ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިންގެ ގޮތުގައި އަބަދު އެއްބަޔަކު ތިބޭނަމަ އާގޮތްތަކެއް ހޯދަން އުނދުގޫ ވާނެ ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ޡަލާލް ވިދާޅުވެއްޖެއެވެ.
ކުޅިވަރު ހިންގުމުގައި އަބަދު އެއްބަޔަކު ތިބޭނަމަ ހޯދޭނެ މާބޮޑު ކުރިއެރުމެއް ނެތްކަމަށް ޠަލާލް ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގަ ޠަލާލް ވިދާޅުވީ މަގާމާ ހަވާލުވެ ވޭތުވެދިޔަ އެއްއަހަރު ދުވަހުގެ ތެރޭގައި ގިނަ އެސޯސިއޭޝަންތަކުގައި ހުރި މައްސަލަތައް ހައްލު ކުރެވިފަވާ ކަމަށެވެ.
ޠަލާލް ވިދާޅުވީ ބައެއް އެސޯސިއޭޝަންތަކުގައި މައްސަލަ ހައްލު ނުކުރެވި ބޮއްސުންލައިގެން ދިޔައީ ތަންފީޒުކުރަން ތިބޭ ފަރާތްތަކުން އެންމެ އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރުމުގެ ސަބަބުން ކަމަށެވެ.
"އެބަޖެހޭ ކުޅިވަރު ކުރިއެރުވުމައްޓަކައި އާ ގޮތްތަކެއް އާ އީޖާދުތަކެއް ނެރެން، އަބަދު އަޅުގަނޑުމެން މިތާނގަ ދަނޑަށްއަރާ ކުޅެފަ، ގައުމުން ބޭރުން ކޯޗެއް ގެނެސް އަނެއްކާ އޭނާ ލައްވާ އިރުޝާދުތަކެއް ދީފަ، މިހެން ގޮސްގެން އެއީކީ އަދި ކާމިޔާބު ލިބޭނެ ގޮތެއް ނޫން." ޡަލާލް ވިދާޅުވިއެވެ.
ކާމިޔާބު ހޯދޭނީ ރަނގަޅު ޕްލޭނެކާއެކު މަސައްކަތް ކޮށްގެންކަން ފާހަގަކުރަމުން ޠަލާލް ވިދާޅުވީ ކާމިޔާބު ހޯދާފަ ހުރި ގައުމުތަކުން ކުރި ތަޖުރިބާވެސް ބަލަންޖެހޭ ކަމަށެވެ.
"ކުޅިވަރު ހިންގުމުގައި ޒުވާން ސިކުނޑިތަކަށް ފުރުސަތުދޭން ޖެހޭ، ފުރުސަތުދީގެން އާ ގޮތްތަކެއް އީޖާދު ކުރެވޭނީ އާގޮތްތަކެއް ހޯދޭނީ، އެހެން ގައުމުތަކުން ހޯދޭ ކާމިޔާބީ އަޅުގަނޑުމެންނަން ނުހޯދެންވީ ސަބަބެއް ނެތް." ޠަލާލް ވިދާޅުވިއެވެ.
ކުޅިވަރުގެ ލޯބި ހުރެގެން އެސޯސިއޭޝަންގަ މަސައްކަތް ކުރާކަމުގަ ވާނަމަ ކުޅިވަރުގެ ކުރިއެރުމަށް އެދޭ ފަދައިން ކުޅުންތެރިންނާ ގުޅިގެން މަސައްކަތް ކުރަންޖެހޭނެ ކަމަށާއި ކުޅުންތެރިން ބޭނުންވާ ކަންތައްތަކަކީ ކޮބާތޯ ބަލައި އެކަންކަން ފުރިހަމަ ކުރަން ވެސް ޖެހޭނެ ކަމަށް ޠަލާލް ވިދާޅުވިއެވެ.
ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުން އެންމެ ބޮޑު ސަމާލުކަމެއް ދީގެން މަސައްކަތް ކުރަންޖޭހޭނީ ރާއްޖޭގައި ހެދިފަ ހުރި ގަވާއިދުތަކާއި، ގާނޫނުތަކާ އެއްގޮތްވާ ގޮތުގައި މަތިން މަސައްކަތް ކުރަން ކަމަށް ވެސް ވިދާޅުވިއެވެ.
"ކުޅިވަރުގައި އަދި ކިތަންމެ ގާތްބަޔަކު އުޅުނު ކަމުގައި ވިޔަސް، އަދި ކިތަންމެ ގިނަ ދުވަހު ކުޅިވަރުގަ އުޅުނަސް، ނުވަތަ އެސޯސިއޭޝަން ހިންގުމުގައި ޒަމާންތަކެއް ވިޔަސް، މިކަން ރަނގަޅު ކުރާށޭ ބުނަން އެބަޖެހޭ." ޠަލާލް ވިދާޅުވިއެވެ.