ނިމުނު ހަފުތާއަކީ ސިޔާސީ، އިޤުތިޞާދީ އަދި ތަރައްޤީގެ ދާއިރާއިން ފާހަގަކޮށްލެވޭ މުހިންމު ކަންތައްތައް ހިނގާދިޔަ ހަފްތާއެކެވެ. އެ ގޮތުން ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 30ވަނަ ދުވަހަކީ ދިވެހި އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖެއްސެވީ މިދިޔަ އާދިއްތަ ދުވަހުއެވެ.
އަދި މެރކް ފައުންޑޭޝަންގެ ފަސްޓް ލޭޑީސް އިނިޝިއޭޓިވްގެ 7 ވަނަ ސަމިޓު ޝަރަފުވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ޔުނައިޓަޑް ޢަރަބް އެމިރޭޓްސްގެ ދުބާއީއަށް ދަތުރުފުޅެއް ކުރެއްވީވެސް ނިމުނު ހަފުތާގައެވެ. މި ދަތުރުފުޅުގެ ތެރެއިން ސަމިޓު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެކަމަނާ ތަޤުރީރުކުރެއްވިއެވެ.
ނިމުނު ހަފުތާގައި ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ކުރީގެ ރައީސް، މުޙައްމަދު ނަޝީދު އިސްވެ އުފެއްދެވި ދި ޑިމޮކްރެޓްސް އުވާލުމަށް އެ ޕާޓީން ނިންމުން ފާހަގަކޮށްލެވެއެވެ. ޕާޓީ އުވާލުމަށްފަހު، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއާ ގުޅުމަށް ޑިމޮކްރެޓްސްގެ މެންބަރުން ވަނީ ނިންމާފައެވެ.
މީގެ އިތުރުން ނިމުނު ހަފުތާގައި ދައުލަތުގެ ބައެއް މަޤާމުތަކަށްވެސް ބަދަލު ގެނެސްފައިވެއެވެ. އެ ގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ޒަމްޢަތު އަޙްމަދު ވަޙީދު ޢައްޔަންކުރެއްވީ ނިމުނު ބުދަ ދުވަހުއެވެ. އަދި އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު އަންހެން މީހެއްގެ މައްސަލަ ތަޙުޤީޤުކުރުމަށް އުފެއްދެވި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަނުގެ ރިޕޯޓުން ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯރ ޑިޖިޓަލް ސްޓްރެޓެޖީގެ މަޤާމުގައި ހުންނެވި ދާއޫދު އަޙްމަދު އެ މައްސަލާގައި ދޮގު ބަޔާން ދީފައިވާކަން ހާމަވަަމުން އޭނާ މަޤާމުން ވަކިކުރެއްވީވެސް ނިމުނު ހަފުތާގައެވެ.
ނިމުނު ހަފުތާގައި އިޤުތިޞާދާއި ވިޔަފާރީގެ ދާއިރާގެ ޚަބަރުތަކަށް ބަލާލާއިރު، އަންހެން ވިޔަފާރިވެރިންނަށް ޚާއްސަކޮށް ދޫކުރާ "ފަށާ މަދަދު" ލޯނުގެ ދެވަނަ ފިޔަވަހީގެ ދަށުން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލުން ފާހަގަކޮށްލެވެއެވެ. އަދި 2024 ވަނަ އަހަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީއަށް ލިބުނު ފައިދާއިން ހިއްސާއަކަށް 2 ރުފިޔާ ބަހަން ފާސްކުރީވެސް ނިމުނު ހަފުތާގައެވެ. މިގޮތަށް ނިންމީ އެ ކުންފުނިން ބޭއްވި އަހަރީ އާންމު ބައްދަލުވުމުގައެވެ.
މީގެ އިތުރުން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ބޯޑު މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ބޯޑު މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލީ 4 މެންބަރެއްގެ ދައުރު ހަމަވާތީއެވެ.
