ޚަބަރު

ހަތިޔާރު ގުދަންތަކަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ސޫރިޔާއަށް އަނެއްކާވެސް ބޮން އަޅައިފި


ސޫރިޔާ ސަރުކާރުގެ ހަތިޔާރު ގުދަންތަކަށް ގެއްލުންދޭން ކަމަށް ބުނެ، ޔަހޫދީންގެ ނިރުބަވެރި ފައުޖުން ސޫރިޔާއަށް އަނެއްކާވެސް ވައިގެ ޙަމަލާތަކެއް ދީފިއެވެ.

ސޫރިޔާއަށް ޙަމަލާދިނުން ހުއްޓިފައި އޮންނަތާ މަހެއްހާ ދުވަސް ފަހުން، ޔަހޫދީ ފައުޖުން ޙަމަލާތަކެއް ދީފައިވަނީ، ސޫރިޔާގެ ސަރަޙައްދަކުން ޒަޔަނިސްޓު އިސްރާއީލަށް އަމާޒުކޮށް ވައިގެ ދެ ޙަމަލާދީފައިވާކަމަށް ބުނެއެވެ. އަދި ރައްދުގައި ސޫރިޔާއަށް ދިން މި ޙަމަލާތަކުގެ ޒިންމާ ސޫރިޔާގައި މި ވަގުތު ވެރިކަން ކުރަމުންދާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ރައީސް އަޙްމަދު އަލް ޝަރްޢާ ނަގަންޖެހޭނެކަމަށް ވެސް ބުންޏެވެ.

ސޫރިޔާގެ އެޗްޓީއެސް ސަރުކާރުން ބުނީ، ޔަހޫދީންގެ މި ޙަމަލާތަކުގައި އިންސާނީ އަދި އުމްރާނީ ވަޞީލަތްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ. ނަމަވެސް، އެ ގެއްލުންތަކުގެ ތަފްޞީލެއް އަދި ހާމަކޮށްފައެއްނުވެއެވެ.

އެޗްޓީއެސުން ބުނީ، ސޫރިޔާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތައް ހުއްޓުވަން މަސައްކަތް ކުރަމުންދާއިރު، ސަރަޙައްދީ ހަމަނުޖެހުން ނަގައިލަން އެ ޖަމާޢަތްތަކުން ހިންގާ ޢަމަލުތަކަށް ސަރުކާރަށް ޒިންމާކުރުވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

1948ވަނަ އަހަރުގެ ޢަރަބި-އިސްރާއީލް ހަނގުރާމައަށް ފަހު އެ ދެ ޤައުމުގެ ދެެމެދުގައި ރަސްމީ ހައިސިއްޔަތަކުން ސުލްޙަ ޤާއިމު ކޮށްފައެއް ނެތެވެ. އެއަށް ފަހު، 1967ވަނަ އަހަރު ޔަހޫދީން ކުރި ހަނގުރާމައާ އެކު ދެ ޤައުމުގެ ދެމެދުގައި އޮތް ހަތުރުވެރިކަން އެތަކެއް ގުނައަކަށް އިތުރުވެގެން ދިޔަ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަމުގެ ދުވަސްވަރު ވެސް ޔަހޫދީ ފައުޖުން ވަނީ ސޫރިޔާގެ ސިޔާދަތީ މިނިވަންކަމާއި އިސްތިޤުލާލަށް އަރައިގަނެ، އެ ޤައުމަށް ނުރައްކާތެރި ޙަމަލާތަކެއް ދީފައެވެ. އަސަދުގެ ވެރިކަން ނިމުމަކަށް އައުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ޔަހޫދީ ފައުޖުން ވަނީ ސޫރިޔާގެ އިތުރު ބިންތަކެއް ފޭރިގަނެފައެވެ. ޔަހޫދީން ވެސް ޤަބޫލު ކުރާ ގޮތުގައި، އަސަދުގެ ސަރުކާރު ވައްޓައިލި އެޗްޓީއެސަކީ ނިރުބަވެރި ޖަމާޢަތެކެވެ.

އެޗްޓީއެސާއި ޔަހޫދީންނާ ދެމެދު ސުލްޙަ ޤާއިމު ކުރުމަށް އެންމެ ބޮޑަށް ބާރު އަޅުއްވަމުން ގެންދަވަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. މޭ މަހުގެ ތެރޭގައި ސަޢޫދީ ޢަަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ޓްރަމްޕް ވަނީ އެޗްޓީއެސް ސަރުކާރުގެ ރައީސް އަޙްމަދު އަލް-ޝަރާޢާ ބައްދަލު ކުރައްވާފައެވެ. އަދި، ޒަޔަނިސްޓު އިސްރާއީލާ އެކު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް ޝަރާޢަށް ބާރު އަޅުއްވާފައެވެ.