ހއ. ހޯރަފުށީ އެތެރޭ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ފަށައިފިއެވެ.
ހޯރަފުށީ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން ސަބްބޭސް ހެދުމާއި، އޭބީސީ ފަށަލަ އެޅުމާއި، ތާރުއެޅުމަށް ހަމަޖެހިފައިވާކަމަށް މި މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. އަދި މަގުތައް ފެހިކުރުމަށް ގްރީން އޭރިއާގެ މަސައްކަތާއި، ކޭބަލް ޖަންކްޝަން އަދި ސަރވިސް ލައިން ވަޅުލުމާއި، މަގުބައްތި ޖެހުމާއި މަގުމަތީ ނިޝާންތައް ކުރެހުމާއި ހަރުކުރުން ހިމެނޭކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތްތަކަށް ޖުމްލަ 30.46 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް އެމް.ޓީ.ސީ.ސީން ވަނީ ވިދާޅުވެފައެވެ.
މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް މިހާރު ފަށާފައިވާއިރު، ހޯރަފުށީ މަގުތައް ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްވެސް ކުރިއަށް ގެންދިޔައީ އެމް.ޓީ.ސީ.ސީންނެވެ. ފުރަތަމަ ފިޔަވަހީގައި 5.3 ކިލޯމީޓަރުގައި ތާރު އަޅާފައިވާއިރު އެއީ ރަށުގެ 11 މަގެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތަށް 71 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިއެވެ.
ހޯރަފުއްޓަކީ އިޤްތިޞާދީ، އިޖްތިމާޢީ އަދު ޢުމްރާނީ ތަރައްޤީގެ އެކި ކަހަލަ މަސައްކަތްތަކުގައި ބޭނުންކުރުމަށް ގިނަ އަދަދެއްގެ ބަރު ވެހިކަލްތަކާއި، ލޮރީ، ޕިކަޕް އަދި ކާރުފަދަ އެއްގަމު އުޅަނދުފަހަރު ހަރަކާތްތެރިވާ ރަށެއްކަމުން ރަނގަޅު ފެންވަރުގައި މަގުތައް ހެދިފައި ހުރުން މުހިންމުކަން ސަރުކާރުން ފާހަގަކުރައްވައެވެ.
ފޭސް 1 ގެ ދަށުން ހޯރަފުށި މަގު ހެދުމުގެ ސަބަބުން ގިނަ މަގުތަކެއް ފެންބޮޑުވުމުންނާއި، ޗަކަވުމުންނާއި، އަޑިގުޑަންވުމާއި، ހިރަފުސްވުމުން ލިބެމުންދިޔަ ދަތި އުނދަގުލަށް ބޮޑު ހައްލެއް ލިބިފައިވާކަން އެމް.ޓީ.ސީ.ސީން ފާހަގަކުރައްވައެވެ. އަދި ފޭސް 2 ގެ ދަށުން ހޯރަފުށި އެތެރޭގެ މަގުތައް ހެދުމާއެކު މި މައްސަލައަށް ފުރިހަމަ ހައްލެއް ލިބިގެންދާނެކަންވެސް އެކުންފުނިން ފާހަގަކުރައްވައެވެ.
ޒަމާނީ ފެންވަރަށް މަގުތައް ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކުގެ އިތުރުންވެސް އެމް.ޓީ.ސީ.ސީން މީގެކުރިންވެސް ވަނީ ހޯރަފުށީގައި މުހިންމު ބޮޑެތި މަޝްރޫޢުތަކެއް ހިންގާފައެވެ. އެގޮތުން ހޯރަފުށީ އެއަރޕޯޓު މަޝްރޫޢާއި، ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ހިންގި ގޮނޑުދޮށް ޚިމާޔަތްކުރުމުގެ މަޝްރޫޢު ފާހަގަކޮށްލެވެއެވެ.