ކުޅިވަރު

އުއްމީދަކީ ޖޫނިއަރ ޓީމުގެ ކުޅުންތެރިން 2030 ގެ ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ތަމްސީލުކުރުން: ފައިސަލް


މިހާރު ޖޫނިއަރ ޓީމަށް ކުޅެމުންދާ ކުޅުންތެރިން 2030 ވަނަ އަހަރަށް ތާވަލުކޮށްފައިވާ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ތަމްސީލުކުރުމަކީ ކުރާ ވަރަށް ބޮޑު އުއްމީދެއް ކަމަށް ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް (ސީބީއެމް) ގެ ރައީސް މުޙައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

އޭސީސީ މެންސް އީސްޓް ޒޯން ކަޕުގައި ވާދަކުރާ 16 އަހަރުންދަށުގެ ގައުމީ ކުރިކެޓު ޓީމާ ޖާރޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީބީއެމްގެ ރައީސް ވިދާޅުވީ ކުރިކެޓު އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި މިކުޅިވަރު ތަރައްގީކުރުމުގެ މަސައްކަތް ސީބީއެމުން ކުރަމުންދާ ކަމަށެވެ. މިގޮތުން ކްރިކެޓުގެ އާޖީލުތަކެއް އުފެއްދުމަކީ އެބޯޑުން އެންމެ އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތްކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ޖޫނިއާ އައު ސްކޮޑުތައް ކުރިކެޓުން އުފައްދަމުން އަންނަކަމަށާ އޭގެ ތެރެއިން ބައެއް ކުޅުންތެރިންނަކީ މިހާރުވެސް ސީނިއާ ލެވެލްގައި ކުޅެމުން އަންނަ ހުނަރުވެރި ކުޅުންތެރިންކަމަށެވެ.

"ކުރިކެޓު ބޯޑުގެ މިއަހަރުގެ ދައުރު ފެށުމާއެކު އަލުގަނޑުމެން އިތުރަށް މަސައްކަތްކުރަމުން މިގެންދަނީ ޑެވެލޮޕްމެންޓް ޕްރޮގްރާމު އިތުރަށް ވަރުގަދަކޮށް އަނެއްކާވެސް ކުރިކެޓުގެ އައު ޖީލުތަކެއް އައު ސްކޮޑުތަކެއް އުފެއްދޭތޯ" ފައިސަލް ވިދާޅުވިއެވެ.

ސީބީއެމްގެ މިއަހަރުގެ އަމާޒާ އެއްގޮތަށް އައު ޖޫނިއާ ސްކޮޑެއް އުފެއްދިއްޖެކަމަށް ވިދާޅުވަމުން އޭނާ ވަނީ މިއީ އުންމީދީ ސްކޮޑެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މީގެ ކުރިން އުފެއްދި ޖޫނިއާ ސްކޮޑުތައް މިހާރު ސީނިއާ ކުޅުންތެރިންގެ ގޮތުގައި ފެންނަމުންދާކަމަށާ ކުރިކެޓު ބޯޑުން އަބަދުވެސް މަސައްކަތްކުރާނީ ޕިރަމިޑު އުސޫލުން ދަށުން ކުޅުންތެރިން އުފައްދާ މައްޗަށް ކުޅުންތެރިން އެރުވުމަށްކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން މިބޭނުންވަނީ އަޅުގަނޑުމެންގެ ސްކޮޑުތައް މި ޕިރަމިޑް އަބަދުވެސް ފިލްވެގެން ދިއުން. ދަށުން ކުޅުންތެރިން އުފެދި މައްޗަށް ކުޅުންތެރިން އަރަމުން ދިއުން" ސީބީއެމްގެ ރައީސް ވިދާޅުވެފަވެއެވެ.

ފައިސަލް ވިދާޅުވީ މިހާރުގެ ޖޫނިއާ ސްކޮޑު 2027 ވަނަ އަހަރުގެ 19އަހަރުންދަށުގެ ސްކޮޑަށްވުމަކީ ކުރައްވާ އުންމީދެއްކަމަށެވެ. އަދި މިކުދިންގެ ތެރެއިން ގިނަ އަދަދެއްގެ ކުދިން 2030ވަނަ އަހަރު އޮންނަ އައިސީސީ ޓީ20 ވޯލްޑްކަޕު ކޮލިފައިންގައި ރާއްޖެ ތަމްސީލުކުރާ ޓީމުން ފެންނާނެކަމަށް ވަރަށް ބޮޑަށް އުންމީދުކުރައްވާކަމަށެވެ.

"އަޅުގަނޑުގެ ހޯޕަކީ މިކުޅުންތެރިންގެ ތެރެއިން ގިނަ ކުޅުންތެރިން 2027 ވަނަ އަހަރުގެ އޭސީސީ އަންޑަރ 19 މުބާރާތަށް މީގެ ތެރެއިން ގިނަ ކުޅުންތެރިން ދިއުން. ހަމަ މިއާއެކު މީގެ ތެރެއިން %70 ނުވަތަ %80 ކުޅުންތެރިން 2030 ވަނަ އަހަރު އޮންނަ އައިސީސީ ޓީ20 ވޯލްޑްކަޕު ކޮލިފައިންގައި މީގެ ތެރެއިން ގިނަ ކުޅުންތެރިން ކުޅުން" ޖޫނިއާ ކުރިކެޓު ޓީމާ ގުޅޭގޮތުން ފައިސަލް ވިދާޅުވިއެވެ.

16 އަހަރުންދަށުގެ ގައުމީ ކުރިކެޓު ޓީމުން މިހާރު ތައްޔާރުވަމުން އަންނަނީ މިމަހުގެ 20އިން އަންނަ ޖުލައި މަހުގެ 6 އަށް މެލޭޝިއާގެ ސެލަންގޯރގައި އޮންނަ އޭސީސީ މެންސް އީސްޓް ޒޯން ކަޕުގައި ވާދަކުރުމަށެވެ.