އެސްއެމްއީ ޑިޖިޓަލްއިން ފަތުރުވެރިކަމުގެ ދާއިރާއަށް ފައިނޭންސިން ލިމިޓް އިތުރުކޮށްދީފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބާރުވެރި ކުރުމަށް ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ އެސްއެމްއީ ޑިޖިޓަލް އުފެދުނުތާ 7 އަހަރު މިވަނީ ފުރިިފައެވެ. އެސްޑީއެފްސީގެ ނަމުގައި އުފެދުނު ކުންފުނި ރީބްރޭންޑްކޮށް ބީއެމްއެލް ސަބްސިޑިއަރީ ކުންފުންޏަކަށް މިހާރު ބަދަލުވެފައިވާއިރު، އެކުންފުނިން ވަނީ ހާސިލް ކުރި މުހިންމު ބައެއް ކާމިޔާބީތައް ހިއްސާކުރައްވާފައެވެ. އޭގެ ތެރެއިން އެއް ކާމިޔާބީއަކީ، ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސިން ފެސިލިޓީގެ ލިމިޓު 10 މިލިޔަން ރުފިޔާއަށް ބޮޑު ކުރުމެވެ. މި ލިމިޓް މިހާރު ބޮޑުކޮށްފައިވަނީ، ފަތުރުވެރިކަމުގެ ދާއިރާގެ މަޝްރޫޢުތަކަށެވެ.
އެކުންފުނިން މި ބަދަލު ގެނައި ސަބަބާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ޙަސަން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތަކުގެ ތެރެއިން ގެސްޓް ހައުސް ވިޔަފާރި ފެށުމަށް ފައިނޭންސް ކުރާއިރު ކުރީގައި އޮންނަ 5 މިލިޔަން ރުފިޔާގެ ލިމިޓަކީ ވަރަށް ކުޑަ ލިމިޓެއް ކަމަށެވެ. އެ ލިމިޓުގެ ސަބަބުން ބައެއް ބަދަލުތައް ގެނެސް މަޝްރޫޢުު ފެށިނަމަވެސް އެކަށީގެންވާ ފައިނޭންސް ނެތުމުން މަޝްރޫޢޫ ހުއްޓޭގޮތް މެދުވެރިވާ ކަމަށް ބަދުރުއްދީން ވިދާޅުވިއެވެ.
"ދެން މިވާގޮތަކީ 5 މިލިޔަނުގެ ލިމިޓެއް އިންނާތީ ބައެއް ބޭފުޅުން އެ ހަދަން ތަންކޮޅެއް ޚަރަދު ކުޑަކޮށް ގެންދަން ބަދަލުތަކެއް ގެނޭ. އެހެނަސް ކޮސްޓް އެސްކަލޭޝަން ފަދަ ކަންކަމުގެ ތެރެއިން ޚަރަދުތައް އިތުރުވޭ. އެހެންވެ އެއްކަލަ މަޝްރޫޢު 5 މިލިޔަނުން ނުނިމޭ. ނުނިމުނީމަ އަޅުގަނޑުމެންނަށްވެސް ގެއްލުން. ދެން ނުނިމުނީމަ އަޅުގަނޑުމެންނަށްވެސް ގެއްލުން. އެއީ، ނުނިމި އާމްދަނީ ނުލިބި ލޯނު ޑިފޯލްޓްވާ ގޮތް މެދުވެރިވަނީ. " އެސްއެމްއީ ޑިޖިޓަލްގެ އެމްޑީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިފަދަ މަޝްރޫޢުތައް ހިންގޭނީ އެކަށީގެންވާ ފައިނޭންސެއް ދެވިގެން ކަމަށް އެކުންފުނިން ދެކޭތީ މިހާރު މި ދާއިރާގެ ވިޔަފާރިތަކަށް ފައިނޭންސް ކުރެވޭ މިންވަރު 10 މިލިޔަނަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި މި ބަދަލާއެކު އެހެނިހެން ދާއިރާތަކުންވެސް ފައިނޭންސިން ލިމިޓް އިތުރު ކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް ބަދުރުއްދީން ވިދާޅުވިއެވެ.
"ކުރިއަށް އޮތްތަނުގައި ޕާފޯމެންސާއި އެހެނިހެން ކަންކަމާއި ބަލާފައި ލިމިޓްތައް އިތުރުކުރާނަން. މިހާރުވެސް އަޅުގަނޑުމެން ގެސްޓް ހައުސް ފައިނޭންސިން 10 މިލިޔަނާއި ހަމައަށް ބޮޑުކުރީމަ އެބައާދޭ އެހެނިހެން އޭރީއާތަކުން. މިހާރު އެބަޖެހޭ ބާރުވެރިކަން. އިތުރު ހިތްވަރެއް ލައިދޭން. އެހެން ހަރުފަތަކަށް ގެންދަން. ކުރިން މިފާހަގަ ކުރި ފަރާތްތަކުން އެކި އެކި ފަައިނޭންސިން ނަގައިގެން މިވަނީ ވިޔަފާރި ފަށާފައި. އެ ބޭފުޅުން އެހެން ލެވެލްއަކަށް ގެންދަންވެސް އެބަޖެހޭ އިތުރު ފައިނޭންސިން ފޯރުކޮށްދޭން. " ބަދުރުއްދީން ވިދާޅުވިިއެވެ.
އެކުންފުނިން ވަނީ ކުންފުނީގެ ހިންގުން ހަރުދަނާ ކުރަން، ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި މިހާތަނަށް 7 އަހަރުގެ ތެރޭގައި ކުންފުނި ފުޅާވެ، މިހާރު 100 އަށްވުރެ ގިނަ މުވައްޒަފުންނާއިއެކު 4000 އަށްވުރެ ގިނަ ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ. މީގެއިތުރުން ކުންފުނީގެ ސްޓްރަކްޗަރއަށް ބަދަލު ގެނެސް، ކުންފުނީގެ ދަށުން ދޫކުރާ ފައިނޭންސް ފެސިލިޓީތަކަކީ އިސްލާމީ ޝަރީޢާއާއި އެއްގޮތަށް ދޫކުރާ ފެސިލިޓީތަކަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވިއެވެ.