މީގެ މަހެއްހާ ދުވަސް ކުރިން ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު އޮތީ ޚިޔާލު ތަފާތުވުމާއި ދެބަސްވުމެވެ. ހިތްހަމަނުޖެހުމާއި އަރައިރުންވުމެވެ. ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރަކީ ޓްރަމްޕް ކަމުގައި ޒަޔަނިސްޓު ނަތަންޔާހޫ ބުނަމުން ދިޔަ ނަމަވެސް ޓްރަމްޕް ވަނީ އޭނާއާ ފެޔަށް ޖެހިވަޑައިގަންނަވާފައެވެ. މޭ މަހު މެދުއިރުމައްޗަށް ކުރެއްވި ދަތުރުފުޅުގައި އޭނާ އިސްރާއީލަށް ޒިޔާރަތް ކުރައްވާފައި ނުވާ ކަން މި ކަމުގެ ހެއްކަކަށް ފުދެއެވެ.
ޒަޔަނިސްޓު ނަތަންޔާހޫގެ ވިސްނުމާ ދެކޮޅަށް ޓްރަމްޕް ގިނަ ނިންމުންތަކެއް ނިންމަވާފައިވާ ކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ. އެއް ކަމަކީ، ސޫރިޔާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތައް އުވައިލެއްވުމެވެ. ޓްރަމްޕް އެ ގޮތަށް އަމަލު ކުރައްވަން ނިންމަވާފައި ވަނީ އަނިޔާވެރި ނަތަންޔާހޫ އެ ކަމަށް އިންކާރު ކުރަމުން ދަނިކޮށެވެ. އެއަށް ފަހު، އިސްރާއީލުގެ އެންމެ ބޮޑު ދުޝްމިނުގެ ގޮތުގައި ޔަހޫދީން ސިފަކުރާ އީރާނާ އެކު ޓްރަމްޕް ވަނީ ސީދާ މަޝްވަރާތައް ފަށްޓަވާފައެވެ. އެއީ، ނިރުބަވެރި ނަތަންޔާހޫއަށް ހަޖަމު ކުރެވުނު ނިންމުމެއް ނޫނެވެ.
ނަމަވެސް، އޭގެ ފަސް ހަފުތާއެއްހާ ދުވަސް ފަހުން އޮއިވަރު މި ވަނީ އެނބުރިފައެވެ. ހާލަތު މި ވަނީ ބަދަލުވެފައެވެ. ޖައްބާރު (ނުބައި ނުލަފާ) ނަތަންޔާހޫ ބޭނުންވާ ގޮތަށެވެ. އޭނާ ރުއްސުމުގެ ގޮތުން ޓްރަމްޕް މި ވަނީ އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދެއްވާފައެވެ. ޖޫން 22ވަނަ ދުވަހު އެމެރިކާގެ އަސްކަރިއްޔާއިން ދިން ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ހިންގާ ނަޠާންޛް، ފޫރްދޫ އަދި އަޞްފިހާންގެ ނިއުކްލިޔަރ މަރުކަޒުތަކަށެވެ. ޖޫން 13ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ވެސް ދިޔައީ އެ ތަންތަނަށް އަމާޒުކޮށް ނިރުބަވެރި ޙަމަލާތަކެއް ދެމުންނެވެ. އީރާނަށް ޙަމަލާ ދިނުމުގައި އެމެރިކާއިން ޔަހޫދީންނާ ބައިވެރިވުމަކީ ހައްދުފަހަނަ އެޅި ނަތަންޔާހޫގެ އެންމެ ބޮޑު ހުވަފެނެވެ. ޓްރަމްޕް މި ވަނީ އެ ހުވަފެނުގައި ކުލަ ޖައްސަވައިދެއްވާފައެވެ.
މި ހާދިސާއިން ދޭހަވަނީ އެންމެ ކަމެކެވެ: އެއީ، އެމެރިކާގެ ރައީސް ކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފަޅަކާ ދެމެދު ދެބަސްވުމާއި ޚިޔާލު ތަފާތުވުން އުދެފިފައި އޮތް ނަމަވެސް، ދޭދޭ ގުޅުންތައް ގޯސްވެފައި އޮތް ނަމަވެސް، އާޚިރުގައި ކަންކަން ނިމޭނީ ނިރުބަވެރި ނަތަންޔާހޫ ބޭނުންވާ ގޮތަކަށް ކަމެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުގެ ގޮތުގައި ވަކާލާތު ކުރަމުންދާ އެމެރިކާގެ ހުރިހާ ރައީސުން ވެސް ނަތަންޔާހޫގެ ކުރިމަތީގައި ކުޑަކަކުލަށް ތިރިވެފައިވާ ކަމެވެ. އޭނާގެ ހުވަފެންތައް ޙަޤީޤަތަކަށް ހަދައިދިނުމަށް އެއްވެސް ފިޔަވަޅެއް އެޅުމަށް ފަސް ނުޖެހޭނެ ކަމެވެ.
