ޚަބަރު

ހަންގޭރީގެ ޔުނިވަރސިޓީތަކުން ދިވެހިންނަށް ސްކޮލަރޝިޕްގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ފަހުމުނާމާއެއް


  • އަންޑަގްރެޖުއޭޓް، ގްރެޖުއޭޓް އަދި ޕީއެޗްޑީ ހާސިލުކުރުމުގެ ފުރުޞަތު ލިބޭނެ

  • 2025އިން 2027އަށް، ކޮންމެ އަހަރުކުވެސް 25 ސްކޮލަރޝިޕްގެ ފުރުޞަތު ލިބޭނެ

ހަންގޭރީގެ ޔުނިވަރސިޓީތަކުން ދިވެހިންނަށް ސްކޮލަރޝިޕްގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކުރީ ‏‎އ.ދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ހަވާސާގެ ތެރެއިން ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލާއި ހަންގޭރީގެ ޚާރިޖީ ކަންކަމާއި ވިޔަފާރިއާބެހޭ ވަޒީރު ޕީޓަރ ސިޔަރޓޯ ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މިކަމާއި ގުޅޭ ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލެވެ. އަދި ހަންގޭރީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޕީޓަރ ސިޔަރޓޯއެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ މި ފަހުމުނާމާގެ ދަށުން ހަންގޭރީގެ ޔުނިވަރސިޓީތަކުގައި އަންޑަގްރެޖުއޭޓް، ގްރެޖުއޭޓް އަދި ޕީއެޗްޑީ ފެންވަރުގެ ސަނަދުތައް ހާސިލުކުރުމުގެ ފުރުޞަތު ދިވެހިނަށް ލިބޭނެ ކަމަށެވެ. އަދި 2025 ވަނަ އަހަރުން ފެށިގެން 2027 ވަނަ އަހަރާ ހަމައަށް، ކޮންމެ އަހަރުކުވެސް 25 ސްކޮލަރޝިޕްގެ ފުރުޞަތު ލިބޭނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި ސްކޮލަރޝިޕްތައް ދިވެހިންނަށް ފަހިކޮށްދެނީ ހަންގޭރީގެ ސަރުކާރުން ކުރިއަށްގެންދާ ސްޓައިޕެންޑިއަމް ހަންގޭރިކަމް ޕްރޮގްރާމްގެ ދަށުންނެވެ. މި ޕްރޮގްރާމަކީ ބައިނަލްއަޤްވާމީ ދަރިވަރުން ހަންގޭރީގައި މަތީ ތައުލީމު ހާޞިލުކުރުމަށް ޝައުގުވެރިކުރުވުމަށާއި ދަރިވަރުންނަށް ހަންގޭރީގައި އަމިއްލަ އަދި ރަސްމީ ގުޅުންތައް ގާއިމުކުރުމުގެ ފުރުޞަތު ހޯދާދިނުމުގެ އިތުރުން ޔޫރަޕްގައި ތިބެ، އެންމެ މަތީ ފެންވަރުގެ ސެޓްފިކެޓްތައް ހާސިލުކުރުމުގެ ފުރުސަތު މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ހަންގޭރީ ސަރުކާރުން ތަޢާރަފްކޮށްފައިވާ ޕްރޮގްރާމެކެވެ.