭއެމްގެ ޢާންމު ކޮންގްރެސް މިއަދު ބޭއްވިގެން ދިޔައިރު، މި ކޮންގްރެސްގައި ގިނަ ކަންތައްތަކެއްވަނީ ފާސްކޮށްފައެވެ. މިގޮތުން އެފްއޭއެމްގެ 2023 އަދި 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި، އެ އަހަރުތަކުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް ހުށަހަޅާ ފާސްކުރެވުނެވެ. އަދި 2025 ވަނަ އަހަރުގެ ބަޖެޓުވެސް މި ކޮންގްރެސްއިންވަނީ ފާސްކޮށްފައެވެ.
މީގެ އިތުރުން ނޯމަލައިޒޭޝަން ކޮމިޓީގެ މެންޑޭޓުގައި ހިމެނޭ އެންމެ މުހިންމު އެއް މަސައްކަތްކަމަށްވާ އެފްއޭއެމްގެ ހިންގާ ގަވާއިދުވެސް މިއަދުވަނީ ފާސްކޮށްފައެވެ. މިގަވާއިދު ފާސްކުރެވުނީ، ނޯމަލައިޒޭޝަން ކޮމިޓީގެ ފަރާތުން ހުށަހެޅުމުން، ހާޒިރުވި މެމްބަރުންގެ އިންތިފާގުންނެވެ.
މިއަދު އިސްލާހުކުރެވުނު ހިންގާ ގަވާއިދަކީ ފީފާއާއި އޭއެފްސީގެ ލަފަޔާއެކު އަދި އެފްއޭއެމްގެ މެމްބަރުން އެކި ފަހަރުމަތިން މަޝްވަރާކުރެވި، ފީފާއިން ކަނޑއަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް އެކުލަވާލެވިފައިވާ ގަވާއިދެކެވެ.
2022 ވަނަ އަހަރަށްފަހު މިއަދު މި ބޭއްވުނު އެފްއޭއެމްގެ ޢާންމު ކޮންގްރެސްއަށް 15 ކުލަބަކުން ހާޒިރުވިއެވެ.