ސްޕެއިންއަކީ ރާއްޖެއަށް ގިނަ ޢަދަދެއްގެ ފަތުރުވެރިން އަންނަ ޤައުމެއްކަމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމާއެކު، މިކަމަށް އިތުރު ހެޔޮ ބަދަލެއް އަންނާނެ ކަމަށް ލަފާކުރެވޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ސްޕެއިންގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ޚުއާން އެންޓޯނިއޯ މާރޗް ޕުޔޮލްގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އެރުވުމަށްފަހު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.
ސްޕެއިންގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.
އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި، ވިޔަފާރީގެ ދާއިރާއާއި، ޓެކްނޮލޮޖީއާއި، އިޤްތިޞާދީ ކުރިއެރުންފަދަ ދެޤައުމުގެ މަސްލަހަތާ ގުޅުންހުރި ކަންކަން ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސްޕެއިންއަކީ ރާއްޖެއަށް ގިނަ ޢަދަދެއްގެ ފަތުރުވެރިން އަންނަ ޤައުމެއްކަމަށެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓްގެ އައު ޓާމިނަލް ހުޅުވުމާއެކު، މިކަމަށް އިތުރު ހެޔޮ ބަދަލެއް އަންނާނެ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި މި ކުރިއެރުން ދެމިއޮތުމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެއިތުރުން ދޭދޭ ގުޅުން ބަދަހިކުރެވެނޭ އިތުރު ދާއިރާތައް ދެނެގަނެ، އެއް ބަޔަކު އަނެއް ބަޔަކާ ގުޅިގެން އެކުގައި މަސައްކަތްކުރަމުން ދާނެކަމުގެ ޔަޤީންކަންވެސް ދެބޭފުޅުން ވަނީ ދެއްވާފައެވެ.
ދިވެހިރާއްޖެއާއި ސްޕެއިނާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1979 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 25 ވަނަ ދުވަހުއެވެ.