ޚަބަރު

އޭއައިއައިބީގެ 10ވަނަ އަހަރީ ބައްދަލުވުމުގައި ބައިވެރިވުމަށް މާލީ ވަޒީރު ޗައިނާއަށް


  • މި ބައްދަލުވުން އޮންނަނީ ޗައިނާގެ ބެއިޖިންގައި

  • ތިން ދުވަހުގެ މި ބައްދަލުވުމުގައި 3,500އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވޭ

އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކު، އޭ.އައި.އައި.ބީގެ ގަވަރުނަރުންގެ ބޯޑުގެ 10ވަނަ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ޗައިނާއަށް ވަޑާއިގެންފިއެވެ. މި ބައްދަލުވުން އޮންނަނީ ޗައިނާގެ ބެއިޖިންގައެވެ.

އޭ.އައި.އައި.ބީގެ 10 ވަނަ އަހަރީ ބައްދަލުވުން އޮންނާނީ މި ހިންގާ ޖޫން މަހުގެ 24އިން 26އަށެވެ. މި ބައްދަލުވުމުގައި ގަވަރުނަރުންގެ ބިޒްނަސް ރައުންޑްޓޭބަލްގައި ބައިވެރިވެވަޑައިގެން، "ދިހަ އަހަރުގެ ކުރިއެރުމުގެ މައްޗަށް ބިނާކުރުން"، މި މައުޟޫއަށް ވާހަކަދައްކެވުމަށް ވަނީ ހަމަޖެހިފައެވެ.

ބެއިޖިންގގައި ހުންނަ ޗައިނާ ނޭޝަނަލް ކޮންވެންޝަން ސެންޓަރު 2 ގައި އޮންނަ މި ބައްދަލުވުމުގައި އޭ.އައި.އައި.ބީގެ މެންބަރު ގައުމުތަކާއި، ބައިވެރިންނާއި، ވިޔަފާރިވެރިންނާއި، ސިވިލް ސޮސައިޓީގެ ޖަމިއްޔާތަކާއި، މީޑިއާގެ ފަރާތްތަކާއި، ބައިނަލްއަޤްވާމީ މާހިރުން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ތިން ދުވަހުގެ މި ބައްދަލުވުމުގައި 3,500އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެވަޑައިގެން، ބޭންކުގެ ހަތަރު ތަނބު ކަމަށްވާ ގްރީން އަދި ދެމެހެއްޓެނިވި ފައިނޭންސިންގ، ބޯޑަރު ހުރަސްކޮށް ގުޅުވައިލުން އަދި ސަރަހައްދީ ގުޅުން، އަމިއްލަ ފަރާތްތަކުގެ ފައިސާގެ ބޭނުން ހިފުން، އަދި ޑިޖިޓަލް ބަދަލުވުން އަދި ސްމާޓް އިންފްރާސްޓްރަކްޗަރއާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.

މި އަހަރުގެ ބައްދަލުވުމުގެ ތީމަކީ "ތަރައްޤީއަށް ގުޅުވައިލުން، ކުރިއެރުމަށް ގުޅިގެން މަސައްކަތްކުރުން"އެވެ. މި ބައްދަލުވުމުގައި ބޭންކުގެ މުސްތަޤްބަލާ މެދު މަޝްވަރާކޮށް، ބޭންކުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ބައްދަލުވުމުގައި އޭ.އައި.އައި.ބީއަށް އައު ރައީސަކު އިންތިޚާބުކުރުންވެސް އޮންނާނެއެވެ.

އޭ.އައި.އައި.ބީއަކީ މަލްޓިލެޓަރަލް ޑިވެލޮޕްމަންޓް ބޭންކެކެވެ. މިއީ މެންބަރު ގައުމުތަކުގެ ތަރައްޤީގެ އަމާޒުތައް ހާސިލުކުރުމަށް އެހީތެރިވުމުގެ ގޮތުން އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކަށް ފައިނޭންސް ކުރުމަށް އުފައްދާފައިވާ ބޭންކެކެވެ. ފުރަތަމަ 57 ގައުމުގެ ބައިވެރިވުމާއެކު މި ބޭންކު އުފެއްދީ އިޤްތިޞާދީ ތަރައްޤީ ކުރިއެރުވުމާއި، އިންފްރާސްޓްރަކްޗަރ އަދި އެހެނިހެން ދާއިރާތަކަށް އިންވެސްޓްކުރުމުގެ މަގުން ސަރަހައްދީ ގުޅުންތައް ހަރުދަނާކުރުމުގެ މަގުސަދުގައެވެ.

ރާއްޖެއަކީ 2016 ވަނަ އަހަރު އުފެދިގެން އައި އޭ.އައި.އައި.ބީގެ ފައުންޑިންގ މެންބަރެކެވެ. އޭ.އައި.އައި.ބީން ވަނީ ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.