ޚަބަރު

ޢައްޒާގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ދޭ ހަމަލާތައް ކުށްވެރިކޮށްފި


  • ހަމަލާތައް އަމާޒުވަނީ އާންމު ރައްޔިތުންނަށްކަން ދިވެހި ސަރުކާރުން ފާހަގަކުރޭ

  • ބައިނަލްއަޤްވާމީ ޤާނޫނުތައް ތަންފީޒުކޮށްދިނުމާށް ސަރުކާރުން ވަނީ ގޮވާލާފައި

ޢައްޒާގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ޔަހޫދީން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ޢައްޒާއަށް އަމާޒުކޮށް ޔަހޫދީން ދެމުންދާ ހަމަލާތަކުގައި ފަލަސްޠީނުގެ އެތައްބަޔަކު ޝަހީދުކޮށްލާފައިވެއެވެ.

ޢައްޒާއަށް ދެދެމުންދާ ހަމަލާތައް ކުށްވެރިކޮށް ޚާރިޖީ ވުޒާރާއިން ނެރެފައިވާ ބަޔާނުގައި ޢައްޒާގައި ދިރިއުޅޭ ފަލަސްޠީނުގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް އެ ޝަހަރުގެ ޞިއްޚީ ޚިދުމަތްދޭ ވަސީލަތްތަކާއި ތަންތަނަށް ދެމުންދާ ހަމަލާތައް ވަނީ ކުށްވެރިކޮށްފައެވެ. މި ހަމަލާތަކުގައި ކުށެއް ނެތް މައުސޫމު ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން އެތައް ބަޔަކު ޝަހީދު ކުރަމުންދާކަން ދިވެހި ޚާރިޖީއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި މިއަމަލުތަކަކީ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާ ބެހޭ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުކަމެއްކަމަށް ސަރުކާރުން ވިދާޅުވިއެވެ.

ޚަރިޖީއްޔާގެ ބަޔާނުގައި ދިވެހި ސަރުކާރުން ވަނީ ޔަހޫދީ ދައުލަތަށް ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ފުރިހަމައަށް ތަބާވުމަށް ގޮވާލައި ހަމަލާ ބަދަލުކުރުުގެ އެއްބަސްވުން ދެމެހެއްޓުމަށް ގޮވާލާފައެވެ. އަދި މި ހަމަލާތަކަކީ، ހަމަލާ ބަދަލުކުރުމުގެ އެއްބަސްވުމަށާއި ސުލްޙައަށް ހުރަސްއެޅޭ ޢަމަލުތަކެއްކަން ފާހަގަކޮށްފައިވެއެވެ.

ދިވެހި ސަރުކާރުން ވަނީ ޢައްޒާގައި ދިރިއުޅޭ ރައްޔިތުންނާއި ސިއްޚީ ޚިދުމަތް ދޭ ތަންތަނާޢި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މީހުން އަދި އާންމު ތަންތަން ހިމަޔާތް ކުރުމަށް ގޮވާލާ ގޮވާލުން ތަކުރާރުކޮށްފައެވެ. އަދި ޢައްޒާގެ ތެރެއައަށް އެއްވެސް ހުރަހެއް ނެތި އިންސާނީ ޚިދުމަތް ފޯރުކޮށްދިނުމަށް ގޮވާލާފައިވެއެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ މުޖްތަމަޢުއަށް ޔަހޫދީ ދައުލަތުގެ ޢަމަލުތައް ހުއްޓައި، ބައިނަލްއަޤްވާމީ ޤާނޫނުތައް ނަގަހެއްޓުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ. އަދި ދާޢީމީ ގޮތެއްގައި ހަމަލާ ބަދަލުކުރުން ހުއްޓުވުމަށް އެހީވުމަށް ވަނީ އެދިފައެވެ.

ދިވެހި ޚާރިޖިއްޔާގެ ބަޔާން ނިންމަވާލައްވާފައިވަނީ، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމުގެ ހައްޤު ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެންވާ ކަމަށާއި، އެ ހައްޤު ކަށަވަރުކޮށްދިނުމަށް ދިވެހި ސަރުކާރުން ތާޢީދުކުރާކަން ހާމަކުރަމުންނެވެ. އަދި މިނިވަން ފަލަސްޠީނުގެ ދައުލަތް ބިނާވާނީ 1967 ބޯޑަރުތަކުގެ މައްޗަށް ކަމަށާއި އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސް ކަމަށް ކަނޑައެޅުމަށް ދިވެހިރާއްޖެއިން ކުރަމުން އަންނަ ތާޢީދު ވަނީ ތަކުރާރުކޮށްފައެވެ.