ރާއްޖެއިން މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ ހުރިހާ ޙައްޖުވެރިން އަރަފާތު ބިމަށް ޖަމާވެއްޖެއެވެ. ހުރިހާ ޙައްޖާޖީން މިނާއިން ޢަރަފާތަށް ދަތުރުކުރީ މިނާގައި މަޣްރިބް އަދި އިޝާނަމާދު ގަސްރުކޮށް ކުރުމަށްފަހު ސަޢުދީ ޢަރަބިއްޔާ ގަޑިން 09:00 ހާއިރުއެވެ.
މިނާއިން ޢަރަފާތު ބިމަށް ޙައްޖުވެރިން ކުރި ދަތުރަކީ ވަރަށް ފަހި އަދި ފެސާހަ ދަތުރެކެވެ. ޙައްޖު ދަތުރުތަކުގެ ތަޖުރިބާހުރި ބައެއް ފަރާތްތަކުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ޙިއްސާކުރަމުން ބުނީ، މިއީ މިހާތަނަށް އެންމެ ފަސޭހައިން ޢަރަފާތު ބިމަށް ދަތުރުކުރެވުނު ފަހަރުކަމަށެވެ. އެގޮތުން މަގުތަގެ ޓްރެފިކްގައި މަޑުކުރަން ނުޖެހުމަކީ މިފަހަރުގެ އެންމެ ބޮޑު އެއް ފަސޭހަކަމަށް ބައެއް ޙާޖީން ފާހަގަކުރިއެވެ.
ޢަރަފާތުގެ ވަގުތަކީ މެންދުރު ވަގުތުން ފެށިގެން އިރުއޮއްސުމާއި ދެމެދުއެވެ. އެހެންކަމުން ހުރިހާ ޙައްޖާޖީންވެސް މިވަގުތުތަކުގައި ޢަރަފާތުގައި ތިބޭނެއެވެ. އަދި ޒިކުރުކުރުމާއި ދުޢާކުރުމުގައި ދެމިތިބޭނެއެވެ.
މިފަހަރުގެ ޢަރަފާތުގެ އިންތިޒާމުތައްވެސް ހުރީ އެހެން އަހަރުތަކަށްވުރެ ފެންވަރު ރަނގަޅަށެވެ. އެގޮތުން ޢަރަފާތު ބިމުގައިވެސް ފޭލިގެތަކުގައި ވަނީ ޙައްޖާޖީންނަށް ފަސޭހައިން ތިބެވޭނެގޮތަށް ސޯފާ އެނދު ބަހައްޓާފައެވެ.
މިއަދުގެ އިރުއޮއްސުމާއި ހަމައަށް ޢަރަފާތުގައި ޙައްޖުވެރިން މަޑުކުރުމަށްފަހު ދެން ދަތުރުކުރާނީ މުޒްދަލިފާއަށެވެ. މުޒްދަލިފާއިން ނިކުންނާނީ ފަތިސްނަމާދު ކުރުމަށްފަހުއެވެ.
އަރަފާތާއި މުޒްދަލިފާގައި މަޑުކުރުމަށްފަހު ޙައްޖުވެރިން އެނބުރި ދާނީ މިނާއަށެވެ. އެގޮތުން ޙައްޖު މަހުގެ 11، 12 އަދި 13 ވަނަ ދުވަހުވެސް ހޭދަކުރަނީ މިނާގައެވެ.