މިއަހަރުގެ އަޟްހާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައިވެސް ވަނީ ފޯރިގަދަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. އެގޮތުން ޢީދު ފާހަގަކުރުމުގެ ގޮތުން ޅ. ހިންނަވަރުގައި ކުރިއަށްގެންދިޔަ ހަރަކާތްތަކަކީ ޢީދުގެ ހަޤީޤީ ޖޯޝާއި ފޯރި ފެނިގެންދިޔަ ހަރަކާތްތަކެކެވެ.
15އަހަރުގެ މެދުކެނޑުމަކަށްފަހު، ހިންނަވަރުގެ ގްރޫޕެއްކަމަށްވާ "ގާހަކަ ރިޓާންސް"އިން އިސްނަގައިގެން މިއަހަރުގެ އަޟްހާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް އެކި ޢުމުރުފުރާތަކަށް ޚާއްސަކޮށްގެން ގިނަ ހަރަކާތްތަކެއްވަނީ ކުރިއަށްގެންގޮސްފައެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން "ގާހަކަ ރިޓާންސް"ގެ މެމްބަރަކު ބުނީ ޢީދު ފާހަގަކުރުމުގެ ގޮތުން އެރަށުގައި ބޭއްވި ބޮޑު ކާނިވަލަށް އާންމުންގެ ބޮޑު ތަރުޙީބެއް ލިބުނުކަަމަށެވެ.
އެގޮތުން، ފުޑް ސްޓޯލްސްތަކާއި، ކުދިންނަށް ބައިވެރިވެވޭގޮތަށް ތައްޔާރުކުރެވުުނު ގޭމިންގ ސްޓޯލްސްތަކަށް ޒިޔާރަތްކުރި ފަރާތްތަކުން މުޅި އެސަރަޙައްދު ފުރާލާކަަމަށާއި، އެކި ޢުމުރުފުރާތަކުގެ ކުދިންނަށް ޚާއްސަ، ތަފާތު ގިނަ ކުޅިވަރު ހަރަކާތްތައް އެކާނިވަލުން ލިބެންހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން އެރަށުގައި ޚާއްސަ ޢީދު ޝޯވްއެއް ބޭއްވިކަން ފާހަގަކުރައްވާ އޭނާ ބުނީ، ހިންނަވަރު ޢީދު ޝޯވްގައި ދިވެހި މަޝްހޫރު ބައެއް ބޭންޑުތަކުގެ ހުށަހެޅުންތަކާއި ޑާންސް ގްރޫޕްތަކުގެ ލައިވް ޕަފޯމަންސްތައް ޝޯވްގެތެރެއިން ހުށަހަޅާފައިވާކަމަށެވެ.
އެގޮތުން އިކުއެޓިކް ވައިބްސް، ޓޫ އޮފް އަސް، ގޮމަ ގްރޫޕް އަދި އެކްސްޓްރީމް ލެވެލް ޑާންސް ގްރޫޕްގެ ލައިވް ޕާފޯމަންސްތަކެއް އެ ޝޯވގެ ތެރެއިން ވަނީ ފެނިގެންގޮސްފައެވެ. އަދި އެކަތި ބޮޑުބެރު އަދި ބިދަބިން ބޮޑުބެރު ގްރޫޕްގެވެސް ލައިވް ޕާފޯމަންސްތަކެއް ހުށަހަޅާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ޢީދުގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުން ކުރިއަށްގެންދިޔަ ޢީދު ހަވީރަކީ، ބޮޑު ތަރުޙީބެއްލިބުނު، ހީވެސް ނުކުރާ ފަދަ އުފާވެރި ވަގުތުތަކަކުން ފުރިފައިވާ ހަވީރެކެވެ. ކްރައުޑް ފޭވަރިޓަކަށްވި ރޮބޯމޭންގެ ހުށަހެޅުންތައް ވެގެންދިޔައީ ކުދިން އެންމެ ޝައުޤުވެރިވި ހަރަކާތަށެވެ.
މީގެއިތުރުންވެސް ޢީދު ފާހަގަކުރުމުގެ ގޮތުން ސަޤާފީ ގިނަ ހަރަކާތްތަކެއްވެސް ވަނީ އެރަށުގައި ކުރިއަށްގެންގޮސްފައެވެ.
"ގާހަކަ ރިޓާންސް"އިން އިންތިޒާމްކޮށްގެން އަންނަ އަހަރުވެސް ފޯރިގަދަ އިތުރުހަރަކާތްތަކެއް އެރަށުގައި ކުރިއަށްގެންދާނެކަމުގެ ޔަޤީންކަން ގާހަގަ ރިޓާންސްގެ ރައީސް ވަނީ ދެއްވާފައެވެ.