ޚަބަރު

ޖޯޒަށް 50 އަހަރު، މިޔަރާމެދު މީހުން ދެކޭ ގޮތް ބަދަލު ކޮށްލި ފިލްމެއް


1975ވަނަ އަހަރު ނިކުތް ޖޯޒް ފިލްމަކީ އެ ފިލްމު ބެލި ކޮންމެ މީހެއްގެ ހަނދާނުން ފޮހެލަން ދަތި ފިލްމެއް ކަން ޔަޤީނެވެ. އެ ފިލްމަކީ އިންސާނުން މިޔަރާމެދު ދެކޭ ގޮތް މުޅިން ބަދަލު ކޮށްލި ތަފާތު ފިލްމެކެވެ. އެ ފިލްމުގައި ބޭނުން ކޮށްފައިވާ ރާގުކޮޅުތައް މިހާރު އަޑު އިވުނަސް، މިޔަރެއް ތިމާ ވަށާލަމުންދާ ކަމުގެ އިޙްސާސް އަދިވެސް ކުރެވެއެވެ. އެ ފިލްމު ނިިކުތްތާ 50 އަހަރު މި އަހަރު ފުރޭއިރު، ފިލްމުގެ ހަނދާން އައު ކޮށްލުމަކީ ކޮންމެހެން މުހިންމު ކަމެެކެވެ.

ޖޯޒް ފިލްމަކީ ހޮލީވުޑްގެ މަޝްހޫރު ޑިރެކްޓަރު، ސްޓީވަން ސްޕީލްބަރގް އެންމެ ފުރަތަމަ ނެރުނު ފީޗަރ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. އެ ފިލްމު ބިނާ ކޮށްފައި ވަނީ ޕީޓަރ ބެންޗްލީ ލިޔެފައިވާ ހަމަ އެ ނަން ކިޔައި ފޮތެއްގެ މައްޗަށެވެ. ފިލްމުގައި ދައްކުވައިދެނީ އިނގިރޭސިވިލާތުގެ އައްސޭރިފަށުގައި އޮންނަ އަވަށެއްގެ ރައްޔިތުންނަށް މިޔަރެއްގެ ސަބަބުން ކުރިމަތިވަމުންދިޔަ ބިރުވެރި ކަމެވެ. މާސިންގާ ފެމުނު މިޔަރެއް ނުވަތަ ގްރޭޓް ވައިޓް ޝާކެއް އެ އަވަށުގެ އަންހެނަކަށް ޙަމަލާދީ މަރާލައި، އެ އަވަށުގެ އެހެން މީހުންނަށް މޫދުތެރޭގައި ފާރަލަމުންދާ މަންޒަރެވެ.

އެ ފިލްމު ނެރުނު ފަހުން މިޔަރާއި އޭގެ ނުރައްކަލާމެދު މީހުުން މާ ބޮޑަށް ވިސްނާ، ބިރު އިޙްސާސްވާން ފެށިއެވެ. ބޮކްސް އޮފީހުގައި 470 މިލިޔަން އެމެރިކާ ޑޮލަރު ހޯދި އެ ފިލްމު އެހާ ކާމިޔާބު ފިލްމަކަށް ވެގެން ދިޔައީ އިންސާނުންނަށް އިޙްސާސްވާ ބިރުވެރިކަމުގެ ބޭނުން ހިފައި، އެ އިޙްސާސުން ފައިދާއެއް ހޯދޭނެ ގޮތް ފިލްމު ތައްޔާރު ކުރި މީހުން ހޯދާފައިވާތީއެވެ.

