ޚަބަރު

ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާއިން ފުރުޞަތުތައް އިތުރަށް ފަހިކުރަން އުޒުބެކިސްތާނާއެކު މަޝްވަރާކުރައްވައިފި


  • ރާއްޖެއާއި އުޒްބެކިސްތާނާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރީ 7 ޑިސެންބަރު 1994ގައި

އުޒްބެކިސްތާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެސިޑެންޓް ސަފީރު، ސަރްދޯ ރުސްތަމްބޭވް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް، ސަފީރު ސަރްދޯ ރުސްތަމްބޭވް ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ.

އުޒްބެކިސްތާނުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި، ވިޔަފާރި، އިޤްތިޞާދު، އަދި ތަޢުލީމީ ދާއިރާގެ ފުރުޞަތުތައް އިތުރަށް ފަހިކުރުން ހިމެނެއެވެ. މިބައްދަލުވުމުގައި ދެބޭފުޅުންވެސް ވަނީ ދެޤައުމުގެ މެދުގައި އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ.

ދިވެހިރާއްޖެއާއި އުޒްބެކިސްތާނާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރީ 1994 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ހަތްވަނަ ދުވަހުއެވެ.