ނިމުނު ހަފުތާގައި ކުށުގެ ވެއްޓާއި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މުހިންމު މަސައްކަތްތަކާ ގުޅޭ ޚަބަރުތަކެއް ފެންމަތިވިއެވެ. އެ ގޮތުން މިދިޔަ އެޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ތަޙުޤީޤުކުރުމަށް ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ރިޕޯޓު ޢާންމު ކުރީ ނިމުނު ހަފުތާގައެވެ. މި މައްސަލާގައި ބޮޑަށް ބުރެވެވެނީ ޔުމްނު ރަޝީދު ފުރާޅުމައްޗަށް ވެއްޓުނީކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ހަމައެއާއެކު 40،000 އެއްހާ ދިވެހިން ބޭނުންކުރަމުން އަންނަ ޖެމްކިއު އިންވެސްޓްމެންޓް ސްކީމަކީ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވާ ކަމަށާއި އެސްކީމް ހިންގައި ޕްރޮމޯޓް ކުރާ މީހުންނަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ މަސައްކަތްތައްކުރާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ނިމުނު ހަފުތާގައެވެ. އެމެރިކާ ސަރުކާރުގެ ތަހުޤީޤަކާ ހެދި ފައިސާ ނެގުން މެދުކެނޑިފައިވާކަމަށް ބުނެ، ޖެމްކިއު ނަމުގައި ހިންގަމުންދާ ޕިރަމިޑް ސްކީމުން ފައިސާ ނުނެގޭ ގޮތް މިދިޔަ ހަފުތާގައި ވަނީ ހަދާފައެވެ.
މީގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ތެރެއިން ހުކުމް ތަންފީޒުކޮށް ނިންމައި މުޖުތަމަޢަށް ދޫކޮށްލާފައިވާ މީހުންގެ ތެރެއިން 43 މީހެއްގެ މައްޗަށް އިންޓަރޕޯލްގެ ގްރީން ނޯޓިސް ފުލުހުން ނެރުނީވެސް ނިމުނު ހަފުތާގައެވެ. އެގޮތުން މިހާތަނަށް 43 މީހެއްގެ މައްޗަށް ގްރީން ނޯޓިސްވަނީ ނެރެފައެވެ. މީގެ ތެރޭގައި 25 ދިވެހިންނާއި 18 ބިދޭސީއަކު ހިމެނެއެވެ.
އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ރާއްޖެއަށް އިންސާނީ ވަޞީލަތް ބޭނުންވާ މިންވަރު ދެނެގަތުމަށް ކުރިއަށްގެންދިޔަ ދިރާސާ "ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓްގެ ރިޕޯޓް" އިފުތިތާޙުކޮށްފައިވާއިރު، މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު ދިވެހި ހުރިހާ ޙައްޖާޖީން ރާއްޖެ އައިސްފައިވަނީވެސް ނިމުނު ހަފުތާގައެވެ. މިއަހަރުވެސް 1000 ދިވެހިން ޙައްޖުގެ އަޅުކަން ފުރިހަމަކުރިއެވެ.
ހަމައެއާއެކު ކުނި މެނޭޖުކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގައި ހުރި ދަތިތަކާމެދު ޤައުމީ ފެންވަރުގައި މަޝްވަރާކުރުމަށްޓަކައި "މަގޭ ސާފުރާއްޖެ ޤައުމީ މަހާސިންތާ 2025" އިފުތިތާޙުކޮށްފައިވާއިރު، ތ. ގުރައިދޫގައި ސަރުކާރުން ތަރައްޤީކުރާ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް އެމްޓީސީސީއިން ނިމުނު ހަފުތާގައި ފަށާފައިވެއެވެ.
މީގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ތަރައްޤީކުރަމުންދާ 4000 ފުލެޓުގެ މަސައްކަތް ނިންމާ ޖުލައިމަހު ހަވާލުކުރަން ފެށުމަށް ސަރުކާރުން ނިންމެވީ ނިމުނު ހަފުތާގައެވެ.
މި ޚަބަރުތަކާއެކު ނިމުނު ހަފުތާގައިވެސް ސިޔާސީ، އިޤުތިޞާދާއި ވިޔާފާރީގެ އިތުރުން އެހެނިހެން ދާއިރާތަކުންވެސް މުހިންމު ޚަބަރުތަކެއް ނޫސްތަކުގެ ސުރުޚީތަކުން ފެނުނުކަން ފާހަގަކޮށްލެވެއެވެ.