ޖޯޒް ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ މޫދުގެ އެންމެ މަތީ ފަށަލައާ ހިސާބުންނެވެ. މި ގޮތަށް މަންޒަރުތައް ނަގާފައި ހުރުމުން، ބެލުންތެރިންނަށް އެ މީހުން ތިބީ މޫދުގައި ކަމުގެ އިޙްސާސް ކުރެވެއެވެ. ޖޯޒް ފިލްމު ކުޅެފައި ވަނީ އިންސާނާގެ ހިތުގައި ބިރުވެރިކަން އުފައްދައި، ކުރިމަތީގައި ދެން އޮތީ ކޮން ނުރައްކަލެއްތޯ ހިތާހިތުން ސުވާލު ކޮށްލެވޭފަދަ ގޮތަކަށެވެ. މި ފިލްމަކީ މީގެ 50 އަހަރު ކުރިން އުފައްދާފައިވާ ފިލްމެއް ނަމަވެސް އޭރު ވެސް މިހާރު ވެސް ކަނޑުގެ އަޑީގައިވާ ސިއްރުތަކާއި ނުރައްކާތަކާމެދު އިންސާނުން ނުހަނު ކަންބޮޑުވެއެވެ. އެހެންކަމުން، މިއަދު އެ ފިލްމު ބެލިޔަސް މީގެ 50 އަހަރު ކުރިން ކުރެވުނު ބިރުވެރިކަމުގެ އިޙްސާސް އަދިވެސް ކުރެވޭނެ ކަން ޔަޤީނެވެ. އެހެންކަމުން މި ފިލްމަކީ މިޔަރާބެހޭ ފިލްމަކަށް ވުރެ ބޮޑަށް، އިންސާނުންނަށް ކުރެވޭ ބިރުވެރިކަމުގެ އިޙްސާސްގެ މައްޗަށް ތައްޔާރު ކޮށްފައިވާ ފިލްމެެކެވެ.

އެމެރިކާގެ އޮރެގަން ސްޓޭޓް ޔުނިވަސިޓީގެ ކޯސްޓަލް އޮރެގަން މެރިން އެކްސްޕެރިމަންޓް ސްޓޭޝަންގެ ޑިރެކްޓަރު، ޖޭމްސް ވިލްކޮވްސްކީ ވިދާޅުވީ ޖޯޒް ފިލްމުގައި މިޔަރު ދައްކުވައި ދީފައި ވަނީ ވަރަށް ބިރުވެރި އަދި ނުރައްކާތެރި ދިރުމެއްގެ ގޮތުގައި ކަމަށެވެ. އިންސާނުންގެ ލެޔަށް ފެންބޮވައިގަނެފައިވާ އެއްޗެއްގެ ގޮތުގައެވެ. މިއީ މިޔަރުގެ ހަޤީޤީ ސިފައެއް ނޫނެވެ. ފިލްމުގައި މިޔަރު މި ގޮތަށް ސިފަ ކުރުމުގެ ސަބަބުން ހުރިހާ ބާވަތެއްގެ މިޔަރަކީ ވެސް ނުރައްކާތެރި ދިރުމެއް ކަމަށް މީހުންނަށް ޤަބޫލު ކުރެވެން ފެށިއެވެ. ބައެއް މީހުން ބިރުގަންނަން ފެށީ ހަމައެކަނި ފެމުނު މިޔަރު ދެކެއެއް ނޫނެވެ. އެ މޫދާއި ކަނޑާއި، ކަނޑުތަކުގައިވާ އެންމެހާ ދިރުންތައް ދެކެ ބައެއް މީހުން ބިރުގަންނަން ފެށިއެވެ.

ވިލްކޮވްސްކީ ވިދާޅުވީ 1975ވަނަ އަހަރުގެ ޖޫން މަހުގެ 20ވަނަ ދުވަހު ޖޯޒް ފިލްމު ނިކުތުމާއެކު، މިޔަރު އުޅޭ ކޮންމެ ސަރަޙައްދަކީ ނުރައްކާތެރި ސަރަޙައްދެއްގެ ގޮތުގައި ދެކެވެން ފެށި ކަމަށެވެ. އެ ފިލްމު ނިކުތުމުގެ ކުރިން މިޔަރު ދެކެވިފައި އޮތީ ކަނޑުގެ ދިރުންތަކުގެ ބައެއްްގެ ގޮތުގައެވެ. މިޔަރަކީ އިންސާނުން މަދުން ނޫނީ ޙަމަލާ ނުދޭ އެއްޗެއް ނަމަވެސް ފިލްމުން ވަނީ އެއީ ވަރަށް ނުރައްކާތެރި އެއްޗެއް ކަމަށް މީހުންނަށް ބުނެދީފައެވެ.