ފާއިތުވި ތިން ދަހަރެއްހާ ދުވަސް ޖައްބާރު ނަތަންޔާހޫ ހޭދަ ކޮށްފައި ވަނީ އެމެރިކާގެ ރިޔާސަތާ ކޯޅުމުގައެވެ. ދުނިޔޭގެ ލޯތަކުގެ ކުރިމަތީގައެވެ. އޭނާ ވަނީ، އެމެރިކާގެ ރައީސް ކަމުގެ މަޤާމުގައި ތިއްބެވި ބޭފުޅުންނަށް ލެކްޗަރު ދީފައެވެ. ނުވަތަ، އަމަލު ކުރަންވީ ގޮތް ކިޔައިދީފައެވެ. އަމުރުމަޢުރޫފު ހިންގާފައެވެ. އެ ރައީސުންނާ ދެކޮޅަށް މަސައްކަތް ކޮށްފައެވެ. ދުނިޔޭގެ ކުރިމަތީގައި އެ ރައީސުންގެ އަގުވައްޓައިލައި، ލަދުގަންނަވައިލާފައެވެ. ނަމަވެސް، އެމެރިކާގެ ރައީސް ކަމުގެ މަޤާމާ ކޮންމެ ޕާޓީއެއްގެ—ރިޕަބްލިކަން ނުވަތަ ޑިމޮކްރެޓިކް ޕާޓީގެ—ބޭފުޅަކު ޙަވާލުވި ނަމަވެސް، ނަތަންޔާހޫގެ ކުރިމަތީގައި ކުޑަކަކޫ ޖަހަން ނުޖެހުނު ބޭފުޅެއް ފެނިގެން ގޮސްފައެއް ނެތެވެ. ކޮންމެ ޕާޓީއެއްގެ ވެރިކަމެއްގައި ވެސް، އެމެރިކާއިން ދިޔައީ މެދުކެނޑުމެއް ނެތި ޔަހޫދީން ބޭނުންވާ ހަތިޔާރު އެ މީހުންނަށް ފޯރުކޮށްދެމުންނެވެ. މިއަދުވެސް ކަން އޮތީ އެ ގޮތުގައެވެ.
ނަތަންޔާހޫ ބޭނުންވާ ގޮތަކަށް އެމެރިކާގެ ރައީސުންގެ ޚިޔާލާއި ވިސްނުން އަނބުރައިލައި، އެ މީހުން އަޅުދާސް ކުރުމުގެ މަސައްކަތް އޭނާ ފަށާފައި ވަނީ މީގެ ދަހަރުތަކެއް ކުރިންނެވެ. 1996ވަނަ އަހަރަށް ޖެހިލަމާތޯއެވެ. އެއީ، ޒަޔަނިސްޓު އިސްރާއީލުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް ހައްދުފަހަނަ އެޅި ނަތަންޔާހޫ އިންތިޚާބުވި އަހަރެވެ. އެއިރު، އެމެރިކާގެ ރިޔާސަތުގައި އިންނެވީ ބިލް ކްލިންޓަނެވެ. ބޮޑުވަޒީރު ކަމާ ޙަވާލުވުމަށް ފަހު މަހެއްހާ ދުވަސް ފާއިތު ނުވެ، އޭނާވަނީ ވޮޝިންގޓަނަށް ގޮސް ކްލިންޓަނާ ބައްދަލު ކޮށްފައެވެ.
