ޤައުމީ ދިފާޢީ ބާރުން އިންތިޒާމުކޮށްގެން ދައުލަތުގެ ބައެއް އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން މާލެ ސަރަޙައްދުގައި ގައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރުމަށް ނިންމަވައިފިއެވެ.
އަޟްޙާ ޢީދުގެ އުފާ ފާޅުކުރުމަށް، "ޢީދުހަވީރު 1446"ގެ ނަމުގައި ކުލަގަދަ ހަރަކާތްތަކެއް 3 ދުވަސް ވަންދެން ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.
އެންމެހާ ދިވެހިން ޢީދުގެ އުފާ ފާޅުކުރުމަށް މަގުފަހިކޮށްދެއްވުމަކީ ސަރުކާރުން ޚާއްޞަ އަހަންމިއްޔަތުކަމެެއް ދެއްވާކަމެކެވެ. 1446ވަނަ އަހަރުގެ އަޟްޙާ ޢީދުގެ އުފާ ފާޅުކުރުމުގެ ގޮތުން މާލެއާއި ހުޅުމާލޭގެ ހަތަރު ސަރަހައްދެއްގައި "ޢީދުހަވީރު 1446"ގެ ގައުމީ ހަރަކާތްތައް ކުރިއަށްގެންދަން ނިންމަވާފައިވާ އިރު، ތިން ދުވަހުވެސް ޢީދުގެ ހަރަކާތްތައް ކުރިއަށްދާނީ ހަވީރު 16:00އިން 18:00އަށެވެ. އަދި، ރޭގަނޑު ބައެއް ސްޓޯލްތައް، ރޭގަނޑު 20:30އިން ފެށިގެން ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރު ވުޒާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާ އެކު ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުން އިންތިޒާމްކޮށްގެން ކުރިއަށްގެންދަން ނިންމަވާފައި ވާ ޢީދުގެ ހަރަކާތްތައް އޮންނާނީ، މާލޭގައި ސަލްޓަން ޕާކާއި، ޖުމްހޫރީ މައިދާނުގެ އިތުރުން ހުޅުމާލޭގެ ސެންޓްރަލް ޕާކާއި، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކް ސަރަހައްދުގައެވެ.
އަޟްހާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސްގެ ކެޕްޓަން އަޙުމަދު ނާއިދު ވިދާޅުވީ، ޢީދުހަވީރުގައި، ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުގެ ފަރާތުން ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދަން ނިންމާފައިވާކަމަށެވެ. އޭގެތެރޭގައި ސިފައިންގެ ޔުނިފޯމްތަކާއި، އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކިކަހަލަ ހަތިޔާރުތަކާއި، އެއްގަމާއި ކަނޑުމަތީ ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި، އެ ތަކެއްޗާ އެކު ފޮޓޯ ނެގުމާއި ތަޖުރިބާކޮށްލުމުގެ ފުރުޞަތު ފަހިކޮށްދީ ބޭންޑުގެ ހަރަކާތްތައް ކުރިއަށްގެންދަން ހަމަޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"މިފަހަރުގެ އީދުގެ ޚާއްސަކަމެއްގެ ގޮތުގައި މިދިޔަ އަހަރުވެސް އަޅުގަނޑުމެން ރެޕެލިންގ ޓަވަރ އެއްޖެހިން. އެއީ ވަރަށް ގިނަ ކުދިން އަރަން ބޭނުންވި އިވެންޓެއް. މިަފަހަރު އަޅުގަނޑުމެން 2 ރިޕެލިންގް ޓަވަރ އެބަޖަހަން. އެއީ ހުޅުމާލެ ފޭސް 2ގަ އެއް ރިޕެލިންގް ޓަވަރ އާއި މާލޭގަ ރިޕެލިންގް ޓަވަރއެއް. އޭގެއިތުރުން ޢީދުގެ ތިން ދުވަހު ތިން ލޮކޭޝަނަކަށް މޫވް ކުރާ ގޮތަށް ޝޫޓިންގް ހޯލެއް ކުރިއަށްގެންދިއުމަށްވެސް ވަނީ ހަމަޖެހިފައި" ކެޕްޓަން އަޙުމަދު ނާޢިދު ވިދާޅުވިއެވެ.
އަޟްހާ ޢީދު ފާހަގަކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީންވެސްވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ރާވާފައެވެ. އެގޮތުން އެޗްޑީސީގެ އެސިސްޓަންޓް މެނޭޖަރ ޕީއާރް މުހައްމަދު ސިރާޖް ވިދާޅުވީ އެޗްޑީސީން ހުޅުމާލޭގައި ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށެވެ.
"ކުޑަކުދިންނަށް ޚާއްސަކޮށް ވޯޓަރ ސްޕޯޓްސް ކުޑަކުދިންނަށް ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އީދު ދުވަހު ހަވީރު 4:00-5:30އަށް ރުއްގަނޑު 1 ސަރަޙައްދުގައި ވޯޓަރ ސްޕޯޓްސް ހަރަކާތްތަކުގައި ކުޑަކުދިންނަށް ބައިވެރިވެވޭނެ ފުރުސަތު ހޯދައިދޭނަން" އެޗްޑީސީން ވިދާޅުވިއެވެ.
ޢީދުގެ ހަރަކާތްތައް ކުރިއަށްދާ ވަގުތުތަކުގައްޔާއި، ޢީދު ނަމާދުގެ ވަގުތުގައި މަގުމަތީގެ ބާރުބޮޑުވާނެކަމަށް ލަފާކޮށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ޓްރެފިކް ބެލެހެއްޓުމަށް ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ވަނީ ތައްޔާރުވެފައެވެ. އެގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ސްޕްރިންޓް އެޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަސީޙް ވަނީ މަގުމަތީގެ ބާރުބޮޑުވާ ގަޑިތަކުގައި އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.
"އިވެންޓް ކުރިޔަށްދާ ހުރިހާ ސަރަޙެއްދެއްގަ އެ ސަރަޙައްދުތަކަށް އެކަށީގެންވާ މިންވަރަށްޓްރެފިކް ކަންތައް މެނޭޖްކޮށް ބެލެހެއްޓުމުގެ އިންތިޒާމް ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދަވާނެ" ސްޕްރިންޓް އެޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަސީޙު ވިދާޅުވިއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ހަރަކާތްތައް އިންތިޒާމްކޮށްފައި ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނޭ ގޮތަށެވެ. އަދި އެކި އުމުރުފުރާގެ ކުދިންނާއި މީހުން ވެސް ޝައުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާ ކުޅިވަރުތައް ވަނީ ހިމަނާފައެވެ. އެގޮތުން، ހަރަކާތްތަކުގައި، ރާއްޖޭގެ އިހުގެ ސަޤާފަތާއި، އިހުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ސްޓޯލްތަކުން ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޒަމާނީ ކެރެކްޓަރތައް ފިއުޝަންގޮތަށް ވެސް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރު ވުޒާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ އިރު، އެ ސްޓޯލްތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ އެކި ތީމްތަކަށް، ތަފާތު އެކި ތަޖުރިބާތައް ކުރެވޭނެހެން، ހަމައެހެންމެ ކުޑަކުދިން ގަޔާވާނެ އެކިކަހަލަ ކަންކަން ހިމަނައިގެންނެވެ.
ޢީދު ފާހަގަކުރުމުގެ ގޮތުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ހަރަކާތްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ދިފާޢީ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.