ކެލިފޯނިޔާ ސްޓޭޓް ޔުނިވަސިޓީގެ ޝާކް ލެބުގެ ޑިރެކްޓަރު، ކްރިސް ލޯވ ވިދާޅުވީ ޖޯޒް ފިލްމު ނިކުތުމުގެ ކުރިން އިންސާނުން އެންމެ ބިރުގަންނަނީ ބޮޑު މަސް ދެކެ ކަމަށެެވެ. ލޯވ ވިދާޅުވީ އޭނާގެ ކާފައަކީ މަސްވެރިއެއް ކަމަށާއި އޭނާގެ ބޮޑުބޭބެމެންނަނީ ބޮޑު މަހުގެ ވިޔަފާރި ކުރި ބައެއް ކަމަށެވެ. އެ މީހުންނަކީ ވެސް ބޮޑު މަހަކީ ބިރުވެރި އެއްޗެއްްގެ ގޮތުގައި ސިފަ ކޮށްދެމުންދިޔަ ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ. ބޮޑު މަހާމެދު މީހުންގެ ހިތުގައި ބިރުވެރިކަން އުފެދުނީ ވެސް ބޮޑު މަސް ހިފުމަށް އޭރު ކުރާ ދަތުރެއް މަތީ ޢާއިލާ ނުވަތަ ގާތް ރައްޓެއްސެއް މަރުވުމުން، އެ ދަތުރާގުޅޭ ވާހަކަތައް މީހުން ކިޔައިދެމުންދިޔަ ގޮތުގެ ސަބަބުންނެވެ. 1851ވަނަ އަހަރު ހަރމަން މެލްވިލް ލިޔުނު މަޝްހޫރު ވާހަކައެއް ކަމަށްވާ މޯބީ ޑިކްގެ ސަބަބުން ވެސް ބޮޑު މަހާމެދު އޮންނަ ކަންބޮޑުވުން އިތުރު ކޮށްދިނެވެ.

ނަމަވެސް ޖޯޒް ފިލްމު ނެރުމުގެ އެތައް ޒަމާނެއް ކުރިން ވެސް މިޔަރަކީ ބިރުވެރި އެއްޗެއްގެ ގޮތުގައި ސިފަ ކުރުމަށް ބަޔަކު ދިޔައީ މަސައްކަތް ކުރަމުންނެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ލިޔެފައިވާ ބިރުވެރި ވާހަކަތަކައި ފިލްމުތަކުގައި ވެސް މިޔަރު ދައްކުވައިދީފައި ވަނީ ޖެހިލުންވާންޖެހޭ އެއްޗެއްގެ ގޮތުގައެވެ.

ގިނަ ފިލްމުތަކެކޭ އެއްގޮތަށް، ޖޯޒް ފިލްމަކީ މޮޅު ފިލްމަކަށް ހެދުމަށް، ފިލްމުގައި މިޔަރާބެހޭ ގޮތުން ހިމަނާަފައިވާ ބައިތަކަކަކީ ވަރަށް ‘ބޮޑު ކޮށްލާފައިވާ’ ބައިތަކެއްގެ ގޮތުގައި ވެސް ސިފަ ކުރެވިދާނެއެވެ. އޮރެގަން ސްޓޭޓް ޔުނިވަސިޓީގެ ބިގް ފިޝް ލެބްގެ ކޯ ލީޑު، ޓޭލާރ ޗެޕަލް ވިދާޅުވީ ފިލްމާ ގުޅޭގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ މިޔަރަކީ އިންސާނުންނަށް ޙަމަލާދީ އިންސާނުން ކާލަން ބޭނުންވާ އެއްޗެއްގެ ގޮތުގައި ސިފަ ކޮށްދީފައިވާ ސިފަ ކުރުން ކަމަށެވެ. މިޔަރަކަށް އިންސާނެއް ފެނިއްޖެ ކޮންމެ ޙާލަތެއްގައި ވަގުތުން އިންސާނުންނަށް ޙަމަލާ ދޭނެ ކަމަށް ދޭހަ ކޮށްދީފައިވާ ކޮށްދިނުން ކަމަށެވެ. އޭނާ ވިދާޅުވީ ފިލްމު ނިކުތް ދުވަސްވަރު ފިލްމު ބެލި ބައެއް މީހުން އަދި އަދަށް ދާންދެން ވެސް މޫދަށް އެރުމަށް ދެކޮޅުހަދާ ކަމަށެވެ. މިޔަރަކީ އިންސާނުން ކާން ބޭނުންވާ މަހެއް ނޫން ކަމަށް ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ހަޤީޤަތުގައި ވެސް މިޔަރު އިންސާނުން ކާން ބޭނުންވާ ނަމަ އެއީ މިޔަރަށް ނުހަނު ފަސޭހަ ކަމަކަށް ވާނެ ކަމަށެވެ.