ނަމަވެސް، އެ ބައްދަލުވުން ނިމިގެން ދިޔައީ އޭނާ ބޭނުންވި ގޮތަކަށް ނޫނެވެ. ކްލިންޓަނާ ދެމެދު ޚިޔާލުތަފާތުވެ، ދެބަސްވުންތައް އުފެދުނެވެ. "އޭނާ [ނަތަންޔާހޫ] ހީކުރީ އޭނާއަކީ ކާކު ކަމަށްތަ؟ މި ތަނުުގައި ސުޕަރޕަވަރ (ބާރުގަދަ ޤައުމަކީ) ކޮބައިތަ؟،" ނަތަންޔާހޫއާ ބައްދަލު ކުރެއްވުމަށް ފަހު އެމެރިކާގެ ޚާރިޖީ ދާއިރާގެ އިސް އޮފިޝަލެއް ކަމުގައިވާ އެރޮން ޑޭވިޑް މިލަރއާ ކްލިންޓަން ސުވާލު ކުރެއްވިއެވެ. އަދި، ނަތަންޔާހޫ ސިފަ ކުރެއްވުމަށް ކްލިންޓަން ބޭނުން ކުރައްވާފައި ވަނީ ވެސް ވަރަށް ހަޑިހުތުރު ބަސްތަކެކެވެ. ނަމަވެސް، ކްލިންޓަންގެ ވެރިކަމުގައި ވެސް އެމެރިކާއިން ދިޔައީ މެދުކެނޑުމެއް ނެތި ޔަހޫދީން ބޭނުންހާ ހަތިޔާރެއް އެ މީހުން ފޯރުކޮށްދެމުންނެވެ.
1999ވަނަ އަހަރު ނަތަންޔާހޫގެ އެއިރުގެ ވެރިކަން ނިމުމަކަށް އައެވެ. އޭނާ ޒަޔަނިސްޓުންގެ ވެރިކަމާ ދެން ޙަވާލުވީ ދަހަރެއްހާ ދުވަސް ފަހުންނެވެ. އެއިރު، އެމެރިކާގެ ރައީސް ކަމުގެ މަޤާމު ފުރުއްވަމުން ގެންދެވީ ވަނީ ބަރާކް އޮބާމާއެވެ. އޮބާމާއަކީ ވެސް، ކްލިންޓަނެކޭ އެއް ފަދައިން، ޑިމޮކްރެޓިކް ޕާޓީގެ ރައީސެކެވެ. އޮބާމާއާއި ޖައްބާރު ނަތަންޔާހޫއާ ދެމެދު ވެސް ބޮޑެތި ޚިޔާލު ތަފާތުވުންތަކާއި ދެބަސްވުންތައް އުފެދުނެވެ. އެންމެ ބޮޑު މައްސަލައަކަށް ވެގެން ދިޔައީ، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުމަށް އަނިޔާވެރި ނަތަންޔާހޫ ހިންގަމުން ދިޔަ ޖަރީމާތަކެވެ.
މީގެ އިތުރުން، އެމެރިކާއާއި އީރާނާ ދެމެދު ސުލްޙައިގެ މަޝްވަރާތަކެއް ފެށުމަކީ، އޮބާމާގެ ވެރިކަމުގައި ނަތަންޔާހޫއާ ދެމެދު އެންމެ ބޮޑު ދެބަސްވުމެއް އުފެދި، މައްސަލަ ޖެހުނު ސަބަބެވެ. ޔަހޫދީ ނަތަންޔާހޫ އެއިރު ވެސް ބުނަމުން ދިޔައީ، އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. ނަމަވެސް، އީރާނުން އެއިރު ވެސް ދިޔައީ އެ ތުހުމަތު ދޮގު ކުރަމުންނެވެ.
އީރާނާ އެކު އޮބާމާގެ ސަރުކާރުން ކުރަމުން ދިޔަ މަޝްވަރާތަކަށް ހުރަސް އެޅުމަށް ނިރުބަވެރި ނަތަންޔާހޫ ވަނީ ވަރަށް ހީލަތްތެރި ކަމާ އެކު ޖަރީމާތަކެއް ހިންގާފައެވެ. އެއް ކަމަކީ، އެއިރު އިދިކޮޅުގައި އޮތް ރިޕަބްލިކަން ޕާޓީއަށް ބާރާއި ނުފޫޒު ފޯރުގައި، އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް، ކޮންގްރެސްގައި ތަޤުރީރު ކުރުމުގެ ފުރުޞަތު ހޯދުމެވެ. އެ ކަން ކޮށްފައި ވަނީ އޮބާމާގެ ސަރުކާރަށް އެންގުމަކާ ނުލައެވެ.
