ޚަބަރު

ޢާޝޫރާ ދުވަހުން ލިބޭ އެންމެ މުހިންމު ފިލާވަޅަކީ އިމާންކަން ހަރުދަނާކުރުމަށް މަސައްކަތްކުރުމުގެ ފިލާވަޅު: ޚުޠުބާ


  • ޢާޝޫރާ ދުވަހަކީ، ހެޔޮކަމާއި، ޒިކުރާތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް

  • މާތް ﷲއަށް އީމާންވާ މީހުންނަށް ދުނިޔޭގައި ވެސް ޢިއްޒަތާއި، ޝަރަފާއި، ޤަދަރު ދެއްވާނެ

ޢާޝޫރާ ދުވަހުން ލިބޭ އެންމެ މުހިންމު ފިލާވަޅަކީ އިމާންކަން ހަރުދަނާކުރުމަށް މަސައްކަތްކުރުމުގެ ފިލާވަޅު ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިހަފްތާގެ ހުކުރު ޚުޠުބާ ޚާއްސަކޮށްފައިވަނީ "ޢާޝޫރާ ދުވަހުގެ މާތްކަން" މި މައުޟޫއަށެވެ.

ޢާޝޫރާ ދުވަހުގެ މާތްކަން ފާހަގަކުރައްވާ ހުކުރު ޚުޠުބާގައި ވިދާޅުވީ މުޙައްރަމް މަހަކީ، މާތް ﷲ ޙުރްމަތްތެރި ކުރައްވައިފައިވާ މަހެއްކަމަށެވެ. އަދި ރަމަޟާން މަހަށް ފަހު ރޯދަހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުޙައްރަމު މަސްކަމަށެވެ. އެގޮތުން ޢާޝޫރާ ދުވަހު ރޯދަހިފުމަކީ، ވޭތުވެ ދިޔަ އަހަރުގެ ކުށްފާފަތައް، ފުއްސަވައިދެއްވާނެ ޢަމަލެއް ކަމަށް ވެސް ހުކުރު ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ މުޙައްރަމް މަހުގެ ދިހަވަނަ ދުވަހަކީ، ނުވަތަ ޢާޝޫރާ ދުވަހަކީ، ހެޔޮކަމާއި، ޒިކުރާތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމަށެވެ. އަދި ޢާޝޫރާ ދުވަހަކީ، ފިރުޢައުނުގެ ކިބައިން، مُوْسَىގެފާނު ސަލާމަތްކުރައްވައި، ފިރުޢައުނާއި، އޭނާގެ ލަޝްކަރު، މާތް ﷲ ޣަރަޤުކުރެއްވި ދުވަސް ކަމަށްވެސް ޚުތުބާގައި ވިދާޅުވިއެވެ.

"ޢާޝޫރާ ދުވަހު ރޯދަހިފުމުގެ ޘަވާބު ބަޔާންކޮށްދެއްވަމުން ރަސޫލާ ޙަދީޘްކުރައްވައިފައިވެއެވެ. (وَصِيَامُ يَوْمِ عَاشُوْرَاءَ أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّـتِـيْ قَبْلَهُ) މާނައީ: "އަދި عَاشُوْرَاء ދުވަހު ރޯދަހިފުމަކީ، ވޭތުވެ ދިޔަ އަހަރުގެ ކުށްފާފަތައް، މާތް الله ފުއްސަވައިދެއްވާނެ ޢަމަލެއްކަމުގައި ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ." ހުކުރު ޚުތުބާގައި ވިދާޅުވިއެވެ.

ހުކުރު ޚުތުބާގައި ވިދާޅުވީ ޢާޝޫރާ ދުވަހު ރޯދަހިފުމުގެ ތިން ދަރަޖައެއް ވާކަމަށެވެ. އޭގެ ތެރެއިން އެންމެ ފުރިހަމަ ދަރަޖައަކީ ޢާޝޫރާދުވަހާ އެކު އެއް ދުވަސް ކުރީންނާއި އެއްދުވަސް ފަހުން ރޯދަހިފުމެވެ. އަދި އޭގެ ފަހުން އަންނަ ދަރަޖައަކީ ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު ރޯދަހިފުން ކަމަށެވެ. އެއީ ގިނަ ޙަދީޘްތަކުން ދޭހަވާ ގޮތް ކަމަށާއި، އޭގެ ފަހުން އަންނަ ދަރަޖައަކީ ދިހަވަނަ ދުވަހު އެކަނި ރޯދަހިފުން ކަމަށް ޚުތުބާގައި ވިދާޅުވިއެެވެ.

ޚުތުބާގައި ވިދާޅުވީ ފިރުޢައުނު ޣަރަޤުކުރެއްވި ޙާދިސާއިން އެނގެނީ، މާތް اللهއަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް، ގަދަފަދަ ޢަޛާބުން ޢަޛާބުދެއްވައި، ނެތިކުރައްވާނެކަމާއި، އެ މީހުންނަށް އެ ކަމުގައި ކާމިޔާބެއް ނުލިބޭނޭކަމެވެ. އަދި އަހަރެމެން ފަސާދަޔާ ދެކޮޅަށް ތެދުވާން ޖެހޭނޭކަމެވެ. އެގޮތުން މާތް ﷲއަށް އީމާންވާ މީހުންނަށް ދުނިޔޭގައި ވެސް ޢިއްޒަތާއި، ޝަރަފާއި، ޤަދަރު ދެއްވާނޭކަމަށް ޚުތުބާގައި ވިދާޅުވިއެވެ.