ޚަބަރު

އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރ ޢަލީ ޙާމިދު އަވަހާރަވުމުން، އާއިލާއަށް ރައީސް ތަޢުޒިޔާ ފޮނުއްވަވައިފި


  • ޢަލީ ޙާމިދު އަވަހާރަވެފައިވަނީ، މިއަދު ހިނގި ކަނޑުމަތީގެ ހާދިސާއެއްގަ

މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ ލޭންޑިން ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ހާދިސާގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު އަވަހާރަވުމާ ގުޅިގެން އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

މިހާދިސާގައި ނިޔާވި ޢަލީ ޙާމިދުގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ވަނީ ދިވެހި އަސްކަރިއްޔާއަށް ޝަރަފުވެރިކަމާއެކު 27 އަހަރު ޚިދުމަތްކުރައްވާފައިކަން ފާހަގަކުރައްވާފައެވެ. އަދި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީވެސް ޤައުމީ ޚިދުމަތަށްޓަކައި ސިފައިންގެ ޑިއުޓީގައި އުޅުއްވަނިކޮށްކަން ފާހަގަކުރައްވާ، ޢަލީ ޙާމިދު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، މަރްޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްވަނީ މަރުޙޫމް ޢަލީ ޙާމިދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި އަބަދުމެ ލަހެއްޓެވުން އެދި ދުޢާ ކުރައްވާފައެވެ.

ސިވެކް ލޭންޑިން ކްރާފްޓުން ދަތުރުކުރި މީހުންގެ ތެރެއިން 5 މީހަކު ޅ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، 4 މީހަކަށް ފަރުވާދެމުން އަންނަކަމަށް ޅ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ. ހޮސްޕިޓަލަށް ގެންދިޔަ 5 މިހުންގެ ތެރޭގައި ހިމެނެނީ ދެ ބިދޭސީންނައި 3 ދިވެހިންނެވެ.

މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިންގ ކްރާފްޓުން 6 މީހުން ދަތުރުކުރިއެވެ. އޭގެތެރޭގައި ހިމެނެނީ ސިފައިންގެ 3 މީހަކާއި 3 ބިދޭސީންނެވެ. ތިން ބިދޭސީންނަކީވެސް ބަންގުލަދޭޝް އަށް ނިސްބަތްވާ 3މީހުންނެވެ.

މިއުޅަނދު، މިއަދު ހެނދުނު 10:30 ހާއިރު ބަންޑުން ޖަހާލި ކަމުގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފުން ވަނީ ކަނޑުމަގުންނާއި ވައިގެމަގުން އެ އުޅަނދު ލޮކޭޓްކޮށް، އޭގެން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފައެވެ.