ދ. މީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް (ރޯޑް ޑިވެލްޕްމެންޓް ކޯޕަރޭޝަން) އާރްޑީސީން ފަށައިފިއެވެ.
މި މަޝްރޫޢަކީ މީދޫގެ ދަތުރުފަތުރާއި އުމްރާނީ ތަރައްޤީއަށް އަމާޒުކޮށްގެން ސަރުކާރުން ބޮޑު ހޭދައެއް ކުރައްވާ މަޝްރޫޢެކެވެ. އާރްޑީސީން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސަރުކާރުގެ ބަޖެޓުން ހިންގާ މި މަޝްރޫޢަށް 53,965,168.00 (ފަންސާސް ތިން މިލިޔަން ނުވަސަތޭކަ ފަސްދޮޅަސް ފަސް ހާސް އެއްސަތޭކަ ފަސްދޮޅަސް އަށެއް) ރުފިޔާ ޚަރަދު ވާނެ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން މީދޫގެ ޖުމްލަ 10 މަގެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ، ތާރު އަޅައިގެން ތަރައްޤީ ކުރާ 8 މަގާއި، ގައު އަތުރައިގެން ހަދާ 2 މަގެވެ. ޖުމްލަ 3.8 ކިލޯ މީޓަރުގެ ދިގުމިނުގެ މި މަގުތަކުގެ މަސައްކަތް ނިންމުމަށް އާރްޑީސީއަށް ދީފައިވަނީ، 540 ދުވަހުގެ މުއްދަތެކެވެ.
މި މަޝްރޫޢާ ގުޅޭގޮތުން އިތުރު މައުލޫމާތު ދެއްވަމުން އާރްޑީސީން ވިދާޅުވީ، މަގުތައް ހަދާއިރު ރަށުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި ޒަމާނީ ފެންހިންދާ ނިޒާމެއް ޤާއިމުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން މަގުތައް ނިމޭއިރު މަގުބައްތި ޖެހުމާއި، ކޭބަލްތައް ވަޅުލުމަށް ބޭނުންވާ ޖަންކްޝަންތަކާއި، ހޮޅިލައިންތައް ފަދަ ހުރިހާ ވަސީލަތްތަކެއް ފުރިހަމަ ކުރެވޭނެ ކަމަށެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ދ. މީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ވަނީ ފެށިފައި. #TeamRDC pic.twitter.com/kg4jiesfl3
— Road Development Corporation Ltd (@rdcmaldives) April 1, 2026
އަދި މަސައްކަތް ކުރިއަށްދާއިރު ރަށުގެ އާންމު ދިރިއުޅުމަށާއި ދަތުރުފަތުރަށް ވީހާވެސް ދަތިނުވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސަވާނެ ކަމުގެ ޔަޤީންކަން އާރްޑީސީން ވަނީ ދެއްވާފައެވެ.
މި މަޝްރޫޢު ނިމުމުން މީދޫގެ މަގުތަކުގެ ހާލަތު ރަނގަޅުވެ، ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި ސަރުކާރުން މި މަޝްރޫޢަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް އާރްޑީސީން ވަނީ ފާހަގަކުރައްވާފައެވެ.
މި މަސައްކަތް އާރްޑީސީއާ ޙަވާލުކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ދ. އަތޮޅަށް ވަޑައިގަތުމަށްފަހު އެރަށުގެ ރައްޔިތުންނާ ބަައްދަލުކުރެއްވުމަށް ބޭއްވި ރަސްމީ ޖަލްސާގައެވެ.