މިޔަރާ ގުޅޭ ދިރާސާ ކުރަން ފަށާފައި ވަނީ 1970ގެ އަހަރުތަކުގައެވެ. އޭރު ސައިންސުވެރިންނަށް ވެސް އާންމުންނަށް ވެސް މިޔަރާބެހޭ މާ ބޮޑު މަޢުލޫމާތެއް ނޭނގެއެވެ. އެ ޒަމާނުގެ ޓެކްނޮލޮޖީ އެހާ ތަރައްޤީވެފައި ނުވާތީ ފިލްމުގައި އަސްލު މިޔަރެއްގެ މަންޒަރުތައް ހިމެނިފައެއް ނުވެއެވެ. ލޯވ ވިދާޅުވީ ފިލްމު ހަދާ މީހުން ބަރޯސާވާން ޖެހެނީ އެނިމްޓްރޯނިކްސް، ނުވަތަ ޖަނަވާރެއްގެ ޙަރަކާތްތައް ހުންނަ ގޮތް ރޮބަޓެއް މެދުވެރިކޮށް ދެއްކުމުގެ މައްޗަށް ކަމަށެވެ.

ޗެޕަލް ވިދާޅުވީ ޖޯޒް ފިލްމުގައި މިޔަރުގެ ހަށިގަނޑާއި ޙަރަކާތްތެރިވާ ގޮތް ދެއްކުމުގައި ވެސް ދައްކުވައި ދީފައި ވަނީ އެންމެ އަސްލާ އެއްގޮތަށް ނޫން ކަމަށެވެ. ފިލްމުގައި ފެންނަ މިޔަރުގެ ދަަތްތައް ވެސް ހުރީ މާ ބޮޑުެތި ކޮށް ކަމަށާއި، ލޯ ވެސް ދައްކުވައިދީފައި ވަނީ މާ ބޮޑުކޮށް ކަޅުކޮށް ކަމަށެވެ. ފިލްމުގައި ދައްކުވައިދޭ މިޔަރުގެ ހަށިގަނޑުގެ ބޮޑު މިން ވެސް 25 ފޫޓަށް ވުރެ ބޮޑު ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

މިޔަރާމެދު އާންމުންގެ މެދުގައި މިހާރު ވެސް އެންމެ ގޯސްކޮށް ޤަބޫލު ކުރެވޭ އެއް ޤަބޫލު ކުރުމަކީ މިޔަރެއް ފެެނުމަކީ ނުރައްކާތެރި ކަމެއް ކަމަށް ޤަބޫލު ކުރެވޭ ޤަބޫލު ކުރުމެވެ. ނަމަވެސް ކަނޑުގައި މިޔަރު އުޅުން، ނުވަތަ ފެނުަމަކީ ކަނޑުގެ އެކޯސިސްޓަމް، ނުވަތަ ދިރުންތަކުގެ ނިޒާމު ދުޅަހެޔޮކޮށް އޮތް ކަމުގެ ހެއްކެއް ކަމަށް ވިލްކޮވްސްކީ ވިދާޅުވިއެވެ. މިޔަރެއް ފެނުމަކީ ރަނގަޅު ކަމެއް ކަމަށާއި އިންސާނުންނާއި މިޔަރާ އެކުއެކީގައި އުޅެން ދަސްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފިލްމު ނިކުމެ އާންމުން މިޔަރާ ދެމެދު ދެކޭގޮތް ބަދަލުވި ހިސާބުން މިޔަރުގެ އާބާދީއަށް އަސަރު ކުރަން ފެށި ކަމަށް ވިލްކޮވްސްކީ ވިދާޅުވިއެވެ. މިޔަރެއް ފަދަ ‘ނުރައްކާތެރި’ ދިރުމެއް މަރައިލުން ވެގެން ދިޔައީ މޮޅު ކަމަކަށެވެ. އެއާއެކު މިޔަރު ހިފައި މިންވަރު އިތުރު ކޮށް އޭގެ ބޭނުން އެކި ގޮތްގޮތަށް ހިފުމަށް އެ ހިސާބުން ފަސޭހަ ވެގެން ދިޔައެވެ. އެ ގޮތަށް މިޔަރު ހިފުމުގައި ވަކި ބާވަތަކަށް ބެލުމެއް ވެސް ނޯވެއެވެ.

