ޚަބަރު

އޭއައިއައިބީގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވުމަށް މާލީ ވަޒީރު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި


  • އަހަރީ ބައްދަލުވުން ބާއްވާފައިވަނީ މިމަހުގެ 24 އިން 26 އަށް

  • ބައްދަލުވުމުގެ ހަވާސާގައި ގިނަ މަޝްވަރާ ބައްދަލުވުމުގައި ވަޒީރު ބައިވެރިވެވަޑައިގެންނެވި

އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކު، އޭއައިއައިބީގެ ގަވަރުނަރުންގެ ބޯޑުގެ 10 ވަނަ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ވަޒީރު ޒަމީރު ވަނީ މި ދަތުރުފުޅުގެ ތެރެއިން އޭއައައިބީގެ ގަވަރނަރުންގެ ބޯޑުގެ 10 ވަނަ އަހަރީ ބައްދަލުވުމުގެ ތެރެއިން ބޭއްވުނު ގަވަރނަރުންގެ ޚާއްޞަ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާފައެވެ. ހުޅުވާނުލައި ބޭއްވުނު ޖަލްސާގައި ކެންޑިޑޭޓުގެ އިންޓަވިއު އަދި އޭއައައިބީގެ ދެން އަންނަ ރައީސް އިންތިޚާބުކުރުން ހިމެނެއެވެ.

މީގެ އިތުރުން "ބިލްޑިންގ އޮން އަ ޑެކޭޑް އޮފް އިމްޕެކްޓް" މި މައުޟޫއަށް ބައްދަލުވުމުގެ ތެރެއިން ބޭއްވި ބިޒްނަސް ރައުންޑްޓޭބަލްގައި ވަޒީރު މޫސާ ޒަމީރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

އޭއައިއައިބީގެ ގަވަރުނަރުންގެ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ޗައިނާގެ މާލީ ދައިރާގެ ބައެއް ބޭންކުތަކާއި އަދި އެނޫންވެސް ފަރާތްތަކާއި މާލީ ވަޒީރު ވަނީ ބައްދަލުކުރައްވާފައެވެ.

މީގެ ތެރޭގައި ޗައިނާ އެކްސްޕޯޓް އެންޑް ކްރެޑިޓް އިންޝުއަރެންސް ކޯޕަރޭޝަން (ސިނޯޝުއަރ)ގެ އިސްވެރިންނާއި، ޗައިނާ ޑިވެލޮޕްމަންޓް ބޭންކް (ސީ.ޑީ.ބީ) ގެ އިސް އޮފިޝަލުން ހިމެނެއެވެ. މި ބައްދަލުވުންތަކުގައި ވަޒީރު ވަނީ ދިވެހިރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހިއްސާ ކުރައްވާފައެވެ. މި ބައްދަލުވުންތަކުން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމަށް އެ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް މާލީ ވުޒާރައިން ވިދާޅުވެއެވެ.

މީގެ އިތުރުން އޭއައިއައިބީގެ ރައީސް ޖިން ލިކުން އާ މާލީ ވަޒީރު މޫސާ ޒަމީރު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި، ދެފަރާތުންވެސް އެއްބާރުލުން އިތުރުކުރުމަށް ތައްޔާރަށް ތިބިކަން ފާޅުކުރެއްވިއެވެ. އަދި އޭއައިއައިބީގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގައި ކުރިއަށްދާ މުހިންމު މަޝްރޫޢުތަކުގެ މައްޗަށް ވަޒީރު ވަނީ ބައްދަލުވުމުގައި އަލިއަޅުވާލައްވާފައެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ކުރިމަގުގެ ފައިނޭންސިންގ ބޭނުންތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

އޭއައިއައިބީގެ 10 ވަނަ އަހަރީ ބައްދަލުވުން ބާއްވާފައިވަނީ މިމަހުގެ 24އިން 26 އަށެވެ. ބެއިޖިންގގައި ހުންނަ ޗައިނާ ނޭޝަނަލް ކޮންވެންޝަން ސެންޓަރު 2 ގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އޭއައިއައިބީގެ މެންބަރު ގައުމުތަކާއި، ބައިވެރިންނާއި، ވިޔަފާރިވެރިންނާއި، ސިވިލް ސޮސައިޓީގެ ޖަމިއްޔާތަކާއި، މީޑިއާގެ ފަރާތްތަކާއި، ބައިނަލްއަޤްވާމީ މާހިރުން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.