ސިޔާސީ

ފަތުރުވެރިކަމުގެ ދާއިރާއިން ތަޖުރިބާގެ ފުރުޞަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުން ސައިޕްރަސްއާއެކު މަޝްވަރާކޮށްފި


  • ވިޔަފާރިއާއި ފަތުރުވެރިކަމާއި ތައުލީމީ ދާއިރާއިން އެއްބާރުލުން ދިނުން އިތުރުކުރުމަށް މަޝްވަރާކުރެއްވި

  • ޞިއްޙީ ދާއިރާއިން އެއްބާރުލުން އިތުރަށް ހަރުދަނާ ކުރުމަށް އުއްމީދު ކުރައްވާކަންވެސް ދެބޭފުޅުން ހާމަކުރެއްވި

ދިވެހިރާއްޖެއާ ސައިޕްރަސްގެ މަސްލަހަތު ހިމެނޭ ކަންކަމާ ބެހޭގޮތުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންނަށް ތަޖުރިބާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ފައިދާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައްކޮށްފައިވަނީ ދަ ރިޕަބްލިކް އޮފް ސައިޕްރަސްގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ހައި ކޮމިޝަނަރ، އެވަގޮރަސް ވިރްޔޮނިޑެސް، އެމަނިކުފާނުގެ މަޤާމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަށް އެރުވުމަށްފަހު ދެ ބޭފުޅުން ބައްދަލުކުރައްވައެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ހައި ކޮމިޝަނަރ ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

ސައިޕްރަސްގެ އައު ހައި ކޮމިޝަނަރ، އެމަނިކުފާނުގެ މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ހައި ކޮމުޝަނަރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު އައު ހައި ކޮމިޝަނަރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، ވިޔަފާރިއާއި ފަތުރުވެރިކަމާއި ތައުލީމީ ދާއިރާއިން އެއްބާރުލުން ދިނުން އިތުރުކޮށް، ދެފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން ޞިއްޙީ ދާއިރާއިން އެއްބާރުލުން އިތުރަށް ހަރުދަނާ ކުރުމަށް އުއްމީދު ކުރައްވާކަންވެސް ދެބޭފުޅުން ހާމަކުރެއްވިއެވެ.

ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަކީ ކިހާ މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ސައިޕްރަސްއަކީ ތަޖުރިބާތަކާއި ފުރުޞަތުތައް ފަހި، ޖަޒީރާ ޤައުމަކަށްވާތީ، ދަރިވަރުންނާއި ޕްރޮފެޝަނަލުން، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންނަށް ތަޖުރިބާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ފައިދާ، މި ބައްދަލުކުރެއްވުމުގައި، ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ސައިޕްރަސް އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1987 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.