ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި މިހާތަނަށް 598 ބައިވެރިން ކިޔަވާފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިމުބާރާތުގައި މިއަހަރު ޖުމްލަ 1036 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
ކީރިތި ޤުރުއާނަށް ތުއްތު ކުދިންނާއި ޒުވާނުންގެ ހިތުގައި ލޯބި ޖެއްސުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު ޤުރުއާން މުބާރާތްކަމަށްވާ، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ސްކޫލް ކުދިންނާއި ޒުވާނުންގެ މެދުގައި މަޤުބޫލު މުބާރާތެކެވެ. މިމަހުގެ 18 އިން 26 އަށް ކުރިއަށްގެންދާ މިމުބާރާތުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުން 1036 ބައިވެރިޔަކު ކިޔެވުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން މިމަހުގެ 22 ވަނަ ދުވަހުގެ ރެއާއި ހަމައަށް 598 ބައިވެރިން ވަނީ ކިޔަވާފައެވެ. ހޯމަ ދުވަހު 179 ބައިވެރިން ކިޔަވާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ބަލައިގެން ކިޔެވުމުގެ ގޮފިން 90 ބައިވެރިންނާއި ނުބަލާ ކިޔެވުމުގެ ގޮފިން 89 ބައިވެރިންނެވެ.
މުބާރާތުގައި ކިޔެވުން ކުރިއަށްގެންދަނީ ކިންގ ސަލްމާން މިސްކިތުގައެވެ. ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދަނީ މިސްކިތުގެ 4 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައެވެ. ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދަނީ 5 ވަނަ ފަންގިފިލައިގެ މަލްޓިޕަރޕަސް ހޯލްގައެވެ. މުބާރާތުގައި ސްކޫލްތަކާއި، ޤުރުއާން ކުލާސްތަކާއި، އޮފީސްތަކާއި މުވައްސަސާތަކުގެ އިތުރުން އަމިއްލަގޮތުން އެކި ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މިމުބާރާތަކީ ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ދުވަސްވީ ޤުރުއާންކިޔެވުމުގެ މުބާރާތެވެ. މިގޮތުން މެދު ނުކެނޑި އެންމެ ދިގު މުއްދަތަކަށް ކުރިއަށްގެންގޮސްފައިވާ މުބާރާތަކީ 1981 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.
މުބާރާތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ބައިވެރިންނާއި ބެލެނިވެރިންގެ ޝައުގުވެރިކަން އިތުރުކުރުމަށްވެސް ސަރުކާރުންދަނީ މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން މިމުބާރާތަކީ ސީދާ ސަރުކާރުގެ ޚަރަދުގައި ބާއްވަމުންދާ މުބާރާތަކަށް މިހާރު ސަރުކާރުން ހަމަޖައްސާފައެވެ.
މުބާރާތުގައި ވަނަ ވަނައަށް ދާ ފަރާތްތަކަށް ދޭ އިނާމުތަކަށްވެސް ފާހަގަކުރެވޭ އިނާމުތައް އަންނަނީ ދެއްވަމުންނެވެ. މިގޮތުން މިމުބާރާތުގައިވެސް ކޮންމެ ޢުމުރުފުރާއަކުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވުމަށް ހަމަޖެހިފައިވާއިރު މުޅި މުބާރާތުންވެސް ވަނަތަށް ހޮވުމަށްވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބައިވެރިވުމަށް ސްކޫލްތަކުގެ މުބާރާތުން އަދި އަތޮޅު މުބާރާތުން ހޮވޭ ދަރިވަރުންނަށް ފުރުސަތުދޭ ގޮތަށް އޮންނައިރު، މީގެ ސަބަބުން އިންޓަރ ސްކޫލް މުބާރާތްތަކާއި އަތޮޅުގައި ކުރިއަށްދާ މުބާރާތުގެ ވާދަވެރިކަންވެސް ބޮޑުވެއެވެ.