ޚަބަރު

"ހާލުކިހިނެތް؟" ޕްރޮގްރާމުން ނެގޭ މައުލޫމާތު އެއްތަނަކުން ބެލާލެވޭގޮތަށް ޕޯޓަލްއެއް ހަދަނީ


  • 14000އަށް ވުރެއް ގިނަ ގޭބީސީއަށް ޒިޔާރަތްކޮށްފައިވޭ

  • ޖުމްލަ 16 އަތޮޅެއްގައި މިހާރު ޕްރޮގްރާމް ވަނީ ފެށިފައި

ރައްޔިތުންގެ ހާލަތު ދެނެގަނެ، ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ފެށި "ހާލު ކިހިނެއް؟" ޕްރޮގްރާމުން ނެގޭ މައުލޫމާތު އެއްތަނަކުން ބެލޭނެފަދަ ގޮތައް ޕޯޓަލްލެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިގޮތަށް ވިދާޅުވީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގައި ހާލުކިހިނެތް ޕްރޮގްރާމާ ގުޅޭގޮތުން މައުލުމާތުދެއްވަމުންނެވެ.

ހާލު ބެލުން ޕްރޮގްރާމަކީ ދައުލަތުގެ ޚާއްސަ ސަމާލުކަމާއި، ރައްކާތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، މުޖުތަމަޢުގެ އިޖްތިމާޢީ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމުގެ މަޤްޞަދުގައި ފަށާފައިވާ ޚާއްސަ ޕްރޮގްރާމެކެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާރ ކޮމިޓީގައި ހާލުކިހިނެތް ޕްރޮގްރާމްއާއި ގުޅޭގޮތުން ވާހަކަދައްކަމުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ލަހުފާ ޙަލީލް ވިދާޅުވީ ހާލުކިހިނެތް؟ ޕްރޮގްރާމް ފެށިފަހުން މިހާރު 1 އަހަރު ވެފައިވާއިރު މި މަސައްކަތުގެ ނަތީޖާ ވަރަށް ރަނގަޅުކަމަށެވެ. އެގޮތުން މި ޕްރޮގްރާމްގެ ސަބަބުން ރައްޔިތުންގެ ގާތުން މަސައްކަތްކުރުމުގެ ފެށިފައިވާކަމަށް ލަހުފާ ވިދާޅުވިއެވެ.

އަދި މުޖުތަމައުގައި އެހީތެރިކަން ބޭނުންވެފައިވާ ފަރާއްތައް ދެނެގަނެވި އެ ފަރާތްތަކަށް އެ ވުޒާރާއާ މުއާމަލާތުކުރުމަށް ފަސޭހަވެފައިވާކަމަށް ލަހުފާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ 4 އަތޮޅު ފިޔަވައި ދެން ހުރި ހުރިހާ އަތޮޅެއްގައި އެ ޕްރޮގްރާމް ފެށިފައިވާކަމަށެވެ. ނުފެށިވާ 4 އަތޮޅުގައި މި އަހަރު ޕްރޮގްރާމް ހިނގަން ފެށޭނެކަމަށް ވިދާޅުވިއެވެ. ލަހުފާ ވަނީ "ހާލުކިހިނެތް؟" މި ޕްރޮގްރާމްގެ އަދާހަމަ މައުލޫމާތު ހިއްސާކޮށްފައެވެ. މި ޕްރޮގްރާމް ޖުމްލަ 16 އަތޮޅެއްގައި ކުރިއަށްގެންގޮސް 14000އަށް ވުރެ ގިނަ ގޭބީސީއަށް ވަނީ ޒިޔާރަތްކޮށްފައެވެ.

ލަހުފާ ވިދާޅުވީ ޕްރޮގްރާމް އިތުރައް ހަރުދަނާ ކުރުމަށް މިހާރު ގިނަ މަސައްކަތްތަކައް ކުރަމުންދާކަމަށެވެ. އެގޮތުން އުސޫލުތަކަށް ބަދަލު ގެނައުމާއި މައްސަލަތައް އަވަހަށް ހައްލުކޮށް ނެގޭ މައުލޫމާތު އެއްވިއުގައިން ގުޅާލުމަށް ހާއްސަ ޕޯޓަލެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ރައްރަށުން ގޮތް ނެގޭ މައުލޫމާތު ޕޮޓަލަށް ލެވިގެންދާނެކަމަށް ލަހުފާ ވިދާޅުވިއެވެ. މިއީ ޕްރޮގްރާމް ހަރުދަނާކުރުމަށް ކުރެވިގެންދިޔަ މުހިންމު މަސައްކަތެއްކަމަށް ލަހުފާ ވިދާޅުވިއެވެ.

"ކުރީގެ ތަޖުރިބާއަށް ބަލާ ޕްރޮގްރާމް ހަރުދަނާކުރުމަށް ދަނީ މަސައްކަތް ކުރަމުން. ރައްޔިތުންގެ ޚިޔާލާއި އަދި އުސޫލުތައްވެސް ރިވައިސްކުރަމުން މިދަނީ. ދެން ޑިޖިޓަލައިޒްކުރުމުގެ މަސައްކަތުގެ ދަށުން ހާއްސަ ޕޯޓަލްއެއްގެ މަސައްކަތް ވަނީ ކުރެވިފައި. ހުރިހާކަމެއް އެއްވިއުގައަކުން ގުޅާލުމަށް. ދެން އޭގެ ފަހުން ހުރިހާ މައުލޫމާތެއް އެޅިގެން ދާނީ ޕޯޓަލްއަށް" ލަހުފާ ވިދާޅުވިއެވެ.

ކޮމިޓީގައި ބައިވެރިވި މެމްބަރެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ލަހުފާ ވިދާޅުވީ "ހާލުހިކިހިނެތް؟" ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި މާލޭ ސަރަހައްދުން މާލެ ފިޔަވައި އަތޮޅުތަކުގެ ހުރިހާ ރަށަކާއެކު 2026ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއަށް ނިންމާލެވޭނެކަމަށެވެ.