ޖޯޒް ލިޔުނު ބެންޗްލީ އަދި ފިލްމު އުފެއްފި ސްޕީލްބަރގްއާ ދެ މީހުން ވެސް ވަނީ އެ މީހުންގެ އުފެއްދުމުގައި މިޔަރު ސިފަ ކޮށްދެވުނު ގޮތުގެ ސަބަބުން، މިޔަރާމެދު މީހުން ދެކޭ ގޮތަށް އައި ބަދަލު ފާހަގަ ކޮށް، އެުފެއްދުންތަކުގައި މިޔަރު ދައްކައިދެވުނުގޮތާ މެދު ހިތާމަ ކުރާ ކަމަށް މީގެ ކުރިން ބުނެފައެވެ.

ނަމަވެސް ޗެޕަލް ވިދާޅުވީ ފާއިތުވި 20 އަހަރެއްހާ ދުވަހުގެ ތެރޭގައި މިޔަރާމެދު މީހުން ދެކެމުންދާ ގޮތަށް އަނެއްކާ ވެސް ބަދަލުތަކެއް އަންނަމުންދާ ކަން ފާހަގަވަމުންދާ ކަމަށެވެ. މިހާރު މިޔަރަކީ އޭގެ ސަބަބުން މީހުން އާޝޯޚުވާ ދިރުމަކަށް ވަނީ ބަދަލުވާން ފަށައިފައެވެ. އެ އާޝޯޚުވުން ދަނީ ބިރުގެ މައްޗަށް ކުރި ހޯދަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާކް ރިސަރޗް އިންސްޓިޓިއުޓުން ބުނީ މިޔަރުގެ ސަބަބުން އިންސާނުންނަށް ކުރިމަތިވާ ނުރައްކަލަށްވުރެ، އިންސާނުންގެ ސަބަބުން މިޔަރަށް ކުރިމަތިވާ ނުރައްކާ މާ ބޮޑު ކަމަށެވެ. އިންސާނުން އަހަރަކު 100 މިލިޔަނެއްހާ މިޔަރު ހިފައި މަރާލައި ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އޭގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުންނާއި ދިރުންތަކަށް ކާބޯތަކެތި ލިބެމުންދާ މަގުތައް ބަދަލުވަމުންދާތީ މިޔަރުގެ ބޮޑު އާބާދީއެއް ހުސްވަމުންދާ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. ކަނޑުގެ ދިރުންތަކުގެ ނިޒާމު ދުޅަހެޔޮކޮށް ބޭއްވުމަށް މިޔަރަކީ ކޮންމެހެން މުހިންމު ދިރުމަކަށްވާއިރު މިޔަރު ރައްކާތެރި ކުރުމަކީ ވަރަށް މުހިންމު ކަމެެކެވެ. ވިލްކޮވްސްކީ ވިދާޅުވީ ކަނޑުތަކުން މިޔަރު ހުސްވެއްޖެ ނަމަ ކަނޑުގެ ދިރުންތަކުގެ ނިޒާމު ވެސް އެއްކޮށް ފުނޑުފުނޑު ވާނެ ކަމަށެވެ.