ޚަބަރު

ހުރްމުޒުން ދަތުރުކުރި އުޅަނދަކަށް ހަމަލާދިނުމުން މަޝްވަރާތަކަށް ހިޔަނި


ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުން ދިޔަ އުޅަނދަކަށް ހަމަލާދިނުމާ ގުޅިގެން، ހުޅަނގު އޭޝިޔާގައި އެމެރިކާއިން އިސްވެ ފެށި ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން އީރާނާއެކު ކުރަމުންދާ މަޝްވަރާތަކާ މެދު ސުވާލު އުފެދިއްޖެއެވެ. ފަސް މަސް ދުވަހަށް ދެމިގެންގޮސްފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭގޮތުން ކުރަމުންދާ މަޝްވަރާތަކާމެދު މި ދަނޑިވަޅުގައި ވޮޝިންގޓަނާއި ތެހްރާނުން ދައްކަމުން ދަނީ ފުށުއަރާ ވާހަކަތަކެކެވެ. އެންމެ ފަހުގެ ހަމަލާ އަމާޒު ކޮށްފައި ވަނީ ޢުމާންގެ އައްސޭރިފަށުން ދަތުރު ކުރަމުން ދިޔަ އާގުބޯޓަކަށެވެ. ނަމަވެސް، އެއީ އީރާނުން ދިން ހަމަލާއެއް ކަން ސާފެއް ނޫނެވެ. މިއާއެކު، ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ މައި ކަނޑުއޮޅި އަލުން ދަތުރުފަތުރަށް ހުޅުވައިލެވޭނެ ކަމާމެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.

އޮގަސްޓު 3 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި މަޝްވަރާތައް މެދުކެނޑުމެއް ނެތި ކުރިއަށްދާ ކަމުގައެވެ. އަދި، މިއީ ޞުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް ތެހްރާނަށް ދެއްވާނެ އެންމެ "ފަހު ފުރުސަތު" ކަމުގައި އޭނާ ވިދާޅުވިއެވެ. މަޝްވަރާތައް އަލުން ފަށާފައި ވަނީ އީރާނުގެ އިތުރުން މެދުއިރުމަތީގެ ބާރުތައް ކަމުގައިވާ ސަޢޫދީ ޢަރަބިއްޔާ، އެކުވެރި ޢަރަބި ޢިމާރާތް އަދި ޤަޠަރުގެ އެދުމުގެ މަތިން ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ. މީގެ ކުރިން އީރާނަށް ވަރުގަދަ ޙަމަލާތަކެއް ދިނުމަށް ނިންމެވުމަށްފަހު، މަޝްވަރާތަކަށް ޖާގަ ދެއްވުމުގެ ގޮތުން ޓްރަމްޕް ވަނީ އެ ހަމަލާތައް ފަސްކުރައްވާފައެވެ.

ނަމަވެސް، ތެހްރާނުން ވަނީ ވޮޝިންގޓަނާއެކު މަޝްވަރާ ކުރަމުންދާ ކަން ދޮގުކޮށްފައެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ ވިދާޅުވީ، ދެ ފަރާތުގެ މެދުގައި އެއްވެސް މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ރޭވިފައި ވެސް ނެތް ކަމުގައެވެ. އަދި، މި ވަގުތު ޤައުމުން ބޭރުގައި ހުންނެވީ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ކަމަށާއި، އޭނާ ޢިރާޤަށް ވަޑައިގަންނަވާފައި ވަނީ އަމިއްލަ ދަތުރުފުޅެއްގައި ކަމުގައެވެ. ނަމަވެސް، ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ފުރުސަތު ދިނުމުގެ ގޮތުން ޢުމާނާއެކު ތެހްރާނުން މި ވަގުތު މުހިންމު މަޝްވަރާތަކެއް ކުރަމުންދާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މި ނުތަނަވަސްކަމާއެކު ވެސް، މައްސަލައަށް ޙައްލެއް ލިބިދާނެކަމުގެ އުންމީދުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ފާހަގަކުރެވޭ މިންވަރަކަށް ދަށްވެފައެވެ. ނަމަވެސް، ޓްރަމްޕް ވަނީ އީރާންގެ ސަރުކާރަށް ފާޑުވިދާޅުވެ، ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓުރޯލު އެމެރިކާގެ އަސްކަރިއްޔާގެ ދަށުގައި އޮތް ކަމުގައި ދަޢުވާ ކުރައްވާފައެވެ. ޖުލައި މަހުގެ އިބުތިދާއީ އެއްބަސްވުން އެމެރިކާއިން އުވައިލުމާ ގުޅިގެން ތެހްރާނުން ވަނީ ވޮޝިންގޓަނާއެކު ސީދާ މަޝްވަރާތައް ކުރުމަށް ފާޅުގައި އިންކާރު ކޮށްފައެވެ. މައިގަނޑު މައްސަލައަކީ ހުރްމުޒް ކަނޑުއޮޅީގެ މައްޗަށް އޮތް ބާރުވެރިކަމާމެދު ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ފުން އަދި ބޮޑެތި ޚިލާފުތަކެވެ.