2015ވަނަ އަހަރު ކޮންގްރެސްގައި ތަޤުރީރު ކުރަމުން ނަތަންޔާހޫ ވަނީ އޮބާމާއަށް ފާޑު ކިޔާފައެވެ. އެމެރިކާގެ ރައްޔިތުންނާއި ދުނިޔޭގެ ކުރިމަތީގައި އޭނާ ލަދުގަންނަވައިލާފައެވެ. އަދި، އީރާނާ އެކު އޮބާމާގެ ސަރުކާރުން ކުރަމުން ދިޔަ މަޝްވަރާތައް ކާމިޔާބު ނުވާނެ ކަމަށް ބުނެފައެވެ. އެ ކަމާ އޮބާމާ ވަރަށް ބޮޑަށް ކޯފާ އިސްކުރެއްވިއެވެ. ނަމަވެސް، އެއާ ޖެހިގެން އައި އަހަރު އެމެރިކާއިން ވަނީ 38 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ޔަހޫދީންނަށް ފޯރުކޮށްދިނުމަށް އެއްބަސްވުމެއް އެކުލަވައިލާފައެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތުން ވަނީ ޒަޔަނިސްޓުންގެ ރަށްތަކަށް ޖިހާދީ ޙަމަލާއެއް ދީފައެވެ. އެއީ، ޔަހޫދީންގެ އަޅުވެތިކަމަށް ކެތް ނުކުރެވިގެން ދީފައިވާ ޙަމަލާތަކެކެވެ. އެ ޙަމަލާތަކުގެ ރައްދުގައި ޖައްބާރު ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ހިންގަން ފަށާފައެވެ. އެ ޖަރީމާތަކަށް ތާޢީދުކޮށް، އެހީތެރިކަން ފޯރުކޮށްދިނުމުގެ ކުރިން އެމެރިކާގެ އެއިރުގެ ރައީސް ޖޯ ބައިޑަން ވަނީ ޔަހޫދީން ބޭނުންހާ ހުރިހާ ހަތިޔާރެއް އެ މީހުންނަށް ފޯރުކޮށްދެއްވަން ފަށްޓަވާފައެވެ.
ނަމަވެސް، ގިނަ ދުވަސްތަކެއް ނުވެ އަނިޔާވެރި ނަތަންޔާހޫއާއި ބައިޑަނާ ދެމެދު ވެސް މައްސަލަ ޖެހުނެވެ. އެންމެ ބޮޑު ދެބަސްވުމަކަށްވީ، ޔަހޫދީންގެ ޙަމަލާތަކުގައި ޣައްޒާގެ އެތަކެއް ސަތޭކަ ހާސް ޢާންމު ރައްޔިތުންނެއް ޝަހީދު ކުރަމުން ދިޔުމެވެ. ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އަދި، ހިނގާބިނގާވެ ނޫޅެވޭ ވަރުގެ އުމޫރުންނެވެ. އެ މީހުން ޝަހީދު ކުރުމުގައި ބައިޑަން ބައިވެރިވެ ވަޑައިގަންނަވައި، އެ ކަމަށް ބޭނުންވާ ހަތިޔާރު ފޯރުކޮށްދެއްވަމުން ގެންދެވުމާ އެކު އޭނާއަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފާޑުކިޔުންތައް އަމާޒުވިއެވެ.
އެ ފާޑުކިޔުންތަކަށް ކެތްނުކުރެވިގެން ޔަހޫދީންނަށް ފޯރުކޮށްދެމުން ދިޔަ ބައެއް ހަތިޔާރުތައް ހިފެހެއްޓުމަށް ބައިޑަނަށް މަޖުބޫރުވިއެވެ. އަދި، ފަލަސްޠީނުގެ ޢާންމުންނަށް އަނިޔާކޮށް، ނިރުބަވެރި ޙަމަލާތައް ދެމުންދިޔަ ޔަހޫދީ ޢާންމުންނާ ދެކޮޅަށް ވެސް އޭނާ ފިޔަވަޅުތައް އެޅުއްވިއެވެ. އެއާއެކު، ހައްދުފަހަނަ އެޅި ނަތަންޔާހޫއާއި ބައިޑަނާ ދެމެދު އޮތް ގުޅުމަށް އިތުރަށް ހިޔަނިއެޅިގެން ދިޔައެވެ. ބައިޑަނަށް ފަހު އެމެރިކާގެ ރައީސް ކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގެންނެވީ ރިޕަބްލިކަން ޕާޓީގެ ޓްރަމްޕެވެ.
ނަތަންޔާހޫ ފުރަތަމަ ހީކުރީ، އޭނާ ބޭނުންހާ ގޮތަކަށް ޓްރަމްޕް އަމަލު ކުރައްވާނެ ކަމަށެވެ. ނަމަވެސް، ފުރަތަމަ ކަން ހިނގައިގެން ދިޔައީ ދިމާ އިދިކޮޅަށެވެ. ޣައްޒާގައި ޝަހީދު ކުރަމުން ދިޔަ އަންހެނުންނާއި ކުޑަކުދިންގެ އަދަދުތަކާ މެދު ޓްރަމްޕް ވެސް ހިތްހަމަޖެހިވަޑައިނުގެންނެވިއެވެ. އެއަށް ފަހު، އޭޕްރިލް 7ވަނަ ދުވަހު ޓްރަމްޕް ވަނީ، އީރާނާއި އެމެރިކާއާ ދެމެދު ސީދާ މަޝްވަރާތައް ފެށުމަށް ތައްޔާރުވެފައިވާ ކަން އިޢުލާނު ކުރައްވާފައެވެ. އެއީ، ނަތަންޔާހޫއަށް އެއްވެސް ވަރަކަށް ބަލައިގަނެވުނު، އަދި ހަޖަމު ކުރެވުނު ނިންމުމެއް ނޫނެވެ.
އަނިޔާވެރި ނަތަންޔާހޫ ބޭނުންވީ ބާރުގެ ބޭނުންކޮށް އީރާނަށް ޙަމަލާ ދިނުމަށެވެ. އަދި، އެމެރިކާއިން އެ ޙަމަލާތަކުގައި ބައިވެރިވުމަށް މަޖުބޫރު ކުރުވުމަށެވެ. ޔަހޫދީ ފައުޖުން ޖޫން 13ވަނަ ދުވަހު އީރާނަށް ބޮންއަޅަން ފަށާފައި ވަނީ ޓްރަމްޕްގެ ރުހުމާ އެކުގައި ކަމަށް ބެލެވެއެވެ. އެއީ، އެމެރިކާއާއި އީރާނާ ދެމެދު ކުރަމުން ދިޔަ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބެމުން ދަނިކޮށެވެ. މަޝްވަރާތައް ހިނގަމުން ދިޔަ ދަނޑިވަޅެކެވެ، އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކާއި ޢާންމުންގެ ރަށްތަކަށް ޙަމަލާ ދޭން ފެށުމަށް ފަހު، ޖައްބާރު ނަތަންޔާހޫ ވަނީ އެމެރިކާގެ ބައިވެރިވުން ހޯދުމަށް ޓްރަމްޕްގެ އަރިހުގައި އާދޭސް ކުރަން ފަށާފައެވެ.
ނަތަންޔާހޫގެ ކުރިމަތީގައި ޓްރަމްޕް ކުޑަކަކޫ ޖައްސަވައި، އޭނާގެ ހުވަފެންތަކުގައި ކުލަ ޖައްސަވައިދެއްވާފައި ވަނީ ޖޫން 22ވަނަ ދުވަހުއެވެ. އެ ދުވަހު، އީރާން ގަޑިން މެންދަމުންއަލިވެ 2:30ހާއިރު އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ޔަހޫދީންނާ ބައިވެރިވެ އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދީފައެވެ. އެ ކަމާ އެންމެ އުފާ ކުރީ އަނިޔާވެރި ނަތަންޔާހޫއެވެ. އޭނާ ބޭނުންވާ ކަންކަން ޓްރަމްޕް ވެސް އެ ގެންދަވަނީ ހާސިލު ކޮށްދެއްވަމުންނެވެ. އޭނާ ޖަހާހާ ބެރަކަށް ނަށްޓަވަމުންނެވެ. ކުޑަކަކުލަށް ތިރިވެ ވަޑައިގަންނަވައި، ނަތަންޔާހޫގެ ފައިތިލައިގައި ބޮސްދެއްވަމުންނެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުގެ ވެރިން އަޅުދާސް ކުރެވޭނީ މި ފަދަ މިންވަރަކަށެވެ. އެ އެންމެންނަކީ ވެސް ނަތަންޔާހޫގެ އަޅުންނެވެ.